Roadha Mihaaru
ޓީ ޖެޓީ އަލިފާނުގެ ހާދިސާގެ ގެއްލުމުގެ ބަދަލު ދީފި

ޓީ ޖެޓީ އަލިފާނުގެ ހާދިސާގެ ގެއްލުމުގެ ބަދަލު ދީފި

09 ނޮވެމްބަރ 2019

ޓީ ޖެޓީ ސަރަހައްދުގައި މިދިޔަ ސެޕްޓެމްބަރު މަހު ހިނގި އަލިފާނުގެ ހާދިސާގައި ފިއުލް އެކްސްޕްރެސް އަށް ލިބުނު ގެއްލުމުގެ ބަދަލު ދިވެހި އިންޝޫރެންސުން ދީފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ޓީ ޖެޓީ ސަރަހައްދުގައި މިދިޔަ ސެޕްޓެމްބަރު މަހު ހިނގި އަލިފާނުގެ ހާދިސާގައި ފިއުލް އެކްސްޕްރެސް އަށް ލިބުނު ގެއްލުމުގެ ބަދަލު ދިވެހި އިންޝޫރެންސުން ދީފި އެވެ.

މި ފައިސާ ހަވާލު ކޮށްފައި ވަނީ ދިވެހި އިންޝޫރެންސުގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ވާހިދު ތައުފީގެވެ. ފިއުލް އެކްސްޕްރެސްގެ ފަރާތުން އެ ފައިސާއާ ހަވާލުވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިހާބެވެ. ބަދަލުގެ ގޮތުގައި ދިން އަދަދު ހާމައެއް ނުކުރެ އެވެ.

އަބްދުލް ވާހިދު ވިދާޅުވީ ދިވެހި އިންޝޫރެންސްގެ މަގުސަދަކީ އެ ކުންފުނީގެ ކްލަޔަންޓުންނަށް ވީހާ ވެސް އަވަހަށް ގެއްލުމުގެ ބަދަލަށް ދޭ ފައިސާ ހަވާލު ކުރުން ކަމަށެވެ. އަދި މީގެ ސަބަބުން ވިޔަފާރި ކުރިއަށްގެންދިއުމުގައި އިތުރު ހިތްވަރެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފިއުލް އެކްސްޕްރެސް އިން ވަނީ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ފައިސާ ހަވާލު ކުރުމުން ދިވެހި އިންޝޫރެންސަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އެ ކުންފުންޏާ މެދު އޮތް އިތުބާރު ބޮޑުވެއްޖެ ކަމަށް ވެސް ފިއުލް އެކްސްޕްރެސް އިން ބުންޏެވެ.

ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ޓީ ޖެޓީ ސަރަހައްދުގައި ތެޔޮ ބައުޒަރަކުން ލޯންޗަކަށް ތެޔޮ އަޅަނިކޮށް ހިނގި އަލިފާނުގެ ހާދިސާގައި ހަތް މީހަކު ފިހި، ލޯންޗަކާއި ތިން ބައުޒަރު ވަނީ އަނދައިފަ އެވެ.