19 ފެބުރުއަރީ 2020
ރާއްޖޭގައި ދެ ވަނައަށް އެންމެ އާބާދީ ބޮޑު، ހދ. އަތޮޅުގައި 19،500 އަށް ވުރެ ގިނަ މީހުން އުޅޭއިރު، އެ އަތޮޅުގެ ކައުންސިލްތައް ހިންގުމަށް ދައުލަތުން ހަރަދުކޮށްފައިވަނީ ބޮލަކަށް 2،700 ރުފިޔާގެ ނިސްބަތުންނެވެ. ރާއްޖޭގެ އެންމެ އާބާދީ މަދު، ވ. އަތޮޅުގައި ދިރިއުޅެނީ 1،800 މީހުންނެވެ. އެކަމަކު އެ އަތޮޅުގެ ކައުންސިލްތަކަށް ކުރި ހަރަދު، ބޮލަކަށް 12،000 ރުފިޔާއަށް އަރަ އެވެ.
ރާއްޖޭގައި ދެ ވަނައަށް އެންމެ އާބާދީ ބޮޑު، ހދ. އަތޮޅުގައި 19،500 އަށް ވުރެ ގިނަ މީހުން އުޅޭއިރު، އެ އަތޮޅުގެ ކައުންސިލްތައް ހިންގުމަށް ދައުލަތުން ހަރަދުކޮށްފައިވަނީ ބޮލަކަށް 2،700 ރުފިޔާގެ ނިސްބަތުންނެވެ. ރާއްޖޭގެ އެންމެ އާބާދީ މަދު، ވ. އަތޮޅުގައި ދިރިއުޅެނީ 1،800 މީހުންނެވެ. އެކަމަކު އެ އަތޮޅުގެ ކައުންސިލްތަކަށް ކުރި ހަރަދު، ބޮލަކަށް 12،000 ރުފިޔާއަށް އަރަ އެވެ.
މިއީ ކުދި އަދި އާބާދީ މަދު ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ހަރަދު ބޮޑުކަން ކިޔައިދިނުމަށް، ތައްޔާރުކޮށްފައިވާ އޮޑިޓް ރިޕޯޓުން ތަންކޮޅެކެވެ. އާބާދީ އާއި ތަރައްގީ އެއްފަސްކުރެވިފައިވާ މިންވަރާ ގުޅޭ ގޮތުން އޮޑިޓް އޮފީހުން މި މަހު ނެރެފައިވާ އެ ރިޕޯޓުން ގިނައިން ފެންނަނީ ބޭކާރު ހަރަދުތަކެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ 56 ޕަސެންޓަށް ވުރެ ގިނަ ރަށްރަށުގައި ހާހެއްހާ މީހުން ވެސް ހަމަނުވާއިރު، އެއިން ކޮންމެ ރަށެއްގައި ގިނަ މަޝްރޫއުތަކެއް ހިންގަން ޖެހެ އެވެ. އުމްރާނީ، ސިއްހީ، ތައުލީމީ އަދި އިޖްތިމާއީ ގޮތުން ވެސް ބޮޑު ހަރަދުތަކެއް ހިންގާއިރު، ގިނަ ފަހަރަށް އެއީ ކުރު އަދި ވަގުތީ މަޝްރޫއުތަކެކެވެ. އެކަމަކު އިންތިހާއަށް ފައިސާ ބޭނުންވެ އެވެ.
