Roadha Mihaaru
އައިޝާއަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް

އައިޝާއަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

11 ފެބުރުއަރީ 2020

ޖެންޑާ މިނިސްޓަރުކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި އައިޝަތު މުހައްމަދު ދީދީއަށް ރުހުން ދިނުމުގެ މައްސަލަ، ދިރާސާ ކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިއަދު ފޮނުވައިިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޖެންޑާ މިނިސްޓަރުކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި އައިޝަތު މުހައްމަދު ދީދީއަށް ރުހުން ދިނުމުގެ މައްސަލަ، ދިރާސާ ކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިއަދު ފޮނުވައިިފި އެވެ.

އައިޝާ ޖެންޑާ މިިނިސްޓަރުކަމުގެ މަގާމަށް މިދިޔަ ބުދަދުވަހު އަައްޔަން ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި ޝިދާތާ ޝަރީފް، އާންމުންގެ ފާޑުކިޔުންތަކާ ހެދި، އިސްތިއުފާދެއްވުމުންނެވެ.

އައްޑޫ ހިތަދުއަށް އުފަން އައިޝާއަކީ މައުމޫންގެ ވެރިކަމުގެ ފަހުކޮޅު ރާއްޖެއަށް ޒަމާނީ ވެރިކަމުގެ ނިޒާމެއް ގެންނަން އިދިކޮޅު ފަރާތްތަކުން ފެށި ހަރަކާތްތަކާ ގުޅިގެން ކެބިނެޓް އާކުރައްވަން ގެންނެވި އާ މިނިސްޓަރުންގެ ތެރެއިން އެއް ބޭފުޅެވެ. އޭނާ ވަނީ ޖެންޑާ މިނިސްޓަރުކަން 2005-2008 އަށް ކުރައްވައިފަ އެވެ. އޭގެ ކުރިން މަސައްކަތް ކުރެއްވީ ކުޑަކުދިންނާ ގުޅޭ ބައިނަލްއަގުވާމީ ޖަމާއަތް ޔުނިސެފްގަ އެވެ.

އައިޝާ، އިންޑިއާ ސަފީރުކަމަށް ޑިސެމްބަރު 2018 ގައި އައްޔަން ކުރެއްވުމާ ހިސާބަށް ހުންނެވީ ވިލާ ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމުގަ އެވެ. އޭނާ ވަނީ އިނގިރޭސި ވިލާތުން މާސްޓާސް އޮފް އާޓްސް ހާސިލް ކުރައްވައިފަ އެވެ. އަދި އޭގެ ކުރިން، ލުބުނާގެ އެމެރިކަން ޔުނިވަސިޓީން ބެޗެލާ އޮފް އާޓްސް އާއި ޑިޕްލޮމާ އިން ޓީޗިން ވެސް ފުރިހަމަ ކުރެއްވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދެވަނަ ޖެންޑާ މިނިސްޓަރުގެ މަގާމާ އެކު، އައިޝާ ވެފައި ވަނީ މިހާރުގެ ކެބިނެޓުން ފުރުސަތު ލިބިވަޑައިގެންނެވި އައްޑޫގެ ފުރަތަމަ ބޭފުޅާ އަށެވެ. އޭނާ އަކީ އެމްޑީޕީގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު އަދި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީގެ އެއްބަނޑުއެއްބަފާ ދައްތަ އެވެ.

ޖެންޑާ މިނިސްޓަރުގެ މަގާމާ އައިޝާ މި ހަވާލުވެވަޑައިގަތީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި އިހުމާލުވުމުގެ މައްސަލަތައް އިތުރުވެ، ފިޔަވަޅު ނޭޅޭ ކަމުގެ ޝަކުވާތަކާ އެކު ޖެންޑާ މިނިސްޓްރީ އަށް ފާޑުކިއުން ބޮޑުވެފައި ވަނިކޮށެވެ. އެ މަގާމުގައި ކުރިން ހުންނެވި ޝިދާތާ އިސްތިއުފާ ދެއްވީ އެ ފާޑުކިއުންތަކާއި އިތުބާރު ނެތް ކަމުގެ ވޯޓުން މަގާމުން ދުރުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ކުރިމަތިކުރުވި ފިއްތުންތަކާ ހެދި އެވެ.