Roadha Mihaaru
އަލީ ވަހީދާ މެދު ގޮތެއް ނިންމަވާނީ ރައީސް: ގާސިމް

ގާސިމް ވިދާޅުވަނީ އަލީ ވަހީދާ މެދު ގޮތެއް ނިންމަވާނީ ރައީސް ކަމަށް!

17 ފެބުރުއަރީ 2020

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެއްކެވި ދަށު ދަރަޖައިގެ ވާހަކަތަކުގެ ސަބަބުން އޭނާ ޕާޓީން ވަކިކުރަން މިރޭ ހުށަހެޅުމުން، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެކަމަށް ދެކޮޅު ހައްދަވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެއްކެވި ދަށު ދަރަޖައިގެ ވާހަކަތަކުގެ ސަބަބުން އޭނާ ޕާޓީން ވަކިކުރަން މިރޭ ހުށަހެޅުމުން، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެކަމަށް ދެކޮޅު ހައްދަވައިފި އެވެ.

ގާސިމް ވިދާޅުވީ އަލީ ވަހީދާ މެދު ގޮތެއް ނިންމަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ.

މި ސަރުކާރުގެ ވަޒީރުންތަކަކަށް ވެސް ނިސްބަތް ކުރައްވައި ހަޑި ހުތުރު ބަހުން ވާހަކަ ދެއްކެވުމުން، އޭނާ އަށް ފިޔަވަޅު އަޅަން ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައެއް މެމްބަރުން ވަނީ ގޮވާލައިފަ އެވެ. އަދި އަލީ ވަހީދު ވަކިކުރަން، މިރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ވެސް ވަނީ ހުށަހަޅައިފަ އެވެ.

އެކަމަކު އެނގިފައިވާ ގޮތުގައި، އަލީ ވަހީދު ޕާޓީން ވަކިކުރަން، ކައުންސިލް މެންބަރު އަދި ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ހުށަހެޅުއްވުމުން ގާސިމް ވަނީ އެ ހުށަހެޅުން ބޭރުކޮށްލައްވައިފަ އެވެ.

"ގާސިމް ވިދާޅުވަނީ މިއީ ޕާޓީގެ މައްސަލައަކަށްވުރެ ބޮޑަށް، އެއީ ވަޒީރަކަށް އެކަމާ މެދު ގޮތެއް ނިންމަވާނީ ރައީސް ކަމަށް،" ޖޭޕީގެ ކައުންސިލް މެމްބަރަކު ވިދާޅުވި އެވެ.

މި މައްސަލަ އަދި ތަހުގީގު ނުކުރާތީ، އެ ޕާޓީން މައްސަލައިގައި ގޮތެއް ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓުވިޓާގައި އާއްމުކުރި އޯޑިއޯ ކްލިޕްތަކުގައި އިވޭ ގޮތުން، އަލީ ވަހީދު ވާހަކަ ދައްކަވަނީ އޭނާއާ ގާތް ގުޅުމެއް އޮންނަ، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ)އާ އެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މަގާމަށް ވަޑައިގެންނެވި އެ ޕާޓީގެ ރައީސް އަލީ ވަހީދުގެ އަޚުލާގާއި ދަށު ދަރަޖައިގެ އަމަލުތައް އޯޑިއޯއާ އެކު އާއްމުވެއްޖެ ކަމަށް ވިދާޅުވެ، އެ ޕާޓީގެ ކައުންސިލްގެ ބައެއް މެމްބަރުން ވަނީ ކައުންސިލްގެ ވަޓްސްއެޕް ގްރޫޕްގައި މައްސަލަ ހޫނުކޮށްލައިފަ އެވެ. ބައެއް މެމްބަރުން ގޮވައިލެއްވީ، އަލީ ވަހީދު ޕާޓީން ވަކިކުރާށެވެ.

ވޭތުވެ ދިޔަ ދެ ތިންދުވަހު ލީކުވި އެ އޯޑިއޯތަކަކީ ސައްހަ އެއްޗެއް ނޫން ކަމަށް އޭނާ އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަލީ ވަހީދު ވިދާޅުވި ގޮތުގައި އެއީ އޭނާ ބަދުނާމު ކުރުމަށް ކޮށްފައިވާ ކަމެކެވެ.

އެ އޯޑިއޯތަކުގެ ތެރެއިން ކޮރަޕްޝަންގެ ވާހަކަ ހިމެނޭ އޯޑިއޯއެއް ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުން މިއަދު ބުނީ ލީކުވި އޯޑިއޯތަކާ ގުޅޭގޮތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ނުވާ ކަމަށާއި އެކަމަކު އޭގެ ތެރެއިން އެއް އޯޑިއޯއެއްގައި، ޖިނާއީ ކުށުގެ އަމަލެއް ހިމެނޭކަން ފާހަގަ ކުރެވިފައިވާތީ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެ އޯޑިއޯއާ ގުޅޭ ކަންކަން އިތުރަށް ސާފުކުރަމުން ދާ ކަމަށެވެ.