Roadha Mihaaru
ކެންސަރު ބަލީގައި އައިޖީއެމްއެޗަށް މަހަކު 53 މީހުން!

ކެންސަރު ބަލީގައި އައިޖީއެމްއެޗަށް މަހަކު 53 މީހުން!

02 ފެބުރުއަރީ 2020

ކެންސަރު ބަލީގައި މަހަކު އެވްރެޖްކޮށް 53 މީހުން އައިޖީއެމްއެޗުގައި ރަޖިސްޓްރީ ވާ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކެންސަރު ބަލީގައި މަހަކު އެވްރެޖްކޮށް 53 މީހުން އައިޖީއެމްއެޗުގައި ރަޖިސްޓްރީ ވާ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ކެންސަރާ ގުޅޭ ގޮތުން އެސްޓީއޯ އާއި ކެންސާ ސޮސައިޓީ އަދި ބޭސް އުފެއްދުމުގައި މަޝްހޫރު އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޑރ. ރެއްޑީ ގުޅިގެން ކުރިއަށްގެންދާ "އޮންކޯ ސްޕެކްޓްރާ 2.0" މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ޝިޔާމް ވިދާޅުވީ ކެންސަރާ ގުޅޭ ރަނގަޅު ތަފާސްހިސާބު އެނގެން ނެތް ކަމަށެވެ. ނަމަވެސް ކެންސަރަށް ފަރުވާ ދޭ ހާއްސަ ސެންޓަރެއް ހުޅުމާލެ ހޮސްޕިޓަލްގައި ހުޅުވި ފަހުން އެ ހޮސްޕިޓަލުގައި 610 މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭ ހޮސްޕިޓަލްގައި އެ ސެންޓަރު ހުޅުވީ 2017 ގަ އެވެ.

ޝިޔާމް ވިދާޅުވީ ކެންސަރުގެ ފަރުވާ ދިނުމުގެ ދާއިރާ ކުރިއަރުވަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އޭގެ އިތުރުން ކެންސަރުން ރައްކާތެރިވުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކެންސަރަކީ ލައިފްސްޓައިލާ ގުޅުން ހުރި ބައްޔެއް. ކެންސަރު ޖެހޭ މީހުންގެ 27 ޕަސެންޓަކީ ރަލާއި ދުންފަތް އިސްތިއުމާލު ކުރުމުގެ ސަބަބުން ކެންސަރު ޖެހޭ މީހުން،" ޝިޔާމް ވިދާޅުވި އެވެ.

"ދުންފަތުގެ ބާވަތްތަކުގެ ތެރެއިން ސިނގިރޭޓާއި ޝީޝާ ރާއްޖޭގައި ވަރަށް ގިނައިން ބޭނުން ކުރާ އެއްޗެއް. އެހެންކަމުން މިކަމަށް ބަދަލު ގެނައުމަކީ މުހިންމު ކަމެއް."

އޭނާ ވިދާޅުވި ގޮތުގައި ކެންސަރާ ދެކޮޅަށް ހުރިހާ އޮފީހަކުން ވެސް ވަރަށް ގިން ކަންތައް ކުރެވިދާނެ އެވެ. އޭގެ މިސާލެއްގެ ގޮތުން ވިދާޅުވީ އޮފީހުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުމާއި، ސުޕާރީ ފަދަ ތަކެތި ބޭނުންކުރުން ވެސް މަނާކުރެވިދާނެ ކަމަށެވެ.

މުވައްޒަފުން ކަސްރަތު ކުރުމަށް ބާރު އެޅިދާނެ،" ހަރަކާތްތެރި ދިރިއުޅުމަކަށް ލޯބި ޖެއްސުން މުހިންމުކަން ދެއްކެވުމުގެ ގޮތުން ޝިޔާމް ވިދާޅުވި އެވެ.

މިއަދު ފެށި ކެންސަރާ ގޫޅޭ މަހާސިންތާގައި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ޓީޗަރުން ވެސް ބައިވެރިވެ އެވެ. މި މަހާސިންތާގައި ކެންސަރަށް ލިބެން ހުރި ފަރުވާތަކާއި ބޭނުން ކުރާ ބޭހުގެ މައުލޫމާތު ފޯރުކޮށްދޭނެ އެވެ.

ޑރ. ރެއްޑީން ގެންދަނީ ކެންސަރާ ބެހޭ ބޭސް ރާއްޖެއަށް ތައާރަފުކުރަމުންނެވެ.