Roadha Mihaaru
އެލައިޑްގެ ޕޮލިސީތައް ދިރާގު ޕޭއިން މިހާރު ނެގޭނެ

ދިރާގު ޕޭ އިން އެލައިޑް އިންޝުއަރެންސް ޕެކޭޖްތަކަށް ފައިސާ ދެއްކޭ ގޮތް ހަދައިފި

06 ފެބުރުއަރީ 2020

ދިރާގުގެ ޑިޖިޓަލް ވޮލެޓް، ދިރާގު ޕޭ މެދުވެރިކޮށް ވެސް އެލައިޑް އިންޝުއަރެންސްގެ ޕޮލިސީތަކަށް ފައިސާ ބަލައިގަތުމުގެ ޚިދުމަތް ދޭން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދިރާގުގެ ޑިޖިޓަލް ވޮލެޓް، ދިރާގު ޕޭ މެދުވެރިކޮށް ވެސް އެލައިޑް އިންޝުއަރެންސްގެ ޕޮލިސީތަކަށް ފައިސާ ބަލައިގަތުމުގެ ޚިދުމަތް ދޭން ނިންމައިފި އެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ހަފްލާއެއްގައި އެކަމުގެ އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ ،އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދެވެ. އެލައިޑުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަފާޒެވެ.

މި ހިދުމަތާ އެކު، ދިރާގު ޕޭ ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް އެލައިޑްގެ އެޕްލިކޭޝަނާއި ވެބްސައިޓް އަދި www.travelers.mv އިން އެ ކުންފުނީގެ ހުރިހާ އިންޝުއަރެންސް ޕޮލިސީތަކަށް ފައިސާ ބަލައިގަނެވޭނެ އެވެ. އަދި އެ ކުންފުނީގެ ކަސްޓަމާ ސާވިސް ސެންޓަރުތަކުން 'ކިއުއާރު ކޯޑް' ބޭނުންކޮށްގެން ނުވަތަ އެލައިޑްގެ މާޗެންޓް އައިޑީ ޖަހައިގެން ދިރާގު ޕޭއިން ފައިސާ ދެއްކޭނެ އެވެ. ނަމަވެސް، މި ގޮތަށް ފައިސާ ދެއްކޭނީ މެ ލައިފް އިންޝުއަރެންސް ފިޔަވައި އެހެން ހުރިހާ ޕޮލިސީތަކަށެވެ.

ގިނަ ބައެއްގެ މެދުގައި މަގުބޫލު ދިރާގު ޕޭ އަކީ ކޭޝްލެސް ކޮށް ފައިސާގެ މުއާމަލާތް ހިންގޭ ގޮތަށް ތައްޔާރު ކޮށްފައިވާ ޑިޖިޓަލް ވޮލެޓެކެވެ. އަދި ނިއާ ފީލްޑް ކޮމިނިކޭޝަން (އެން.އެފް.ސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުން ވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާ ދެއްކޭނެ ގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެ ގޮތަށް ތައާރަފްކުރި މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަ ކާމާއި، ރައްކާތެރިކަމާ އެކީ ބާޒާރު ކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެ އެވެ.

ދިރާގު ޕޭގެ ހިދުމަތް މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކުން 270 މާޗެންޓުން ފޯރުކޮށްދެ އެވެ. މި މާޗެންޓުން މެދުވެރިކޮށް ކުރާ ހުރިހާ ވިޔަފާރިއަކުން 10-50 އާ ދެމެދުގެ ޑިސްކައުންޓެއް ވެސް ލިބޭނެ އެވެ.