Roadha Mihaaru
މާލޭ ސިޓީ ކައުންސިލަށް އިންޑިއާ އިން 16 ވެހިކަލް

މާލޭ ސިޓީ ކައުންސިލަށް އިންޑިއާ އިން 16 ވެހިކަލް ދީފި

12 ފެބުރުއަރީ 2020

މާލޭގެ އެކި ކަންކަމަށް ބޭނުންވާ 16 ވެހިކަލްގެ ތެރެއިން ބައެއް އެއްޗެހި، އިންޑިއާ ސަރުކާރުން މިއަދު މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މާލޭގެ އެކި ކަންކަމަށް ބޭނުންވާ 16 ވެހިކަލްގެ ތެރެއިން ބައެއް އެއްޗެހި، އިންޑިއާ ސަރުކާރުން މިއަދު މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފި އެވެ.

ގާތްގަނޑަކަށް 8 މިލިއަން ރުފިޔާ ހޭދަކޮށްގެން ހޯދައިދޭ ވެހިކަލްތަކުގެ ތެރެއިން ހަވާލުކުރީ ފޯކް ލިފްޓަކާއި ވައިބްރޭޓާ ޕްލޭޓަކާއި ޑަމްޕަރަކާއި ވޯޓާ ބައުޒަރަކާއި ޕިކަޕެކެވެ. ބާކީ ހުރި ވެހިކަލްތައް އެޕްރީލް މަހު ލިބޭނެ ކަމަށް، ކައުންސިލުން ބުނެ އެވެ.

ސާމާނު ހަވާލުކުރަން ބޭއްވި ރަަސްމިއްޔާތުގައި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރާއި މާލޭގެ މޭޔަރު ޝިފާ މުހައްމަދުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގަތެވެ. ވެހިކަލްތައް ހަވާލުކޮށްދެއްވީ ސަންޖޭ އެވެ. އެ އެއްޗިއްސާ ހަވާލުވެވަޑައިގަތީ ޝިފާ އެވެ.

މާލޭގެ މޭޔަރު ޝިފާ ވާހަކަދައްކަވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މާލޭގެ މޭޔަރު ޝިފާ ވާހަކަދައްކަވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ މި ވަގުތަށް ބޭނުންވާނެ ވެހިކަލްތައް ކަނޑައެޅީ އެކަމަށް ހެދި އޮޑިޓަކަށް ފަހު ކަމަށެވެ. ކައުންސިލްގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކުރަން ހެވީ މެޝިންތަކާއި ހެވީ ވެހިކަލް ބޭނުންވާ ކަން އެ އޮޑިޓުން ފާހަގަކުރެވުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަންޖޭގެ ވާހަކާގައި، އިންޑިއާ އިން ރާއްޖޭގެ ތަރައްގީއަށް އަބަދުވެސް އެހީވާނެކަމުގެ ޔަގީންކަން ދެއްވި އެވެ. އަދި މީގެ ކުރިން ވެސް މާލޭ ސިޓީ ކައުންސިލަށް އެހީތެރިވެފައިވާނެ ކަމަށާއި އެކަން ކުރިއަށް ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މޭޔަރު ޝިފާ އާއި އިންޑިއާގެ ސަފީރު ސަންޖޭ ސަލާންކުރައްވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މޭޔަރު ޝިފާ އާއި އިންޑިއާގެ ސަފީރު ސަންޖޭ ސަލާންކުރައްވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޝިފާ ވަނީ، އިންޑިއާގެ އެހީތެރިކަމަށް، ސަންޖޭ އަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ރާއްޖެ ތަރައްގީ ކުރުމަށް އިންޑިއާ ސަރުކާރުން ދެމުން އަންނަ އެއްބާރުލުން ކުރިއަށް ގެންދާނެ ކަމަށް މި ރަސްމިއްޔާތުގައި ސަންޖޭ ވިދާޅުވި އެވެ.

މާލޭގެ އިތުރުން އިންޑިއާ އިން ގެންދަނީ ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް ތަފާތު މަޝްރޫއުތައް ހިންގަމުންނެވެ.