Roadha Mihaaru
ކޮވިޑް-19: ސާކްގެ ވެރިންގެ ކޮންފަރެންސެއް މާދަމާ

ކޮވިޑް-19: ސާކްގެ ވެރިންގެ ވީޑިއޯ ކޮންފަރެންސެއް މާދަމާ

14 މާޗް 2020

ކޮވިޑް-19 އާ ދެކޮޅަށް ސަރަހައްދީ ގޮތުން އެޅޭނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާކުރަން ސާކް ގައުމުތަކުގެ ވެރިން ބައިވެރިވެ ވަޑައިގަންނަވާ ވީޑިއޯ ކޮންފަރެންސެއް މާދަމާ އޮންނާނެ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮވިޑް-19 އާ ދެކޮޅަށް ސަރަހައްދީ ގޮތުން އެޅޭނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާކުރަން ސާކް ގައުމުތަކުގެ ވެރިން ބައިވެރިވެ ވަޑައިގަންނަވާ ވީޑިއޯ ކޮންފަރެންސެއް މާދަމާ އޮންނާނެ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި ބޭސްތަކަކާ ހަވާލުވެވަޑައިގަތުމަށް ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޝާހިދު ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިސް ނެންގެވުމަކަށް ބާއްވާ މި ބައްދަލުވުމުގައި ސާކް ގައުމުތައް ގުޅިގެން އެޅޭނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާކުރަައްވާނެ ކަމަށެވެ.

"މި ބަލި ކޮންޓްރޯލް ކުރަން ކުރެވޭނެ ކަންތައްތަކާ ބެހޭ ގޮތުން އެ ބައްދަލުވުމުުގައި މަޝްވަރާކުރެވޭނެ، އަދި މި ވައިރަސްގެ ސަބަބުން މި ސަރަހައްދުގެ އިގްތިސާދަށް ކުރާނެ ނޭދެވޭ އަސަރު ކުޑަކުރަން ކުރިއާލާ ކުރެވޭނެ ކަންތައްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ،" ޝާހިދު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި، އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ، ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި ދެކުނު އޭޝިއާގެ ގައުމުތަކަށް އިންޑިއާ އިން ފޯރުކޮށްދެވޭނެ އެހީއާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.

"އެހެން ގައުމުތަކުން ކުރަމުން އަންނަ މަސައްކަތްތަކާއި މި ދަނޑިވަޅުގައި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކާ ގުޅޭ ގޮތުން ބޮޑުވަޒީރު ނަރެންދުރާ މޯދީ މަޝްވަރާ ކުރައްވަން ބޭނުންވާ ކަމަށް އަޅުގަނޑު ލަފާކުރަނީ،" ސަންޖޭ ވިދާޅުވި އެވެ.

ކޮވިޑް-19 އާ ދެކޮޅަށް އިންޑިއާ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ. ބަލި ފެތުރުނު ގައުމުތަކުގައި ތިބި އެހެން ގައުމުތަކުގެ މީހުން އެ ތަންތަނުން ނެރެން ކުރި މަސައްކަތުގައި 900 މީހުން އިންޑިއާގެ އެހީގައި ނެރެފައިވެ އެވެ. އޭގެ ތެރޭގައި އެހެން ގައުމުތަކުގެ 48 މީހުން ހިމެނެ އެވެ. ޗައިނާގެ ވުހާން ޕްރޮވިންސުން އަށް ދިވެއްސަކު ނެރެދިނީ ވެސް އިންޑިއާއިންނެވެ.