Roadha Mihaaru
ކައުންސިލް އިންތިޚާބު މާޗުގައި ބާއްވަން ތައްޔާރުވަނީ

ކައުންސިލްތަކުގެ އިންތިޚާބު އަންނަ އަހަރުގެ މާޗުގައި ބާއްވަން ތައްޔާރުވަނީ

22 ޖޫން 2020

ގާނޫނުއަސާސީ އަށް އިސްލާހު ގެނެސް ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އަހަރުގެ މާޗު މަހު ބޭއްވޭތޯ ގާނޫނީ ކަންކަން ތަރުތީބު ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހްމަދު ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގާނޫނުއަސާސީ އަށް އިސްލާހު ގެނެސް ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އަހަރުގެ މާޗު މަހު ބޭއްވޭތޯ ގާނޫނީ ކަންކަން ތަރުތީބު ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހްމަދު ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި އޭނާ ވިދާޅުވީ އިންތިޚާބު ބާއްވާނެ ސީދާ ތާރީޚެއް އަދި ނުނިންމާ ކަމަށެވެ. އެކަމަކު، ކޮމިޝަނުގެ މަސައްކަތްތައް ހުރީ، އަންނަ އަހަރުގެ ރޯދައިގެ ކުރިން އިންތިޚާބު ބާއްވައި ނިންމަން ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އެޕްރީލް ހަތަރެއްގައި ބާއްވަން އުޅުނު އިންތިޚާބު ފަސްކުރީ ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި އެވެ. ކައުންސިލަރުންގެ ދައުރު ދެންމުމުގެ އިތުރުން ލާމަރުކަޒީ ނިޒާމު ނުހުއްޓި ޚިދުމަތް ދޭން ވަނީ ޚާއްސަ ގާނޫނެއް ވެސް ފާސްކޮށްފަ އެވެ. އެ ގާނޫނަށް އަމަލުކުރާތާ އެއް އަހަރުގެ ތެރޭގައި ކައުންސިލްތަކުގެ އިންތިޚާބު ބާއްވަން ޖެހެ އެވެ.

ގާނޫނަށް އަމަލުކުރަން ފެށި ތާރީޚުން ބަލާ ނަމަ އެއީ، މެއި، 9، 2021 ގެ ކުރިންނެވެ.

"މާޗު މަހޭ މި ދަންނަވަނީ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން އަދި ވަކި ތާރީޚެއް ކަނޑައަޅާފައި އޮތީކީއެއް ނޫން. ރޯދަ މަހުގެ ކުރިއަށް އިންތިޚާބު ރޭވޭތޯ އަޅުގަނޑުމެން މަސައްކަތް މި ކުރަނީ. މާޗު މަހުގެ ކުރީކޮޅުގެ ތާރީޚެއްގައި ކަމަށް ބޮޑަށް ބުރަވެވެނީ،" ޝަރީފް ވިދާޅުވި އެވެ.

އިންތިޚާބާ ގުޅޭ ގޮތުން އަލަށް އެކުލަވައިލި ޚާއްސަ ގާނޫނުން ވެސް އެ އިންތިޚާބުގައި ވާދަކުރާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހައްލެއް ލިބިފައި ނުވާ ކަމުގެ ކަންބޮޑުވުން ޝަރީފް ފާޅުކުރެއްވި އެވެ. އިންތިޚާބަށް ފޯމު ހުށަހެޅި ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން 200 އަށް ވުރެން ގިނަ މީހުން ޝަރުތު ހަމަވާ ކަމަށް އީސީން ވަނީ ކަނޑައަޅައިފަ އެވެ.

ޚާއްސަ ގާނޫނުގައި އޮންނަނީ، ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އުވައިލާތާ ހަތް ދުވަހުގެ ތެރޭގައި އިންތިޚާބަށް އިއުލާން ކުރަން ޖެހޭނެ ކަމަށެވެ. އެ ދުވަހުން ފެށިގެން ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތުން ސަސްޕެންޑް ވާނެ އެވެ.

"މާޗު މަހޭ މި ދަންނަވަނީ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން އަދި ވަކި ތާރީޚެއް ކަނޑައަޅާފައި އޮތީކީއެއް ނޫން. ރޯދަ މަހުގެ ކުރިއަށް އިންތިޚާބު ރޭވޭތޯ އަޅުގަނޑުމެން މަސައްކަތް މި ކުރަނީ. މާޗު މަހުގެ ކުރީކޮޅުގެ ތާރީޚެއްގައި ކަމަށް ބޮޑަށް ބުރަވެވެނީ،"--- ޝަރީފް

ކުރިން ނަމަ، ސިވިލް ސާވިސްގެ މުވައްޒަފުންނަށް މަސައްކަތަށް ނުނިކުމެވެނީ އިންތިޚާބުގައި ނަން ތަރުތީބު ކުރުމަށް ފަހު، ކެމްޕޭނަށް ފުރުސަތު ހުޅުވައިލުމުންނެވެ. އެއީ، ގާތްގަނޑަކަށް 30 ދުވަހަށެވެ.

ޝަރީފް ވިދާޅުވި ގޮތުގައި މިހާރު ގާނޫނު އޮތް ގޮތުން ނަމަ، ގާތްގަނޑަަކަށް 7-8 މަސް ދުވަހުގެ މުއްދަތަކަށް ސިވިލް ސާވިސްގެ މުވައްޒަފުން ސަސްޕެންޑް ވާނެ އެވެ. މިކަމުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދަން ސިވިލް ސާވިސް ކޮމިޝަނާ މަޝްވަރާ ކުރަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ސިޓީ ކައުންސިލްތައް ހިމެނޭ ގޮތުން 982 ކައުންސިލަރުން ހޮވާނެ އެވެ. މި އިންތިޚާބަށް އެމްޑީޕީން 877 ގޮނޑި އަށް، ޕީޕީއެމުން 673 ގޮނޑި އަށް ވަނީ ކުރިމަތިލައިފަ އެވެ.

ގާނޫނުއަސާސީ އަށް ގެނައި އިސްލާހާ އެކު، ކައުންސިލްތަކުގެ އިންތިޚާބު ބޭއްވެންދެން މިހާރު ތިއްބެވި ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ އެވެ. ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ބިލް ފާސްކޮށްފައިވާ އިރު، ކައުންސިލްތަކަށް މިހާރު ދީފައިވާ ގާނޫނީ ބޮޑެތި ބައެއް ބާރުތައް އެ ބިލުން ވަނީ ހަނިކޮށްފަ އެވެ.