ކުދި ރަށްތަކަކަށް ބެހި، ގިނަ ރަށްތަކުގައި އާބާދީ މަދުވުމުގެ ސަބަބުން ތަރައްގީ ގެނައުމަކީ އަބަދުވެސް ދައުލަތަށް އޮތް ގޮންޖެހުމެކެވެ. ރަށްތަކުގެ މެދުގައިވާ ތަރައްގީގެ ބޮޑެތި ތަފާތުތައް ނައްތާލުމަށް، ހައްލެއްގެ ގޮތުގައި އެންމެ ކުރިއްސުރެ ދެކެމުން އައީ އާބާދީ އެއްފަސްކުރުމެވެ. އާބާދީ މަދު ރަށްރަށުން މީހުން ބާލުވައި، ބޮޑެތި ރަށްރަށަށް ބަދަލުކުރުމެވެ. މިއީ މީގެ 40 އަހަރު ކުރިން ފެށިގެން، އެކި ވުޒާރާތަކުން ހިންގަމުން އައި ސަރުކާރުގެ ސިޔާސަތެކެވެ.
އޮޑިޓް ރިޕޯޓުގައި ބަލާފައިވަނީ މި ސިޔާސަތު ކުުރިއަށް ގެންގޮސްފައިވާ މިންވަރެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުން، 1985 އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް މީހުން ބަދަލުކޮށްފައިވަނީ އެންމެ 15 ރަށަކުންނެވެ. އާބާދީގައި 2،000 މީހުން ހަމަނުވާ، 168 ރަށް އަދިވެސް އެބަ އޮތެވެ.
ސަރަހައްދީ ތަރައްގީއަށް އަމާޒުކޮށްގެން މަޝްރޫއުތައް ހިންގުމުގެ ބަދަލުގައި ސަރުކާރުން އިސްކަން ދެނީ، އާބާދީއަށް ނުބަލައި، ވީހާ ވެސް ގިނަ ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށެވެ. އެގޮތުން މިދިޔަ ސަރުކާރުގެ ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ތެރެއިން ޖުމްލަ 3،154 މަޝްރޫއު ހިންގާފައިވާއިރު އޭގެ އަގު، 25.4 ބިލިޔަން ރުފިޔާއަށް އަރަ އެވެ. މީގެ ސަބަބުން ދައުލަތުން ކުރަން ޖެހޭ ހަރަދު އިތުރުވެ، ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށް ދަތިވެ އެވެ. އެ މަޝްރޫއުތައް ހިންގާފައިވަނީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، ދުރާލާ ރޭވިގެން ނޫން ކަމަށް ރިޕޯޓުގައި ބުނެފައި ވެ އެވެ.
ރ. މަޑުއްވަރީ ބަނދަރުމަތި: ރާއްޖެ އާބާދީ ބެހިފައި އޮތް ގޮތުން ހަރަަދު ބޮޑު -- ފޮޓޯ: މަޑުއްވަރީ ކައުންސިލްގެ އިދާރާ
އެއްފަސްނުކޮށް، ރަށްތައް ވަކިން ތަރައްގީކުރުމުގެ ސަބަބުން ހަރަދު ދެ ގުނަވެ އެވެ. އެގޮތުން 2016 ވަނަ އަހަރުގެ ބަޖެޓަށް ބަލާއިރު، އާބާދީގައި 27،900 އަށް ވުރެ ގިނަ މީހުން އުޅޭ ފަސް ރަށެއްގައި 1.60 ބިލިޔަން ރުފިޔާގެ މަޝްރޫއު ހިންގަން ހިމެނި އެވެ. އެ އަތޮޅުތަކުގައި ބާކީ ހުރި ރަށްތަކުގައި ދިރިއުޅެނީ 28،900 މީހުންނެވެ. އެކަމަކު އެ ރަށްތަކުގެ ތަރައްގީއަށް 3.25 ބިލިޔަން ރުފިޔާ ބަޖެޓްގައި ހިމަނާފައި ވެ އެވެ.
"މީގެ މައިގަނޑު ސަބަކީ އާބާދީ ބޮޑެތި ރަށްތަކުގައި ކުރިން ގާއިމުކޮށްފައިވާ އަސާސީ ހިދުމަތްތައް، އާބާދީ މަދު، ކުދި ރަށްތަކުގައި މިހާރު ގާއިމުކުރަމުން ދިޔުމެވެ،" އޮޑިޓް ރިޕޯޓުގައި ބުނެ އެވެ.
