Roadha Mihaaru
3 ކެންޑިޑޭޓުން ބާތިލްކޮށް، ޓިކެޓް އައިޝަތު މޫސާ އަށް

3 ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލްކޮށް ޓިކެޓް އައިޝަތު މޫސާ އަށް

06 ފެބުރުއަރީ 2020

މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ހަމަނުޖެހުން ބޮޑުވި ހެންވޭރު ހުޅަނގު ދާއިރާ އަށް ވާދަކުރި ތިން ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލްކޮށް، އެ ދާއިރާގެ ޓިކެޓް އައިޝަތު މޫސާ އަށް އެމްޑީޕީން ދީފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ހަމަނުޖެހުން ބޮޑުވި ހެންވޭރު ހުޅަނގު ދާއިރާ އަށް ވާދަކުރި ތިން ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލްކޮށް، އެ ދާއިރާގެ ޓިކެޓް އައިޝަތު މޫސާ އަށް އެމްޑީޕީން ދީފި އެވެ.

އަންނަ އެޕްރީލް ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓް ހޯދަން ހެންވޭރު ހުޅަނގު ދާއިރާ އިން ޕްރައިމަރީގައި ފަސް ކެންޑިޑޭޓަކު ވާދަކުރި އެވެ. މި ދާއިރާގެ ވޯޓު ފޮށި ނުގުނައި މިދިޔަ ހުކުރު ދުވަހު ބަންދުކުރީ، ވޯޓު ގުނައި ނިމެން އުޅެނިކޮށް، ބާތިލް ވޯޓެއް ކަމަށް ކަނޑައެޅި ގޮތާ މެދު ޚިލާފު އުފެދި މައްސަލަ ބޮޑުވުމުންނެވެ.

އެމްޑީޕީން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ތިން ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލްކޮށް، އައިޝާ އަށް ޓިކެޓް ދިނީ އަނެއް ތިން ކެންޑިޑޭޓުން ހަމަނުޖެހުން ހިންގައި އަމަލުކުރި ގޮތުން ކަމަށެވެ. މައްސަލަ އުފެދުނު ވޯޓު ފޮށި ގުނަން ޕާޓީގެ އޮފީހަށް ދިއުމަށް ދައުވަތު ދިނުމުން ބައެއް ކެންޑިޑޭޓުން އިއްޔެ ހަމަނުޖެހުން ހިންގާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

ވޯޓު ފޮށި އެމްޑީޕީގެ އޮފީހުން ނެރުމަށް ފަހު މަގުމައްޗަށް ވޯޓު ކަރުދާސްތައް އަޅާލަނީ. --ފޮޓޯ/ސޯޝަލްމީޑިއާ

ވޯޓު ފޮށި އެމްޑީޕީގެ އޮފީހުން ނެރުމަށް ފަހު މަގުމައްޗަށް ވޯޓު ކަރުދާސްތައް އަޅާލަނީ. --ފޮޓޯ/ސޯޝަލްމީޑިއާ

އެ ޕާޓީން ބުނިގޮތުގައި ވޯޓު އަލުން ގުނަން އުޅެނިކޮށް ހަމަނުޖެހުން ހިންގީ އެ ދާއިރާ އަށް ވާދަކުރި އަހްމަދު އާސިމާއި އިބްރާހީމް މަނިކުގެ އިތުރުން މުހައްމަދު ފިޝާވިން ސަލީމް، އިތުރު ބަޔަކާއެކު އެމްޑީޕީގެ އޮފީސް ތެރެއަށް ވަދެ އެވެ. އެ ހަމަނުޖެހުމުގައި ވޯޓު ފޮށި ޖަހައިގަނެ، އޮފީހުން ބޭރަށް ގެންގޮސް ފޮށި ހުޅުވައި ވޯޓު ކަރުދާސްތައް މަގުމައްޗަށް އުކާލައި ދެން ތިބި ކެންޑިޑޭޓުންގެ އިންތިޚާބީ ހައްގަށް އަރައިގަނެފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

އެ ތިން މެމްބަރުންގެ އަމަލަކީ، އެ ޕާޓީން ބުނިގޮތުގައި، ސުލޫކާ ޚިލާފު އަދި އެމްޑީޕީގެ ނަމުގައި އިންތިޚާބީ މަގާމަށް ވާދަކުރަން މަސައްކަތް ކުރާނެ ކެންޑިޑޭޓުންތަކެއްގެ ކިބައިން ފެނިގެން ވާނެ ފަދަ އަމަލެއް ނޫނެވެ.

"މި މައްސަލައިގައި ކަން ހިނގައިދިޔަ ގޮތަށް ބެލުމަށް ފަހު، އަހްމަދު އާސިމް (ކެންޑިޑޭޓު ނަންބަރު 3) އާއި އިބްރާހީމް މަނިކު (ކެންޑިޑޭޓު ނަންބަރު 1) އާއި މުހައްމަދު ފިޝާވިން ސަލީމް (ކެންޑިޑޭޓް ނަންބަރު 5) ގެ ކެންޑިޑެސީ ބާތިލުކޮށް ލޯކަލް ކައުންސިލް އިންތިޚާބުގެ ހެންވޭރު ހުޅަނގު ދާއިރާއިން މާލޭ ސިޓީ ކައުންސިލް އަށް މި ޕާޓީގެ ފަރާތުން ވާދަކުރާނޭ ކެންޑިޑޭޓަކީ އާއިޝަތު މޫސާ (ކެންޑިޑޭޓް ނަންބަރު 2) ކަމުގައި ނިންމާފައިވާ ވާހަކަ ދެންނެވީމެވެ،" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

އެ ޕާޓީން ބުނިގޮތުގައި ޕްރައިމަރީގައި އެންމެ ގިނަ ވޯޓު ލިބުނީ އައިޝަތު މޫސާ އާއި އާސިމަށެވެ.

ނަމަވެސް، އާސިމް ވެސް ހިމެނޭ ގޮތުން ހަމަނުޖެހުން ހިންގި ކެންޑިޑޭޓުންގެ މައްސަލަ ފިޔަވަޅު އަޅާ ކޮމިޓީ އަށް ފޮނުވާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ހެންވޭރު ހުޅަނގުގެ އިތުރުން ގއ. އަތޮޅުގެ ވޯޓު ފޮއްޓެއްގައި ވެސް މައްސަލަ ދިމާވުމުން އަލުން ޕްރައިމަރީ ބާއްވަން އޮތީ ނިންމައިފަ އެވެ.