Roadha Mihaaru
އަމީލް ދިވެހި އިންޝުއަރެންސްގެ އެމްޑީއަކަށް

އަމީލް ދިވެހި އިންޝުއަރެންސްގެ އެމްޑީއަކަށް

18 ފެބުރުއަރީ 2020

ދިވެހި އިންޝުއަރެންސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެލައިޑްގެ ކުރީގެ އެމްޑީ އަހުމަދު އަމީލު އައްޔަނުކޮށް، އެ މަގާމު ކުރިން ފުރުއްވަމުން ގެންދެވި، އަބްދުލް ވާހިދު ތައުފީގު އެ ކުންފުނީގެ ޗެއާމަނަކަށް ހަމަޖައްސައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދިވެހި އިންޝުއަރެންސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެލައިޑްގެ ކުރީގެ އެމްޑީ އަހުމަދު އަމީލު އައްޔަނުކޮށް، އެ މަގާމު ކުރިން ފުރުއްވަމުން ގެންދެވި، އަބްދުލް ވާހިދު ތައުފީގު އެ ކުންފުނީގެ ޗެއާމަނަކަށް ހަމަޖައްސައިފި އެވެ.

ދިވެހި އިންޝުއަރެންސުން މި ބަދަލުތައް ރަސްމީކޮށް ގެންނަން ހަމަޖެހިފައި ވަނީ މާދަމާ އިން ފެށިގެންނެވެ. ދިވެހި އިންޝުއަރެންސްގެ ފައުންޑާ އަދި ޗެއާމަން ވާހިދު ވިދާޅުވީ، މި ބަދަލާ އެކު އެ ކުންފުނި ވެގެންދާނީ، ރާއްޖޭގެ އިންޝުއަރެންސްގެ ދާއިރާގެ އެންމެ ގާބިލު މީހުން މަސައްކަތް ކުރާ ކުންފުންޏަށް ކަމަށެވެ.

ދިވެހި އިންޝުއަރެންސްގެ ޓޮޕް މެނޭޖްމެންޓުގެ އިތުރުން އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަކީ ވެސް ދިވެހިންނެވެ. އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ، އިންޝުއަރެންސް ދާއިރާ އަށް ބޭނުންވާ ދިވެހިން އުފެއްދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީލާއި ވާހިދަކީ ރާއްޖޭގެ އިންޝުއަރެންސްގެ ދާއިރާ އެންމެ ފުރަތަމަ ފެށުނު އިރު އެ ދާއިރާގައި މަސައްކަތް ކުރައްވަން ފެއްޓެވި ދެ ބޭފުޅުންނެވެ. އިންޝުއަރެންސް ދާއިރާގައި 20 އަހަރަަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ މި ދެ ބޭފުޅުން ވެސް މަސައްކަތް ފުރަތަމަ ފެއްޓެވީ އެސްޓީއޯގެ ހިއްސާ އޮންނަ އިންޝުއަރެންސް ކުންފުނި، އެލައިޑުގަ އެވެ.

"މުވައްޒަފުން ޓްރެއިން ކުރުމަކީ ވަރަށް މުހިއްމު ކަމެއް. އޭގެ ރިޓާން އަޅުގަނޑުމެންނަށް ލިބޭނެ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ދިވެހިންނަށް ރާއްޖޭގެ ކޮމިއުނިޓީގައި މިކަން ކުރަން އެނގޭނީ. ވިޔަފާރީގެ ވައްޓަފާޅިތައް ދިވެހިންނަށް އެނގޭ ވަރަށް ބޭރު މީހުންނަކަށް ނޭންގޭނެ،" އޭނާ ވިދާޅުވި އެވެ.

ދިވެހި އިންޝުއަރެންސްގެ އޮފީހުގައި ވާހިދު އެތަނުގެ މުވައްޒަފަކާ ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

ދިވެހި އިންޝުއަރެންސްގެ އޮފީހުގައި ވާހިދު އެތަނުގެ މުވައްޒަފަކާ ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

މިއީ އިންޝުއަރެންސްގެ ދާއިރާގައި ދިވެހިން ހިންގާ ފުރަތަމަ އަމިއްލަ ކުންފުންޏެވެ. ދިވެހި އިންޝުއަރެންސް ކުންފުނި ވުޖޫދަށް އައިސްފައި ވަނީ 2016 ވަނަ އަހަރު އެވެ. އެ ކުންފުނި ފަށާފައި ވަނީ ރާއްޖޭގެ އިންޝުއަރެންސްގެ ދާއިރާގައި ޕްރޮފެޝަނަލް އަދި ޒަމާނީ އިންޝުއަރެންސްގެ ހިދުމަތް ތައާރަފް ކުރުމުގެ ބޭނުމުގަ އެވެ.

ގާނޫނީ އޮނިގަނޑެއް ނެތުމަކީ އެންމެ ބޮޑު ގޮންޖެހުން

ރާއްޖޭގެ އިންޝުއަރެންސްގެ ދާއިރާއާ ގުޅޭ ގޮތުން ދިވެހި އިންޝުއަރެންސް އަލަށް ގުޅިވަޑައިގެންނެވި އަމީލު ވިދާޅުވީ، އިންޝުއަރެންސްގެ ދާއިރާ ކުރިއަރުވަން އޮތް އެންމެ ބޮޑު ދަތިކަމަކީ މި ދާއިރާ ހިންގުމަށްޓަކައި ބޭނުންވާ ފުރިހަމަ ގާނޫނީ އޮނިގަނޑެއް ނެތުން ކަމަށެވެ. އެހެން ގައުމުތަކުގައި ވެސް އިންޝުއަރެންސް ކުރިއަރާފައި އޮތީ ގާނޫނީ އޮނިގަނޑެއްގެ ތެރެއިންނެވެ.

