Roadha Mihaaru
އަލީ ސޯލިހަށް ހަމަލާދިން މީހާ 15 ދުވަހަށް ބަންދަށް

އަލީ ސޯލިހަށް ހަމަލާދިން މީހާ 15 ދުވަހަށް ބަންދުކޮށްފި

23 އޯގަސްޓް 2022

ތިމާވެއްޓާއި ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހަށް ތޫނު އެއްޗަކުން ހަމަލާދިން މީހާ 15 ދުވަހަށް ބަންދުކުރަން ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ތިމާވެއްޓާއި ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހަށް ތޫނު އެއްޗަކުން ހަމަލާދިން މީހާ 15 ދުވަހަށް ބަންދުކުރަން ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ފުލުހުން ބުނީ، އެ މީހާ 15 ދުވަހަށް ބަންދުކުރަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން މިއަދު އަމުރުކޮށްފައިވާ ކަމަށެވެ.

ހުޅުމާލޭގައި ހިންގާ އަމިއްލަ ކުންފުންޏެއްގައި އޮތް ސްކޫލުގެ ހަރަކާތަކަށް ދަރިފުޅު އެ ތަނަށް ލާފައި ވަޑައިގަންނަވަނިކޮށް، އިއްޔެ މެންދުރު އަލީ ސޯލިހަށް ތޫނު އެއްޗަކުން ހަމަލަދީ، ޒަހަމްކޮށްލީ މިދިޔަ ޖުލައި މަހު 1 ގައި ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަކުރި މީހާ އެވެ. ހުކުރު ނަމާދަށް މީހުން ޖަމާވެފައި ތިއްބައި މިންބަރަށް އެ މީހާ އެރުމުން ހައްޔަރުކުރި ނަމަވެސް ހަމަ އެ ދުވަހު ދޫކޮށްލި އެވެ. ސަބަބެއް ކަމަށް ބުނީ ނަފުސާނީ ބަލީގެ މީހެއް ކަމަށް ވުމެވެ.

އޭނާއަކީ ނަފުސާނީ ބަލިމީހެއްކަން ސާބިތުވާ މެޑިކަލް ރިޕޯޓުތައް އާއިލާ އިން ހުށަހެޅުމުން އޭނާ ހަމަ އެ ދުވަހު އާއިލާއާ ހަވާލުކުރީ އެވެ.

އޭގެ ފަހުން ވެސް މަގުމަތީގައި އެކި މީސްމީހުންނަށް އިންޒާރުދީ، އުނދަގޫ ކުރަމުންދިޔަ، ރ. މަޑުއްވަރީގެ އެ މީހާ އަލީ ސޯލިހަށް ހަމަލަދިނީ މިހާރުގެ ސަރުކާރަށް ނިސްބަތްވާ ބޭފުޅެއް ކަމަށް ބުނެ ކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ.

އަލީ ސޯލިހަށް ހަމަލަދިންތާ އިރުގަނޑެއްގެ ތެރޭގައި އެ މީހާ ހައްޔަރު ކޮށްފައިވާއިރު، އޭނާ ވަނީ އަލީ ސޯލިހުގެ ވައަތުން 2-3 އިންޗީގެ ތަނެއް ކަފާލައިފަ އެވެ. އަދި ބުރަކައްޓަށް ހަމަލަދިން ނަމަވެސް އެ ހަމަލައިގައި ކަނޑައިގެން ދިޔައީ ގަމީހުގެ ތަންކޮޅެކެވެ.

އޭނާ އަށް ހަމަލަދޭ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުވެފަ އެވެ. އެ މީހާ މީގެ ދެ ރޭ ކުރިން ފުލުހުންނަށް އިންޒާރުދީ، ކުރިމަތިލާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުވި އެވެ.

އެ މީހާ އަކީ އެންމެނަށް ވެސް އޮތް ބިރެއް!

އެ ހަމަލާއާ ގުޅިގެން އަލީ ސޯލިހު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭނާ އަށް ދިން ނުރައްކާތެރި ހަމަލާއިން ހަނިގޮތަކަށް ސަލާމަތްވެވުނު ނަމަވެސް އެއީ ކޮންމެ ފެންވަރެއްގެ ސިޔާސީ ބޭފުޅެއް، ނޫސްވެރިކަމުގައި ހަރަކާތްތެރިވާ މީހެއް ނުވަތަ އެފަދަ އެހެން މަސައްކަތުގައި އުޅުއްވާ ބޭފުޅުންނަށް ކޮންމެ ފަދަ ވަގުތެއްގައި ވެސް ކުރިމަތިލާން ޖެހިދާނެ ފަދަ ބިރުވެރި އަނިޔާވެރި އިންޒާރެއްކަމުގައި ދެކޭ ކަމަށެވެ.

"ދިސް އިސް ނޮޓް އެބައުޓް އަލީ ސޯލިހް އިޓް ކުޑްބީ އެނީވަން،" އެ ބަޔާނުގައިވެ އެވެ.

އޭނާ އަށް އަމާޒުވި ހަމަލާގައި ހިމެނޭ މީހަކީ ފަހަކަށް އަައިސް މުޖުތަމައުގައި އާންމުންނަށް ނުރައްކަލަކަށް ވެފައިވާ މީހެއް ކަމަށެވެ. އޭނާ ވިދާޅުވީ، ސިޔާސީ މީހުންނަށާއި ސަރުކާރުގެ އޮފީސްތަކަށް ވަދެ ބިރުދައްކައި، ފުލުހުންނަށް އެކި ކަހަލަ އިންޒާރުތައް ދޭއިރު، އޭނާ މުޖުތަމައު އަށް ދޫކޮށްލާފައި ހުންނަނީ ކީއްވެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

"އެނގެން ހުރި އަދި ފެންނަން ހުރި އެކިއެކި މައުލޫމާތަށް ބަލާއިރު މި މީހާ މިއީ ސިކުނޑީގެ އުނިކަމެއް ހުރި މީހެއް ކަމަށް ބުނެ ޑޮކްޓަރަކު ދޭ ލިޔުމަކަށް އެކަނި ބަރޯސާވެ އިތުރު ޑޮކްޓަރުން ނުވަތަ މެޑިކަލް ބޯޑުން ނަމަވެސް އިތުރަށް ނުބުލައި، މިފަދަ މުޖުތަމަ އަށް ނުރައްކާތެރި މީހަކު އާންމުކޮށް ދޫކޮށްލައިފައި ހުރުމަކީ މުޅި މުޖުތަމަ އަށް އޮތް ބިރެކެވެ. ނުރައްކަލެކެވެ،" އެ ބަޔާނުގައިވެ އެވެ.

"ސިކުނޑީގެ އުނިކަމެއް ހުރި މުޖުތަމައު އަށް ނުރައްކާތެރި މީހުން ތިބެން ވާނީ ދައުލަތުގެ ހާއްސަ ބެލެހެއްޓުމުގެ ދަށުގަ އެވެ."