Roadha Mihaaru
ސްލޯއޭ ބުނާ މީހުންނަށް ސަރުކާރުގެ ސްޕީޑް ކިޔައިދީފި

ސްލޯއޭ ބުނާ މީހުންނަށް މި ސަރުކާރުގެ ސްޕީޑް ފައްޔާޒު ކިޔައިދެއްވައިފި

08 ޖެނުއަރީ 2022

ރަށްރަށުގެ އުމްރާނީ ތަރައްގީ އަށް ކުރީގެ އެއްވެސް ސަރުކާރަކުން މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިނުވާ މިންވަރަށް މި ސަރުކާރުން އެ މަސައްކަތް ކޮށްފައިވާ ކަމަށް ވިދާޅުވެ ސަރުކާރުގެ "ސްޕީޑް ސްލޯ" ކަމަށް ބުނާ މީހުންނަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރަށްރަށުގެ އުމްރާނީ ތަރައްގީ އަށް ކުރީގެ އެއްވެސް ސަރުކާރަކުން މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިނުވާ މިންވަރަށް މި ސަރުކާރުން އެ މަސައްކަތް ކޮށްފައިވާ ކަމަށް ވިދާޅުވެ ސަރުކާރުގެ "ސްޕީޑް ސްލޯ" ކަމަށް ބުނާ މީހުންނަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިން އިފުތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ފައްޔާޒު ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ 186 ރަށް އޮތް އިރު، މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި އޭގެ ތެރެއިން 100 އަށް ވުރެ ގިނަ ރަށުގެ ބަނދަރު ހެދުމާއި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމާއި ފުޓުބޯޅަ ދަނޑުތައް ހެދުމުގެ މަސައްކަތް ވެސް ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ.

"އެތައް އިންޖީނު ގެއެއް އެޅި ނުވަތަ ބަދަލުކުރުމުގެ ވާހަކަ އަޑުއިވޭ. އެތައް ސްކޫލުތަކެއް އެޅި އެތައް ކުލާސްރޫމުތަކެއް އެޅި، އެތައް މިސްކިތްތަކެއް އެޅި، މިފަދަ އެތައް ބައިވަރު އުމްރާނީ ތަރައްގީތަކެއް މި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ކުރެވޭ ވާހަކަ މި ދައްކަނީ،" ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ފައްޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑު ހިތަށް އަރަނީ 186 ރަށް އޮތް އިރުގައި ވޭތުވެދިޔަ 30 އަހަރު ނުވަތަ 100 އަހަރު ނުވަތަ 1،000 އަހަރު ކީއްބާއޭ ކުރެވިފައި މި އޮތީ. ސުލޯ ތޯ؟ ސުލޯ ތޯ ދެން ތިބޭފުޅުން ވިސްނާލައްވާ."

ގިނަ ރަށްތަކެއް އަދި ކިރިޔާ ފެނާ ނަރުދަމާ މަސައްކަތް ފެށުނުއިރު، ގައިން ތާހިރުވުމުގެ ކަންކަން މި ފެށުނީ އަދި ކިރިޔާ ކަމަށާއި އެހެންވެ، މިއީ "ސުލޯ" ސަރުކާރެއް ކަމަށް ބުނެވެން ނެތް ކަމަށް ވިދާޅުވި އެވެ. ސަރުކާރު "ސުލޯ" ކަމަށް ކިޔާއިރު، ރަށްރަށުގައި ހިންގާ ގިނަ މަޝްރޫއުތަކާ ހަވާލުވެފައި ވެސް ވަނީ "ސުލޯއޭ ބުނާ މީހުން" ގެ ކުންފުނިތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެއްވެސް ބަޔަކަށް ނުވި ކަންކަން ރައީސް ކޮށްދެއްވައިފި

އިންޓަނެޓްގެ އަގުހެޔޮ ކުރުމާއި މިނިމަން ވޭޖް ކަނޑައެޅުމަކީ ވެސް އެއްވެސް ސަރުކާރަކަށް ނުވެ އޮތް ކަމެއް ކަމަށާއި އެކަންކަން ވެސް ކުރީ މި ސަރުކާރުން ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އަދި އިންޓަނެޓް އަގުބޮޑު ވާހަކަ އާއި ސުލޯ ވާހަކަ ދައްކާ އަޑު މިހާރު އިވޭތޯ ފައްޔާޒު ސުވާލުކުރެއްވި އެވެ.

"މިނިމަން ވޭޖާ އެކު ރިސޯޓުތަކުގެ މަސައްކަތް ކުރާ 13،000 އަށް ވުރެ ގިނަ ދިވެހި މުވައްޒަފުންނަށް 358 މިލިއަން ރުފިޔާ މިހާރު ކޮންމެ އަހަރަކު އިތުރަށް ލިބޭނެ. އަދި ދައުލަތުގައި މަސައްކަތް ކުރާ 15،000 ވުރެ ގިނަ މުވައްޒަފުންނަށް 600 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަހަރަކު ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

މި ހުރިހާ ކަމެއް ކުރަމުން އައީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވި ދަތިތަކާ އެކު ވެސް ހުއްޓުމެއް ނެތި ކަމަށާއި އެހެންވެ މިއީ ސުލޯ ސަރުކާރެކޭ ބުނެވެން ނެތް ކަމަށް ވިދާޅުވި އެވެ. މިދިޔަ ތިން އަހަރުގެ ތެރޭގައި އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް ރާއްޖެ އަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި އަދުލު އިންސާފުގެ ދާއިރާ އަށް ވެސް ބޮޑެތި ހައްލުތަކެއް ގެނެވިއްޖެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މީގެން ފެންނަނީ ހަރުދަނާ ސިޔާސަތުތަކާ އެކު، އެކަން ކުރިއަށް ގެންދިއުމުގެ ގާބިލުކަން ހުރި ވެރިއެއް،" ފައްޔާޒު ވިދާޅުވި އެވެ.

"ހަމަ އެއް ގޮތަކަށް ވެސް ނުކުރެވި ހުރި ކަންކަން ރައީސް ވަޑައިގެން އެ ކުރެއްވީ. އެކަމަކު އަދިވެސް ބުނާނެ ސުލޯއޭ، ކަމެއް ނުކުރެވެޔޭ."