Roadha Mihaaru
އިތުރު ޖަލްސާއެއް ނުބޭއްވޭނެކަމަށް ކަނޑައަޅަން އެދިއްޖެ

ނަޝީދުގެ ގަރާރު އޮއްވައި މަޖިލީހުގެ އެހެން މަސައްކަތެއް ނުކުރެވޭނެކަން ކަނޑައަޅައިދޭން އެދެފި

29 އޮކްޓޯބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރު ކުރިއަށް ނުގެންގޮސް މަޖިލީހުގައި އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ގޮތަށް މާނަކޮށްދިނުމަށް އެމްޑީޕީން ސުޕްރީމް ކޯޓުގައި އެދެފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރު ކުރިއަށް ނުގެންގޮސް މަޖިލީހުގައި އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ގޮތަށް މާނަކޮށްދިނުމަށް އެމްޑީޕީން ސުޕްރީމް ކޯޓުގައި އެދެފި އެވެ.

ނަޝީދު މަގާމުން ދުރު ކުރުމަށް 49 މެންބަރުންގެ ސޮޔާ އެކު އެމްޑީޕީން ހުށަހެޅި އިތުބާރު ނެތް މައްސަލަ މިއަދަށް އޮތީ އެޖެންޑާ ކޮށްފަ އެވެ. ނަމަވެސް، ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ ޖަލްސާ ކުރިޔަށް ނުގެންދެވޭނެ ކަމަށް މަޖިލީހުން ވަނީ ނިންމަވައިފަ އެވެ.

އެކަމާ ގުޅިގެން އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފަ އެވެ. އެ މައްސަލާގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ދެ ކަމަކަށެވެ. އެއީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާ އަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ.

ދެވަނަ ކަމަކަށް އެދިފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަކޮށްދިނުމަށެވެ.

މައްސަލާގެ ތަފްސީލް ދެއްވުމަށް އެމްޑީޕީގެ ގާނޫނީ ޓީމުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް ކައުންސެލް އަހުމަދު އަބްދުﷲ އަފީފު ވިދާޅުވީ މިއަދުގެ ޖަލްސާގައި ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ ސީދާ ނައިބު ރައީސް ކަމަށް އަމީންއާންމު ނިންމެވީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. އެހެންވެ، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމީ، އެކަމުގައި ރަނގަޅު މާނަ ކުރުމެއް ކޯޓުން ކަނޑައަޅަން ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ގާނޫނީ ޓީމުން ގަބޫލުކުރާ ގޮތުގައި އަމީންއާންމުގެ ނިންމުން ގާނޫނުއަސާސީގެ 82 ވަނަ މާއްދާ އާއި މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއާ ހިލާފެވެ.

އަފީފް ފާހަގަ ކުރައްވާ ގޮތުގައި މަޖިލީހުގެ ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތެއްގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތްތައް މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ވަނީ ބަޔާން ކޮށްފަ އެވެ. އެއީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންނެވެ. އެ އުސޫލުގެ ދަށުން ނަޝީދުގެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް އެމްޑީޕީގެ ގާނޫނީ ޓީމުން ގަބޫލުކުރެ އެވެ.

އެމްޑީޕީގެ ލީގަލް ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: މަޖިލީހުގެ އަމީންއާންމުގެ ނިންމެވުން ގޯސްކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި ވަނީ އެދިފައި - ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެމްޑީޕީގެ ލީގަލް ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: މަޖިލީހުގެ އަމީންއާންމުގެ ނިންމެވުން ގޯސްކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި ވަނީ އެދިފައި - ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އަފީފް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހުއްޓޭ ފަދަ ގޮތަކަށް ގާނޫނު މާނަކޮށްގެން ނުވާނެ ކަމަށާއި އެއްވެސް ހާލަތެއްގައި މަޖިލިސް ހުއްޓޭނެ ގޮތަށް އޮތުމަކީ ތަސައްވުރު ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި އެއްވެސް ގައުމެއްގައި ވެސް މަޖިލިސް ހުއްޓުވޭނެ ހާލަތެއް ނޯންނާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އެ މައްސަލަ ކުރިއަށް ނުގެންގޮސް އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެކަން މަޖިލީހުގެ ގަވާއިދުގެ 205 މާއްދާގެ (ރ) އެނގޭ ކަމަށް އަފީފް ވިދާޅުވި އެވެ. އެ މާއްދާގައި ބުނެފައިވާ ގޮތުގައި އިތުބާރު ނެތް ކަމުގެ ގަރާރެއް ޖަލްސާއަށް ހުށަހެޅުމަށްފަހު އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހު އެވެ.

އެހެންވެ، އަފީފް ވިދާޅުވީ މިހާރު އޮތް އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނުނިންމާ ދެން އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އޭނާ މިހެން ވިދާޅުވިއިރު އަންނަ މަހުގެ 17 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވަން އަންނަނީ ތައްޔާރުވަމުންނެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރުގެ ގަރާރާ މެދު ގޮތެއް ނުނިންމާ، އިންތިހާބީ ރައީސްގެ ހުވާ ކުރުން ވެސް ކުރިއަށް ގެންދެވިދާނެ ކަމަކަށް އެމްޑީޕީގެ ގާނޫނީ ޓީމުން ނުދެކެ އެވެ. އަފީފް ވިދާޅުވީ އުއްމީދު ކުރަނީ އޭގެ ކުރިން ސުޕްރީމް ކޯޓުން މައްސަލާގައި ގޮތެއްގައި ނިންމައި، ހުރިހާ ކަމަކަށް ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.

އަފީފް ވިދާޅުވީ މަޖިލީހުގެ ކަމަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް، އެއީ އެއް ބާރު، އަނެއް ބާރުގެ ތެރެއަށް ނުފޫޒު ފޯރުވުން ފަދަ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މައްސަލަ ހުށަހެޅީ މަޖިލީހުގެ ނިންމުމަކާ ގުޅޭ ގޮތުން ނޫން ކަމަށާއި މަޖިލީހުގެ އިދާރީ ބޭފުޅަކު ނިންމެވި ނިންމުމަކާ ގުޅޭ ގޮތުންކަން އޭނާ ފާހަގަކުރެއްވި އެވެ.

މައްސަލަ ހުށަހަޅަން ޖެހުނީ މިހާރު ކަންކަން ކުރިއަށްދާ ގޮތުން ގައުމު، ދުސްތޫރީ ހުސްކަމަކަށް ދިޔުމުގެ ފުރުސަތު އޮތުމުން، އެކަމަށް ހައްލެއް ހޯދުމަށް ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.