Roadha Mihaaru
މާލެ-ގުޅިފަޅު ގުޅާލުމުގެ ވިސްނުން އެބައޮތް: ފައްޔާޒް

މާލެ އާއި ގުޅިފަޅު ގުޅާލުމުގެ ވިސްނުން އެބައޮތް: ފައްޔާޒް

16 މާޗް 2019

ގުޅިފަޅު ހިއްކައި، މާލެއާ ގުޅުވާލުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށާއި ބޭނުމަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ގުޅިފަޅު ހިއްކައި، މާލެއާ ގުޅުވާލުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށާއި ބޭނުމަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ "އެޖެންޑާ 19" ގެ ޕެނަލް ޑިސްކަޝަންގައި ބައިވެރިވި މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ފައްޔާޒް ވިދާޅުވީ ބައެއް މީހުން ހުޅުމާލެ އިން ފްލެޓާއި ގޯތި ބޭނުންވާ އިރު، ގުޅިފަޅުން ފްލެޓާއި ގޯތި ބޭނުންވާ ބަޔަކު ވެސް އެބަތިބި ކަމަށެވެ. އަދި ކުރީގެ ސަރުކާރުން ރައްޔިތުންނަށް ފްލެޓު ދިން ގޮތް ބެލުމަށް ހެދި ކޮމިޓީން ވީ އެންމެ އަވަހަށް ގޮތެއް ނިންމާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ހިއްކައިގެން ތަރައްގީކުރާ ކ. ގުޅިފަޅު.

ހިއްކައިގެން ތަރައްގީކުރާ ކ. ގުޅިފަޅު.

ފައްޔާޒް ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ އައްޑު އާއި ހއ. އަތޮޅާއި ހދ. އަތޮޅު ފަދަ ތަންތަނުގައި މާލެ ގޮތަށް ވަރުގަދަ ސެންޓަރުތަކެއް ހެދުމެވެ. އަދި ފަސް އަހަރު ނިމިގެން ދާއިރު، މާލެއަކީ އަންނަން ނުޖެހޭ ތަނެއްކަން ރައްޔިތުން ގަބޫލުކުރާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

"މާލޭގެ ރައްޔިތުން ދާންވީ އެ ތަންތަނަށް. އެވަރަށް އަޅުގަނޑުމެން ދައްކައިދޭނަން،" ފައްޔާޒް ވިދާޅުވި އެވެ.

"އޭރުން ކޮންމެހެން މާލެ އަށް އެންމެން ޖަމާވެ، މާލެ އަށް ތޮއްޖެހުން އިތުރަށް ނުހިނގާނެ،"

ފައްޔާޒް ވިދާޅުވީ "ފަހި ދިިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް" ކުންފުނި އުފެއްދުމުގެ ބޭނުމަކީ އަތްފޯރާ ފަށުގައި ރައްޔިތުންނަށް ބޭނުންވާ ވަރަށް ފްލެޓުތައް ރައްޔިތުންނަށް ހޯދައި ދިނުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރަން 17،000 ފްލެޓު ބޭނުންވެ އެވެ. އަދި އެކަމަށް ބޭނުންވާ 17 ބިލިއަނެއްހާ ރުފިޔާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ދައްކަނީ އަގުހެޔޮ ފްލެޓުތަކުގެ ވާހަކަ. ތިން މިލިއަން، ފަސް މިލިއަނަށް ލިބޭ ބޮޑެތި ސިންގާ ފްލެޓުތަކުގެ ވާހަކައެއް ނޫން. އެކަމަށް ބޭނުންވެފައި ތިބި މީހުންނަށް އަތްފޯރާ ފަށުގައި ލިބޭނެ ފްލެޓު،" ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ބައިވެރިވެވަޑައިގެންނެވި ޕެނަލްގައި ޑިސްކަޝަންގައި މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ފައްޔާޒް ވިދާޅުވި އެވެ.

އެމްޑީޕީން ބޭއްވި ޕެނަލް ޑިސްކަޝަންގައި މާލެ ސިޓީގެ މޭޔަރު ޝިފާ އާއި މަޖިލިހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެމްޑީޕީން ބޭއްވި ޕެނަލް ޑިސްކަޝަންގައި މާލެ ސިޓީގެ މޭޔަރު ޝިފާ އާއި މަޖިލިހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސިނާމާލެ 1، 2، އަދި މާލެ ހިޔާ 1، 2 ހުރީ "ބޮލަށް ވެއްޓޭ ވަރަށް" ހަލާކުވެފައި ކަމަށާއި އެކަމަށް އޮތް ހައްލަކީ ކޮބައިތޯ މީހަކު ކުރި ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ އެ އިމާރާތްތަކަކީ މަރާމާތުކޮށްގެން ނުގެންގުޅެވޭ ތަނަކަށްވެއްޖެ ނަމަ، އެ ތަން ޖެހޭނީ "ތަޅާލަން" ކަމަށެވެ.

"އެއީ 25 އަހަރު ކުރީގެ އިމާރާތެއް. އޭރު ކޮންސްޓްރަކްޝަން ސްޓޭންޑަޑް ވަރަށް ތަފާތު. އަޅުގަނޑު ގަބޫލު ކުރަން އެ ހާލަތުގައި ހުންނާނީ،" އަސްލަމް ވިދާޅުވި އެވެ.

އެކަމަކު، ޕެނަލް ޑިސްކަޝަންގައި ނަޝީދު ވިދާޅުވީ އެމްޑީޕީ އަށް މަޖިލިހުގެ މެޖޯރިޓީ ނުލިބި އެތަން ތަޅާލައިގެން ނުވާނެ ކަމަށެވެ. އަދި މަޖިލިހުގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް ނެތީ، މާލެ ހިޔާ އާއި ސިނާމެލެ ފްލެޓުތައް ތަޅާލަން ނުކެރޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ކުރިއަށް އޮތް މަޖިލިހަށް އެމްޑީޕީން އެކުލަވާލި އެޖެންޑާ 19 ގައި ހިމެނޭ ސިޔާސަތުތަކަކީ ރައްޔިތުންނަށް "ޖުމްލަ ބަދަލެއް" އަންނާނެ ސިޔާސަތުތަކެއް ކަމަށެވެ. އެހެންވެ، މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ މުހިންމު ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.