- އައްޑޫގައި 21،000 އަށް ވުރެ ގިނަ މީހުން އުޅޭ. އެކަމަކު ސިއްހީ ދާއިރާއިން، ބޮލަކަށް ހަރަދުކޮށްފައިވަނީ 3،900 ރުފިޔާގެ މަގުން. [އާބާދީ އެންމެ މަދު] ވ. އަތޮޅުގައި ކޮންމެ މީހަކަށް 7،000 ރުފިޔާ ހަރަދުވޭ
- އަށް ހާހަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ދެ ރަށެއްގައި ސްކޫލު ހިންގުމަށް، އާބާދީގެ ނިސްބަތުން ބޮލަކަށް ހަރަދުވަނީ 3،600 އަށް ވުރެ ގިނަ ރުފިޔާ. އެކަމަކު ދެތިން ހާސް މީހުން އުޅޭ ހަ ރަށެއްގައި، ބޮލަކަށް 4،700 ރުފިޔާ ހަރަދުވޭ
- 22،000 އަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ތިން ރަށެއްގައި ޒުވާނުންގެ މަރުކަޒާއި ސްޓޭޑިއަމް އެޅުމަށް ހަރަދުވީ ދެ މިލިޔަން ރުފިޔާ. އެކަމަކު 21،000 މީހުން ހިމެނޭ އާބާދީ ކުޑަ، 22 ރަށަކަށް 15 މިލިޔަން ރުފިޔާ ހަރަދުވެފައިވޭ
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ކުޅިވަރު ވަސީލަތްތަކާއި ޒުވާނުންގެ މަރުކަޒުތައް ގިނަ ރަށްތަކެއްގައި އަޅާފައި ހުރި ނަމަވެސް، ބައެއް ތަންތަނުގައި އެތަކެތި ހުރީ ހަލާކުވެފައި ނުވަތަ ހިދުމަތް މެދުކެނޑިފަ އެވެ. ބޮޑު ހަރަދެއް ކުރި ނަމަވެސް، އޭގެ ފައިދާއެއް ރައްޔިތުންނަކަށް ނުކުރެ އެވެ.
ކޮންމެ ސަރުކާރަކުން ވެސް ވެރިކަމަށް އަންނަނީ ތަރައްގީގެ ބޮޑެތި ވައުދުތަކާ އެކު އެވެ. އެކަމަކު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ސަރުކާރުތަކުން އެ މަޝްރޫއުތައް ހިންގަނީ، ދުރު ރާސްތާ ޕްލޭނެއް ނެތި އެވެ. ކޮންމެ ސަރުކާރަކުން ވެސް އިސްކަންދެނީ ގައުމީ ތަރައްގީގެ މަޝްރޫއުތަކުގެ ބަދަލުގައި މެނިފެސްޓޯއާ އެއްގޮތަށް ސިޔާސަތުތައް ބައްޓަން ކުރުމަށެވެ.
މީގެ ކުރިން 2006-2010 ވަނަ އަހަރު ތަރައްގީގެ މަޝްރޫއުތައް ރާވާފައިވަނީ ރާއްޖޭގެ 20 އަތޮޅު ފަސް ސަރަހައްދަކަށް ބަހާލައިގެންނެވެ. އެކަމަކު ފަހުން ސަރުކާރު ބަދަލުވުމާ އެކު، ހިންގުމުގެ ސިޔާސަތު ވެސް ބަދަލުވި އެވެ. ފަސް ސަރަހައްދު ތަރައްގީ ކުރުމުގެ ބަދަލުގައި، ވެރިކަމާ ދެން ހަވާލުވެވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދު އިސްކަން ދެއްވީ، އެ މަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ކަންކަން ފުއްދެވުމަށް ކަމަށް ރިޕޯޓުގައި ބުނެފައި ވެ އެވެ. އެގޮތުން ސަރަހައްދީ ވެރިކަން ކުރާ ހަތް ރަށެއް ގާއިމްކޮށް، ވިޔަފާރި މަރުކަޒެއްގެ ގޮތުގައި އިތުރު ރަށެއް ތަރައްގީ ކުރުމަށް ނިންމި އެވެ. އަދި ރަށާއި އަތޮޅުގައި ސަރަހައްދީ ތަރައްގީގެ މަސައްކަތް ރާވައި، ހިދުމަތްތައް އިތުރުކޮށް އެ ސަރަހައްދުތަކަށް ދިރިއުޅުން ބަދަލު ކުރެވޭނެ މާހައުލެއް އުފެއްދި އެވެ.
