Roadha Mihaaru
ފުލުހުން ފިސްތޯލައާއެކު ނުކުންނަ ވަގުތު ޖެހިއްޖެ:ރިޔާޒް

ސްވޮޓް ފުލުހުން ފިސްތޯލައާ އެކު ނުކުންނަ ވަގުތު ޖެހިއްޖެ: ރިޔާޒް

06 ފެބުރުއަރީ 2020

ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން، ފުލުހުންގެ ތެރޭގައި އޮންނަ ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވޮޓް) އިން ފިސްތޯލައާ އެކު ނުކުންނަ ވަގުތު ޖެހިއްޖެ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން، ފުލުހުންގެ ތެރޭގައި އޮންނަ ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވޮޓް) އިން ފިސްތޯލައާ އެކު ނުކުންނަ ވަގުތު ޖެހިއްޖެ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް މިރޭ ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ އެކި މަގާމުތަކުގައި ފަންސަވީހަކަށް އަހަރު ހޭދަކުރެއްވި ރިޔާޒް މިހެން ވިދާޅުވެ ޓްވީޓް ކުރެއްވީ، ހުޅުމާލޭގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ޗައިނާގެ ދެ މީހަކަށާއި އޮސްޓްރޭލިއާގެ މީހަކަށް ބަޔަކު ދިން ވަޅީގެ ހަމަލައިގެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެ، ބައިނަލްއަގްވާމީ މީޑިއާގެ ސަމާލުކަމަށް ވެސް އެކަން އައިސްފައި ވަނިކޮށެވެ.

ޗައިނާގެ ޓޫރިސްޓަކަށާއި ރާއްޖޭގައި މަސައްކަތް ކުރާ އެ ގައުމުގެ މީހަކަށާއި އޮސްޓްރޭލިއާގެ މީހަކަށް މި ހަމަލަދިނީ ފުލުހުން ތުހުމަތު ކުރާ ގޮތުގައި ދީނީގޮތުން ހަރުކަށި ވިސްނުމުގެ ބައެކެވެ. އެ މައްސަލައިގައި މިހާތަނަށް ހަ މީހަކު ހައްޔަރުކޮށް، ފުލުހުން ވަނީ ވަރުގަދަ ތަހުގީގެއް ފަށައިފަ އެވެ. އެކަމަކު، މާ ގިނަ މައުލޫމާތެއް ފުލުހުން އަދި އާންމެއް ނުކުރެ އެވެ.

އެނގިފައިވާ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި، ހަރުކަށި ފިކުރާ ދެކޮޅަށް ސިފައިންނާއި ފުލުހުން ދާދި ފަހުން ޚާއްސަ އޮޕަރޭޝަނެއް ހިންގި ރ. މަޑުއްވަރީގެ ބަޔަކު ވެސް ހިމެނެ އެވެ. ބިދޭސީ ތިން ފިރިހެނަކަށް ހުޅުމާލޭގައި ދިން ވަޅީގެ ހަމަލައިގައި ހައްޔަރުކުރި މީހުންނާ، މަޑުއްވަރީގެ ހަރުކަށި ފިކުރުގެ ބަޔަކާ ގުޅުން އޮތް ކަމަށް ވެ އެވެ.

މި ހަމަލައާ ގުޅިގެން، ކުރީގެ ސީޕީ އަދި ތިމަރަފުށީ ދާއިރާގެ ޖޭޕީގެ މެމްބަރު ރިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައްޔިތުންނާއި ޓޫރިސްޓުންގެ ރައްކާތެރިކަމަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ސްވަޓް ފުލުހުން ފިސްތޯލަ ހިފައިގެން ރަށުތެރޭގައި ހަރަކާތްތެރިވާން ޖެހޭ ހާލަތު އަތުވެއްޖެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"ފުލުހުން ބާރުވެރި ކުރެވިގެން ގައުމު އަމާން ކުރެވޭނީ،" ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ދެ އަހަރު ވަންދެން ހުންނެވި ރިޔާޒް ވިދާޅުވި އެވެ.

ކުރީގެ ސީޕީ ރިޔާޒްގެ ޓުވީޓް

ވަޅީގެ ހަމަލައިގައި ޒަހަމްވި ތިން ބިދޭސީންގެ ތެރެއިން ދެ މީހަކަށް އަދިވެސް އަންނަނީ ހޮސްޕިޓަލްގައި ފަރުވާދެމުން ކަމަށް ފުލުހުން މިރޭ ބޭއްވި ޕްރެސް ބްރީފިންއެއްގައި ބުންޏެވެ.

އަންގާރަ ދުވަހުގެ ރޭ އަށެއް ޖަހަން އުޅެނިކޮށް ހުޅުމާލޭގައި ދިން ވަޅީގެ ހަމަލައާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެންއެސްސީ) ގެ ކުއްލި ބައްދަލުވުމެއް ވެސް ބާއްވަވައިފަ އެވެ.

އެ ބައްދަލުވުމަށް ފަހު، ނެރުއްވި ބަޔާނުގައި ރައީސް ވަނީ ދިވެހިންނާއި ރާއްޖޭގައި އުޅޭ ބިދޭސީންގެ ރައްކާތެރިކަން ސަރުކާރުން ކަށަވަރު ކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ރައީސް ވިދާޅުވީ، ދިވެހިންނާއި ރާއްޖޭގައި އުޅޭ ބިދޭސީން އަދި ރާއްޖެ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަރުކާރުން އެންމެ ބޮޑަށް އިސްކަމެއް ދޭ އެއް ކަންތައް ކަމަށެވެ. އަދި ރާއްޖޭގައި މިފަދަ ފިނޑި އަމަލުތައް ހިންގަން މަސައްކަތް ކުރާ، އަދި އެފަދަ އަމަލުތައް ހިންގާނެ ކަމުގެ އިންޒާރުދޭ ފަރާތްތަކާ ދެކޮޅަށް ވަގުތުން ވަގުތަށް ފިޔަވަޅު އަޅަމުން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.