Roadha Mihaaru
ޓާމިނަލް މައްސަލަ ނުނިންމިގެން އުޅެނީ ހިންގަން ނޭނގޭތީ

ސީޕްލޭން ޓާމިނަލްގެ މައްސަލަ ނުނިންމިގެން އުޅެނީ ހިންގަން ނޭނގޭތީ: ސައީދު

16 ފެބުރުއަރީ 2020

ސީޕްލޭން ޓާމިނަލުގައި ޖެހިގެން އުޅޭ "ކުޑަ" މައްސަލަ ހައްލުނުވެ ދައުލަތް ސޮއްސާލައިގެން ދަނީ، ގައުމުގެ އެންމެ އިސްވެރިޔާ އަށް ހިންގަން އެނގިވަޑައިނުގަންނަވާތީ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަރު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސީޕްލޭން ޓާމިނަލުގައި ޖެހިގެން އުޅޭ "ކުޑަ" މައްސަލަ ހައްލުނުވެ ދައުލަތް ސޮއްސާލައިގެން ދަނީ، ގައުމުގެ އެންމެ އިސްވެރިޔާ އަށް ހިންގަން އެނގިވަޑައިނުގަންނަވާތީ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަރު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި ސައީދު ވިދާޅުވީ، ސީޕްލޭންގެ މައްސަލައިގައި މުޅި ސަރުކާރު ނޭވާ ހޮޅިއަށް އެޅިގެން އުޅެނީ ދައުލަތް ހިންގުމުގެ ގާބިލުކަން ނެތުމުން ކަމަށެވެ.

މި ސަރުކާރު މިވަނީ ދައުލަތް ހިންގުމަށް ނުކުޅެދިފައި ކަމަށާއި ހިންގަން ނޭންގޭ ބަޔަކު ވެރިކަމަށް އެރުމުން ކަން ވާނެ ގޮތް ފެންނަ ކަމަށެވެ.

ސައީދު މިހެން ވިދާޅުވެފައިވާ އިރު ޓާމިނަލް މައްސަލައިގައި ޓީއެމްއޭ އަށް ބޮޑު ޖާގައެއް ދޭން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ވަނީ މަޝްވަރާކޮށްފަ އެވެ. އެހެން ނަމަވެސް އެކަމާ ގުޅޭ އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައެއް ނުވެ އެވެ.

އޭނާ ވިދާޅުވީ، 2012 ވަނަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން ޖީއެމްއާރާ ހަވާލު ކުރުމަށްފަހު ސީ ޕްލޭން ޓާމިނަލް އިރުމަތި ފަރާތުގައި އަޅަން އުޅުމުން އެކަމާ ގިނަ ބަޔަކު ކަންބޮޑުވި ކަމަށެވެ. އޭރު ވެސް ކަންބޮޑުވުން ފާޅުކުރީ، އިތުރު ރަންވޭއެއް އަޅަން ޖެހިއްޖެ ހާލަތެއްގައި އެ ސަރަހައްދު ބޭނުންވާނެ ކަމަށް ބަލާފައި ކަމަށް ވިދާޅުވި އެވެ.

ޖީއެމްއާރުން އޭރު ކުރި ދިރާސާއިން ކުރިއަށް އޮތް 25 އަހަރު އެއާޕޯޓަށް އިތުރު ރަންވޭއެއް ބޭނުން ނުވާނެ ކަމަށް ބުނެފައިވާ ކަން ސައީދު ފާހަގަކުރެއްވި އެވެ. މިއަދު ޖެހިގެން އުޅޭ މައްސަލަ ދިމާވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން ކަމަށް ސައީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރަކުން އެ މުދާ އިތުރު ފަރާތަކަށް ދޭނެ ހަމަ އެއްވެސް ފުރުސަތެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.

އާ ސީޕްލޭން ޓާމިނަލާ ގުޅިގެން ސަރުކާރުން ވަނީ ޓީއެމްއޭ އާއި މަންޓާއަށް މިހާރު ދީފައިވާ ޖާގައަށްވާ ވަރުގެ ސަރަހައްދެއް، އެއް އަގެއްގައި އާ ޓާމިނަލުން ދެ އަހަރުގެ މުއްދަތަކަށް ދިނުމަށް ނިންމައިފަ އެވެ. ސީޕްލޭން އޮޕަރޭޓަރުން އިތުރު ޖާގަ ބޭނުން ނަމަ ޖެހޭނީ، އޮންނަ އުސޫލުގެ ތެރެއިން މާކެޓު ރޭޓުގައި ނަގާށެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުން ނިންމުންތައް ނިންމުމުގައި ބަލާފައި ވާނީ އެމްއޭސީއެލަށް ލިބެން އޮތް އާމްދަނީ އިތުރު ކުރެވޭނެ ގޮތަކަށް އަމަލުކުރުމާ އެކު، ޓޫރިޒަމްގެ ސިނާއަތުގެ ކުރިއެރުމަށް ސީޕްލޭން އޮޕަރޭޓަރުން މިހާރު ވެސް ކުރަމުން ގެންދާ މަސައްކަތަށް މަގުފަހިވާނެ ގޮތަކަށް އަމަލު ކުރުމަށެވެ. މިގޮތުން ޓީއެމްއޭ އާއި މަންޓާ އަށް ޖާގަ ދިނުމަށް ފަހު، ބާކީ ހުރި ޖާގަތައް، ބީލަމުގެ އުސޫލުން އެމްއޭސީއެލުން ހުޅުވާލެ ކަމަށް ބަޔާނުގައި ވެ އެވެ.