ރަށެއްގެ ފަޅު ހިއްކަނީ: ކޮންމެ ރަށެއްގައި ބަނދަރު ހެދުމަކީ ބޮޑު ހަރަދެއް
އޭގެ ފަހުން ސަރުކާރު ބަދަލުވެ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ސިޔާސަތުތަކަށް ބަދަލުގެނަ އެވެ. ސަރަހައްދުތަކަށް ބަހާލައިގެން މަޝްރޫއުތައް ހިންގުމުގެ ބަދަލުގައި އެ މަނިކުފާނު އިސްކަން ދެއްވީ، ރަށްރަށް ވަކިން ތަރައްގީކުރުމަށެވެ. އަދި މާލޭ ސަރަހައްދު ތަރައްގީކޮށް، އެ ސަރަހައްދަށް މީހުން ޖަމާކުރުމަށް ހުޅުމާލޭގެ ދެ ވަނަ ފިޔަވަހި ހިއްކި އެވެ.
"ސިޔާސީ ޕާޓީގެ މެނިފެސްޓޯއާ އެއްގޮތަށް ސިޔާސަތުތައް ފަރުމާކުރުމުން، އާބާދީ އާއި އެއްފަސްކުރުމުގެ ސިޔާސަތުތައް ބައްޓަން ކުރެވެނީ އެކި ސަރުކާރުތަކުގައި އެކި ގޮތަށެވެ... މެނިފެސްޓޯގައިވާ ގޮތަށް މަޝްރޫއުތައް ހިންގާ ނަމަ، ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު، ދުރު ރާސްތާ ސިޔާސަތުތަކަށް ރިއާޔަތް ކުރުމުގެ ބަދަލުގައި އިސްކަން ދެވޭނީ، އެ ދައުރެއްގައި ހިންގާ ކުރު މުއްދަތުގެ މަޝްރޫއުތަކަށެވެ،" އޮޑިޓް ރިޕޯޓުގައި ބުނެފައި ވެ އެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ދެމެހެއްޓެނިވި ޕްލޭނެއް ނެތި، އެ އިރެއްގައި ވެރިކަން ކުރާ ސަރުކާރުގެ ވިސްނުމާ އެއްގޮތަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ނަމަ، ދައުލަތުން ދުރު މުސްތަގްބަލުގައި ކުރަން ޖެހޭ ހަރަދުތައް އިތުރުވާނެ އެވެ.
އާބާދީ އާއި ތަރައްގީ އެއްފަސްކުރުމުގައި އޮތީ ދެ ގޮތެކެވެ. އެއީ ކުދި އާބާދީ ހިމެނޭ ރަށްތަކުން މީހުން ބާލުވައި، ބޮޑެތި ރަށްތަކަށް ބަދަލުކުރުމާއި ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅުވާލުމެވެ. ރިޕޯޓުގައި ބުނީ މި ދެ ގޮތުން ކުރެ ރާއްޖެއަށް އިގްތިސޯދީ ގޮތުން ފައިދާ ބޮޑީ ކޮން ގޮތެއްތޯ ނުބަލައި، 188 ރަށުގައި މީހުން އުޅޭއިރު، އެއިން ކޮންމެ ރަށެއް ވެސް ތަރައްގީކޮށްފައިވަނީ ވަކި ޔުނިޓެއްގެ ގޮތުގައި ކަމަށެވެ. ސިއްހީ، ތައުލީމީ، އިޖްތިމާއީ އަދި އިދާރީ ހުރިހާ ހިދުމަތްތަކެއް އެ ތަންތަނުން ލިބޭއިރު، އެކަމަށް ދައުލަތުގެ ރިކަރަންޓް ހަރަދު އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށް ރިޕޯޓުގައި ބުންޏެވެ.
