Roadha Mihaaru
ޝިދާތާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ނިންމައިފި

ޝިދާތާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީން ފާސްކޮށްފި

05 ފެބުރުއަރީ 2020

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ނިންމައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ނިންމައިފި އެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރުކަމަށް ވަޑައިގެންނެވި ޝިދާތާގެ އިތުބާރު ނެތް މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމީ މިއަދު ބޭއްވި އެ ގުރޫޕުގެ ބައްދަލުުވުމަށް ވަޑައިގެންނެވި 45 މެމްބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މި ނިންމުން އައީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވާ މީހެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ އަހުމަދު ހިޝާނަށް ކުރެވޭ ޖިންސީ ތުހުމަތުތައް އެނގި ތިބެ، އެކަމުގައި ޖެންޑާ މިނިސްޓްރީ އިހުމާލުވެ، މިނިސްޓަރު ޝިދާތާ "ހޫނުފެނަށް" ވެއްޓިފައި ވަނިކޮށެވެ.

އެމްޑީޕީގެ ޓުވީޓް

އުމުރުން 19 އަހަރުގެ ޒުވާނެއްގެ ބެލެނިވެރިކަން ފެމިލީ ކޯޓުން ނުދިނުމުން ވެސް އެ ޒުވާނާ ހިޝާންގެ ބެލުމުގެ ދަށުގައި ގެންގުޅުނު އިރު އެކަމުގައި އިހުމާލު ވެފައިވާތީ ޝިދާތާ އިސްތިއުފާ ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެމްބަރުން މިއަދު ގޮވައިލެއްވި އެވެ.

އެ ބޭފުޅުން އެކަމަށް ގޮވައިލެއްވީ، ޖެންޑާ މިނިސްޓްރީގެ އިހުމާލާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގަ އެވެ.

މީކާއީލް ވިދާޅުވީ، ޖެންޑާ މިނިސްޓްރީގެ އެ އިހުމާލުގެ ޒިންމާ މިނިސްޓަރު ޝިދާތާ ނަންގަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އެހެންވެ، ޝިދާތާ އިސްތިއުފާ ދެއްވުމަށް މީކާއީލް ގޮވައިލެއްވި އެވެ.

"ދުނިޔޭގެ ލަދަށްޓަކައި ނަމަވެސް މިނިސްޓަރު ޝިދާތާ އިސްތިއުފާ ދެއްވަން އެބަޖެހޭ. އިސްތިއުފާ ނުދެއްވައިފި ނަމަ އަޅުގަނޑު އިޚުލާސްްތެރިކަމާ އެކު މި އިލްތިމާސް ކުރަނީ ސަރުކާރަށް ވެސް ޖެންޑާ މިނިސްޓަރު ވަކިކުރައްވަން އެބަ ޖެހެއޭ،" އޭނާ ވިދާޅުވި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވި ގޮތުގައި، ހާއްސަ އެހީއަށް ބޭނުންވާ ޒުވާނާ، ހިޝާންގެ ބެލުމުގެ ދަށުގައި 2018 ވަނަ އަހަރުން ފެށިގެން ހުރި ހުރުމަކީ އިހުމާލަކަށް ނުވާ ނަމަ ސަަރުކާރަކުން ވާނެ އިތުރު އިހުމާލެއް ނޯންނަނެ އެވެ.

"އަޅުގަނޑު އެދެން ވަރަށް އިޚުލާސްތެރިކަމާ އެކީގައި ޖެންޑާ މިނިސްޓަރު އިސްތިއުފާ ދެއްވުމަށް. އަޅުގަނޑުމެން، އިއްޒަތްތެރި ރައީސް އޯގާތެރި ސަރުކާރުގެ ވާހަކަ ދައްކަމުން އައި ޕާޓީ، ދިވެހި ރައްޔިތުންގެޑިމޮކްރެޓިކް ޕާޓީއަކަށް ނޯވެވޭނެ، މި ކަހަލަ ކަންކަން ހިނގަމުން ދާއިރު ދެ އަތް އުރާލައިގެންނެއް،" ހަސަން ވިދާޅުވި އެވެ.

އުމުރުން ދެ އަހަރު ވެސް ނުވާ ކުޑަ އަންހެންކުއްޖަކާ، އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ބެހުނު ކަމަށް ދާދި ފަހުން ކުރި ތުހުމަތާ ގުޅިގެން ވެސް މިނިސްޓަރު ޝިދާތާ އަށް އެތައް ބައެއްގެ ފާޑުކިޔުމާއި ނުރުހުން ވަނީ އަމާޒުވެފަ އެވެ. އެކަމުގައި ވެސް ޖެންޑާ މިނިސްޓްރީގެ އިހުމާލު އޮތް ކަމަށް ބަލައި، ކަންކަން އިސްލާހު ކުރުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލިސް މެދުވެރިވެގެން މިނިސްޓަރު ޝިދާތާ އަށް ވަނީ ދީފަ އެވެ. އަދި މަޖިލީހުން ދިން ތާވަލަށް ފައްތައިގެން ކަންކަން އިސްލާހު ކުރަން ފަށާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް އަންގައިފަ އެވެ.