Roadha Mihaaru

ރެޑްލައިން ބަލިކޮށް ބައުސް ގައުމީ ފައިނަލަށް

ގަދަފަދަ ރެޑްލައިން ކްލަބުގެ މައްޗަށް ދެ ޕޮއިންޓުގެ ތަފާތުން، 78-80 ޕޮއިންޓުން ކުރި ހޯދައި ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ދަ ބައުސް ސްޕޯޓްސް ކްލަބް ރޭ ހޯދައިފި އެވެ.

ރެޑްލައިން ބަލިކޮށް ބައުސް ގައުމީ ފައިނަލަށް
މުހައްމަދު ހަމްދޫން
މުހައްމަދު ހަމްދޫން

07 އޮކްޓޯބަރ 2016

ގަދަފަދަ ރެޑްލައިން ކްލަބުގެ މައްޗަށް ދެ ޕޮއިންޓުގެ ތަފާތުން، 78-80 ޕޮއިންޓުން ކުރި ހޯދައި ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ދަ ބައުސް ސްޕޯޓްސް ކްލަބް ރޭ ހޯދައިފި އެވެ.

ރޭ ކުޅުނު މުބާރާތުގެ ތިން ވަނަ ސެމީ ފައިނަލުން ބަލިވުމާ އެކު، ލީގުގެ ދެ ވަނަ ރެޑްލައިން ވަނީ ގައުމީ މުބާރާތުން ކަޓައިފަ އެވެ. މާދަމާރޭ ކުޅޭ ފައިނަލުގައި ބައުސް ނުކުންނާނީ ޓީރެކްސް ބީސީއާ ދެކޮޅަށެވެ. އެ ޓީމު ފައިނަލުން ޖާގަ ހޯދީ ފުރަތަމަ ސެމީގައި ރެޑްލައިން އަތުން މޮޅުވެގެންނެވެ.

ފުރަތަމަ ސެމީން ކުޑަހެންވޭރު ޔުނައިޓެޑް ކަޓުވާލި ބައުސް ރޭ މޮޅުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެ ޓީމުގެ މާކޯ ސަމަނޮވިޗެވެ. ބައުސް އިން މެޗުގައި އެއްކުރި 80 ޕޮއިންޓުގެ ތެރެއިން 64 ޕޮއިންޓް ހޯދައިދިނީ އޭނާ އެވެ.

ރެޑްލައިނަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ދެ ފަހަރު ހޯދާފައިވާ މުހައްމަދު ޒިލާލެވެ. އޭނާގެ ޖުމްލަ އަކީ 20 ޕޮއިންޓެވެ.

ޒުވާން ގިނަ ކުޅުންތެރިން ހިމެނޭ ބައުސް އިން ވަނީ ލީގުގައި ވެސް ރެޑްލައިނުގެ މައްޗަށް ކުރި ހޯދައިފަ އެވެ.