އޮޑިޓް އޮފީހުން ލަފާ ދެނީ، އާބާދީ އެއްފަސް ކުރާނެ ގޮތުގެ ދުރު ރާސްތާ ޕްލޭނެއް ކަނޑައަޅައި، އެއާ އެއްގޮތަށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަށެވެ. އެހެން ނޫނީ، ފަސް އަހަރުން ބަދަލުވާ ކޮންމެ ސަރުކާރަކުން، އެކި މިސްރާބަށް މަޝްރޫއުތައް ހިންގާ ނަމަ، ރާއްޖޭގެ ތަރައްގީގެ ދުވެލި މަޑުވެ، ދައުލަތުގެ ހަރަދުތައް ބޮޑުވާނެ ކަމަށް އެތަނުން ބުންޏެވެ.
އާބާދީ އެއްފަސްކުރުމަކީ އެންމެ ކުރިއްސުރެ އިސްކަންދޭ ސިޔާސަތެއް ނަމަވެސް އެކަން ކުރުމަށް ހުރި ގޮންޖެހުންތައް ގިނަ އެވެ. އެންމެ ބޮޑު ސަބަބަކީ، އެކަން ހިންގާނެ ގޮތުގެ ދުރު ރާސްތާ ޕްލޭނެއް ނެތުމެވެ. ބަޖެޓް ނެތުމާއި އެކި ރަށްރަށުގެ މީހުންގެ ވިސްނުމާއި ސަގާފަތުގައި ތަފާތުތަކެއް ހުރުމުން، އެއް ފަސްކުރުމުން އިޖްތިމާއީ މައްސަލަތައް އުފެދުން ގާތެވެ. އަދި އަމިއްލަ ގެދޮރާއި ދަނޑުބިންތަކާއި ޒަމާންވީ ރަށްފުށުގެ ދިރިއުޅުން ދޫކޮށްލަން އުނދަގޫވުމަކީ ވެސް އޭގެ ސަބަބެކެވެ.
މި ހުރިހާ ސަބަބުތަކާ އެކު، ރަށްރަށުން މީހުން ބާލުވައި ފަޅުކުރުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫނެވެ. ރަށް ފަޅުނުކޮށް ވެސް، އެ ރަށްތައް ބޭނުން ކުރެވޭނެ ގޮތް ސަރުކާރުން މަގުތަކެއް ދައްކަ އެވެ. އެގޮތުން އާބާދީ މަދު، ރީތި ރަށްރަށުގައި ލޯކަލް ޓޫރިޒަމް ތައާރަފްކޮށް، ގުޅުން ހުރި ވިޔަފާރިތައް ހިންގިދާނެ އެވެ. ސަރުކާރުގެ ވިސްނުމުގައިވާ ގޮތުން ރަށުގައި އެންމެން ގާއިމުވެ ތިބޭކަށް ނުޖެހެ އެވެ. ވަކި އުމުރެއްގެ މީހުން ރަށުގައި ނޫޅޭނެތީ ބޮޑު ސްކޫލެއް ނޫނީ ޕާކެއް އަޅާކަށް ނުޖެހޭނެ އެވެ. އެ އުމުރުގެ ކުދިން، އާއިލާއާ އެކު ކައިރި ރަށަކަށް ބަދަލުވެވިދާނެ އެވެ. އެކަމަކު ރަށުގައި އެ މީހުންނަށް އާމްދަނީ ލިބޭނެ ގޮތެއް އޮތީ ފަހިވެފަ އެވެ.
