Roadha Mihaaru
މިނިސްޓަރު އަމީނަށް އަލީ ވަހީދުގެ ހުތުރު ބަސްތަކެއް

މިނިސްޓަރު އަމީނަށް އަލީ ވަހީދުގެ ހުތުރު ބަސްތަކެއް

15 ފެބުރުއަރީ 2020

ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ނިސްބަތްކޮށް، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހަޑިހުތުރު ބަހުން ވާހަކަ ދައްކަވާ އޯޑިއޯއެއް މިއަދު ލީކުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ނިސްބަތްކޮށް، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހަޑިހުތުރު ބަހުން ވާހަކަ ދައްކަވާ އޯޑިއޯއެއް މިއަދު ލީކުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯގައި އަލީ ވަހީދު ވާހަކަ ދައްކަވަނީ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އޭނާއާ ގާތްގުޅުމެއް އޮންނަ އައްސަދު އަލީއާ އެވެ. އަލީ ވަހީދު ވިދާޅުވަނީ ކޮވިޑް ވައިރަހާ ދެކޮޅަށް މަސައްކަތް ކުރުމަށް ކެމެރާ އާއި މާސްކް އަދި ކަރަންޓީން ފެސިލިޓީ ހެދީ އޭނާ ކަމަށެވެ.

މިގޮތަށް ވާހަކަ ދެއްކެވުމުގެ ތެރޭގައި ވަރަށް ހުތުރު ބަސްތައް، އަމީނަށް ނިސްބަތްކުރައްވައި އަލީ ވަހީދު ވިދާޅުވެ އެވެ.

އަމީން ކުރެއްވި ކަމަކީ ހެދިކާ ކެއުން ކަމަށާއި އޭނާ ތަނަކަށް ވަޑައިގެންނެވިއަސް ފޮޓޯ ނަގަން ދެ ކެމެރާމަނުން ގެންދަވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އޯޑިއޯގައި އަލީ ވަހީދު ވިދާޅުވަނީ ކުރިން އޭނާ ކުރެއްވި ކަންތައް ވެސް ޓްވިޓާގައި ހިއްސާ ކުރެއްވި ކަމަށާއި އެއީ ރައްޔިތުން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.

އެ ދެ ބޭފުޅުން ވެސް މިނިސްޓަރުކަމަށް ވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓުގަ އެވެ. ދައުރުވަމުންދާ އޯޑިއޯއާ ގުޅޭގޮތުން އަލީ ވަހީދުގެ ބަހެއް އަދި ނުލިބެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ މީޑިއާ ވައިބަ ގްރޫޕްގައި މި އޯޑިއޯ ބެހޭ ގޮތުން ސުވާލުކުރުމުން ވެސް ޖަވާބެއް ނުލިބުނެވެ.

މީގެ އިތުރުން މިރޭ ވަނީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އަށް ނިސްބަތްކޮށް އަލީ ވަހީދާއި އޭނާގެ އަރިސް ބައެއް ކަމަށް ބެލެވޭ ބަޔަކު ވާހަކަ ދައްކާ އޯޑިއޯއެއް ވެސް ލީކުކޮށްލައިފަ އެވެ. އޭގައި ވެސް އެޑިއުކޭޝަން މިނިސްޓަރަށް ހުތުރުކޮށް ނިސްބަތްކުރެ އެވެ.

ޗައިނާގައި ފެތުރެންފެށި ވައިރަހާ ގުޅޭ މައުލޫމާތު އާންމު ކުރުމަށް ހެލްތު މިނިސްޓްރީގައި ބޭއްވި ނިއުސް ބްރީފިންތައް ފުރަތަމަ ކުރިއަށް ގެންދެވީ ހެލްތު މިނިސްޓަރު އަމީނެވެ. އެކަމަކު، ކޮވިޑް ވައިރަހާ ގުޅިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ޓާސްކްފޯހުގެ ފަރާތުން މައުލޫމާތު އާންމު ކުރެއްވުމަށް އެމަނިކުފާނު އައްޔަން ކުރެއްވީ އެއީ ކަމަށް ވިދާޅުވެ، ރައީސް އޮފީހުގައި ނިއުސް ބްރީފިންތައް ބޭއްވެވި އެވެ.

އަދި، ވައިރަހާ ގުޅޭ ގޮތުން އެންމެ ފުރިހަމަ އަށް ހެލްތު މިނިސްޓްރީން މައުލޫމާތު ނުލިބޭތީ، ނޫސްވެރިންގެ ކުރި ޝަކުވާތަކާ ގުޅިގެން ރައީސް އޮފީހުން މީޑިއާތަކަށް ޚާއްސަށް ކޮށްފައިވާ ވަޓްސްއެޕް ގްރޫޕް މެދުވެރިކޮށް، ވައިރަސްއާ ގުޅޭ މައުލޫމާތު އަލީ ވަހީދު އިސްވެ ހުންނަވައިގެން ހާމަކުރައްވަން ފެއްޓެވި އެވެ.

ކޮވިޑް ވައިރަހާ ގުޅޭ މައުލޫމާތު ދިނުމުގައި އަލީ ވަހީދު އިސްވެ މަސައްކަތް ކުރައްވަން ފެއްޓެވުމާ އެކު، މަންޒަރުން ހެލްތު މިނިސްޓަރު އަމީން ވަކި ހިސާބަކުން ގެއްލުނެވެ. އަދި އަލީ ވަހީދު އިސްވެ ހުންނަވައިގެން ބައެއް ޑޮކްޓަރުންނާ އެކު ވެސް ރައީސް އޮފީހުގައި ނިއުސް ކޮންފަރެންސެއް ބޭއްވި އެވެ. މި "ޑްރާމާ" ގެ ވަކި ހިސާބަކުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް އެއް ނިއުސް ކޮންފަރެންސަކުން ފެނުނެވެ.

ސިއްހީ ދާއިރާގެ ކަމަކާ ގުޅޭ ކަމެއްގައި އެ ދާއިރާގެ މިނިސްޓަރުގެ ބަދަލުގައި ޓޫރިޒަމް މިނިސްޓަރު މާ ގިނައިން މީޑިއާ ގައި ފެންނަން ފެށުމުން އެ ދުވަސްވަރު ބައެއް އާންމުންގެ މެދުގައި ވެސް ސުވާލު އުފެދުނެވެ. ޚާއްސަކޮށް ނިއުސް ކޮންފަރެންސްތައް ބޭއްވުމުގެ ވާދަވެރިކަމުގެ ތެރެއިން އަންނަ ބަދަލެއްތޯ ބުނެ ބައެއް މީހުން ސުވާލު އުފެއްދި އެވެ.