"ރާއްޖޭގައި އިންވެސްޓްމެންޓްތައް ކުރިއަށްދޭ. އިންވެސްޓްމެންޓްތައް ކުރިއަށްދާ ވަރަކަށް އިންޝުއަރެންސްގގެ ޑިމާންޑް ބޮޑުވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ގާނޫނީ ގޮތުން އިންޝުއަރެންސްގެ ދާއިރާ ރައްކާ ކުރެވޭނެ ނިޒާމެއް އޮތުން ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހި އިންޝުއަރެންސް އޮފީހުގައި ކަސްޓަމަރުންނަށް ހިދުމަތް ދެނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

ދިވެހި އިންޝުއަރެންސް އޮފީހުގައި ކަސްޓަމަރުންނަށް ހިދުމަތް ދެނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

ރާއްޖޭގެ ވިޔަފާރީގައި އަދިވެސް ގާތްގަނޑަކަށް 40 ވަރަކަށް ޕަސެންޓް ކުންފުނިތަކުން އިންޝުއަރެންސްގެ ހިދުމަތް ހޯދަނީ ބޭރު ކުންފުނިތަކުންނެވެ. އެހެންވެ ރާއްޖޭގައި ހިންގާ އިންޝުއަރެންސްގެ ކުންފުނިތަކަށް އޭގެ ފައިދާއެއް ނުލިބެ އެވެ. މިކަން ހުއްޓުވާނެ ގާނޫނެއް ނެތް ނަމަ ބޭރު ކުންފުނިތައް މެދުވެރިކޮށް އިންޝުއަރެންސްގެ ހިދުމަތް ހޯދާ ކުންފުނިތައް ދާނީ އިތުރުވަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ސިންގަޕޫރުގެ އިންވެސްޓަރެއް ރާއްޖެ އަންނަ އިރު އިންޝުއަރެންސްގެ އެކްޓެއްގެ ދަށުން އެ ކުންފުނިތައް ރާއްޖޭގައި އިންޝުއާ ކުރަން ޖެހޭނެ ކަމަށް ނެތް ނަމަ، އެ ކުންފުނި އިންޝުއާ ކުރާނީ ސިންގަޕޫރުގައި. މި ސަރަހައްދުގައި ވެސް އެއްވެސް ގައުމެއްގައި އެ ގައުމެއްގެ އެސެޓެއް އިންޝުއާ ކުރާނީ އެ ގައުމެއްގެ އިންޝުއަރެންސް ކުންފުނިތައް މެދުވެރިކޮށް،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި އެކަން އެންމެ ފުރިހަމައަށް ނުބެލެހެއްޓޭތީ، ވަރަށް ގިނަ ކުންފުނިތަކުން ބޭރުގެ އިންޝުއަރެންސް ކުންފުނިތަކުގެ އެހީ ހޯދާ ކަމަށް އޭނާ ވިދާޅުވި އެވެ. މިކަމުގެ ގެއްލުން ދިވެހި އިންޝުއަރެންސަށް ވެސް ކުރިމަތިވެ އެވެ.

ވާހިދު ވިދާޅުވީ، ރާއްޖޭގެ ބޮޑެތި ރިސޯޓުތަކައި ކުންފުނިތައް އިންޝުއާ ކުރުމުގެ ގާބިލުކަން އެ ކުންފުނީގައި ވެސް އެބަހުރި ކަމަށާއި، ބޭރުގެ އިންޝުއަރެންސް ކުންފުނިތަކުން ދޭ ހުރިހާ ހިދުމަތްތަކެއް ވެސް ދެވޭނެ ކަމަށެވެ.

ދިވެހި އިންޝުއަރެންސުން މިހާރު ވެސް އަންނަނީ ގިނަ އިންޝުއަރެންސް ޕެކޭޖުތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން ފަޔާ އެންޑް އެޑިޝަނަލް ޕެރިލްސް އާއި މެރީން ހަލް އާއި ކޮންޓްރެކްޓާ އޯލް ރިސްކުގެ އިތުރުން ގްރޫޕް ޕާސަނަލް އެކްސިޑެންޓާއި މެރިން ކާގޯ އިންޝުއަރެންސް ހިމެނެ އެވެ. މީގެ އިތުރުން ކޮންސިކުއެންޝިއަލް ލޮސް އާއި ޕަބްލިކް ލަޔަބިލިޓީ އާއި ހޯމްއޯނާސް އާއި ޓްރެވެލްގެ އިތުރުން މަނީ އާއި މޮޓޯ އިންޝުއަރެންސް ވެސް އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި އެސްއެމްއީތަކަށް ހާއްސަ އިންޝުއަރެންސް ޕެކޭޖުތަކެއް ވެސް ތައާރަފްކޮށްފައިވެ އެވެ.

ދިވެހި އިންޝިއުރެންސްގެ އުންމީދަކީ، ރާއްޖޭގެ އިންޝުއަރެންސް ދާއިރާއަކީ ދިވެހިން އިސް ސަފުގައި މަސައްކަތް ކުރާ، ދިވެހިންގެ ދާއިރާއަކަށް ހެދުމަށެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ވެސް އިތުރު އިންޝުއަރެންސް ޕްލޭންތައް ތައާރަފް ކުރުމަށް އެ ކުންފުނިން މަސައްކަތް ކުރުމަކީ އަމީލާއި ވާހިދުގެ ވެސް އަމާޒެވެ.