ކުޅުދުއްފުށީ މަތިން ނަގާފައިވާ ފޮޓޯއެއް: ރަށް ފަޅުކުރުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން.-- ފޮޓޯ: އިރުޝާދު
"މިހާރު"އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އިގްތިސޯދީ ތަރައްގީ ގެނެވޭނީ އާބާދީ ބޮޑުވެގެން ކަމަށް ދުށުމަކީ ކުރީގެ ވިސްނުމެއް ކަމަށެވެ. ކިތަންމެ ކުޑަ އާބާދީއެއް އޮތަސް، ރަށް އޮންނަ ތަނުގެ ސަބަބުން ވެސް ބޮޑު ނަފާއެއް ހޯދިދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
ލޯކަލް ޓޫރިޒަމްއާ ގުޅުން ހުރި ވިޔަފާރި ހިންގެން ނެތް ރަށްރަށް، ދަތުރުފަތުރުން ގުޅާލެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި އެކަމަށް މިހާރު ވަނީ މަސައްކަތް ފަށައިފަ އެވެ.
އަސްލަމް ވިދާޅުވީ ރަށްތައް ގުޅުވާލުމަށް، ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން ދަތުރުފަތުރުގެ މާސްޓާ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށެވެ. ގައުމީ ތަރައްގީގެ އޮނިގަނޑު ހަދަން ވާއިރަށް އެ މާސްޓާ ޕްލޭން އެކުލަވާލާނެ ކަމަށާއި އެ ހިދުމަތަށް ބޭނުން ކުރާނީ ވެސް އެންމެ ފެންވަރު ރަނގަޅު ފެރީ ދޯނި ނުވަތަ ލޯންޗުފަހަރު ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮންމެ ރަށެއްގައި، ބޮޑެތި މަޝްރޫއުތަކެއް ނުހިންގޭނެ އެވެ. ބަނދަރު ހަދައި، އެންމެ މަތީ ތައުލީމެއް ފޯރުކޮށްދިނުން ވާނީ ހަރަދު ބޮޑު ކަމަށެވެ. އެކަމަކު ތަރައްގީން އެއްވެސް މީހަކު ބާކީ ނުވާ ގޮތަށް، ވީހާ ވެސް ހަރަދު ކުޑަ ގޮތަކަށް ބަދަލުތަކެއް ގެންނަން މިވަނީ ޖެހިފަ އެވެ.
އިންޑަސްޓްރިއަލް ވިލެޖް ތަރައްގީކުރުން: ހިޔާލު ދެކަފި!
ގުޅިފަޅު ހިއްކައި ނިމޭއިރު 1.8 ބިލިއަން ހަރަދުވާނެ
ޕޯޓް ހަދަން ރަނގަޅީ ތިލަފުށި: ސައީދު
ސަރުކާރުގެ ވިސްނުމަކީ އެކީ އެކައްޗަކަށް ބިން ހިއްކުން
"ދެން އޮތީ އައްޑޫގެ ތަރައްގީގެ މަޝްރޫއުތައް އެކުލަވާލުން"
ސޮއިކުރި މަޝްރޫއުތަކަށް އެއް ބިލިއަން އަރާނެ: އަސްލަމް
އެއްވެސް ރަށެއް ފަޅުނުކޮށް، ގުޅުވާލައިގެން ތަރައްގީ ކުރާނަން: މިނިސްޓަރު
މާލެ-ގުޅިފަޅު ގުޅާލުމުގެ ވިސްނުން އެބައޮތް: ފައްޔާޒް
އެއް ފަޅުތެރޭ ރަށްތައް ފާލަމަކުން ގުޅާލާނަން: އެމްޑީޕީ
ސަރުކާރަށް އޮތް ތާއީދު 25 ރަށަކުން ދައްކާލައިފި