Roadha Mihaaru
އަފްރާޝީމްގެ މަރަށް މި ސަރުކާރުގައި އިންސާފު ނުލިބޭނެ

އަފްރާޝީމްގެ މަރުގެ ތަހުގީގު ވަނީ ހުއްޓުވާފައި، މި ސަރުކާރުގައި އިންސާފެއް ނުލިބޭނެ: އާއިލާ

07 އޮކްޓޯބަރ 2016

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ ތަހުގީގު ހުއްޓުވާލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އޭނާގެ މަރަށް މި ސަރުކާރުގައި އިންސާފު ލިބޭނެ ކަމަށް ގަބޫލުނުކުރާ ކަމަށް އާއިލާ އިން ރޭ ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ ތަހުގީގު ހުއްޓުވާލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އޭނާގެ މަރަށް މި ސަރުކާރުގައި އިންސާފު ލިބޭނެ ކަމަށް ގަބޫލުނުކުރާ ކަމަށް އާއިލާ އިން ރޭ ބުނެފި އެވެ.

އަފްރާޝީމް އަވަހާރަކޮށްލިތާ ހަތަރު އަހަރު ވިއިރު ވެސް މައްސަލައިގެ ހަގީގަތް ހޯދިފައި ނުވާ ކަމަށް ވިދާޅުވެ އާއިލާގެ ފަރާތުން އަފްރާޝީމްގެ އެއްބަނޑު އެއްބަފާ ބޭބެ، އަބްދުއްނާސިރު ވަނީ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އުނގޫފާރު ކައުންސިލްގެ ރައީސް ކަން ވެސް ކުރައްވާ ނާސިރު ވިދާޅުވީ އަފްރާޝީމް ގަތުލުކޮށްލީ ކޮން ސަބަބަކާ ހެދި ކަން ތަހުގީގުން ހޯދުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. އެކަމަކު ފަހުން އެ ތަހުގީގު ހުއްޓުވާލާފައިވާ ކަމަށް ބުނެ މި ސަރުކާރަށް އާއިލާ އިން ވަނީ އެ މަރާ ގުޅުވައިގެން ބޮޑެތި ތުހުމަތުތަކެއްކޮށްފަ އެވެ.

"އަފްރާޝީމްގެ މަރުގެ ހަގީގަތް އެނގޭނެ ދުވަހެއް އަންނާނެ، އެކަމަކު އެއީ މި ސަރުކާރަކު ނޫން،" އަބްދުއްނާސިރު ވިދާޅުވި އެވެ.

އޭނާ ތުހުމަތުކުރެއްވި ގޮތުގައި އަފްރާޝީމްގެ މަރާ ގުޅިގެން ތުހުމަތުކުރި އަޒްލިފް ރައުފޫ ރާއްޖެ އިން ބޭރަށް ފުރުވާލީ ސަރުކާރުންނެވެ. އޭނާ އަށް ބޭރުގައި ސަރުކާރުގެ ހިމާޔަތް ލިބުނު ކަމަށް ވެސް ނާސިރު ތުހުމަތުކުރެއްވި އެވެ.

އަޒްލިފް ސީރިއާ އަށް ގޮސް ހަނގުރާމައިގައި މަރުވެފައިވާ ކަމަށް އަޑުފެތުރިފައިވީ ނަމަވެސް އެކަން ކަށަވަރުނުވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އަފްރާޝީމް މަރާލި މައްސަލަ ސާބިތުވެ ހ. ލޮބީ ހުސެއިން ހުމާމުގެ މައްޗަށް ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ. އެކަމަކު ގަތުލުގެ ހަގީގަތާ ހަމައަށް ވާސިލްވުމުގެ ކުރިން ހުމާމް މަރަން ބޭނުން ނުވާ ކަމަށާއި އަފްރާޝީމް މަރާލުމުގައި ހިމެނެނީ އޭނާ އެކަނި ނޫން ކަމަށް އާއިލާ އިން ގަބޫލުކުރާ ކަމަށް ވެސް ނާސިރު ވިދާޅުވި އެވެ.

އަފްރާޝީމްގެ މަރާ ގުޅުވައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅޭ ގޮތުން ނާސިރު ވިދާޅުވީ ބާރާއި ނުފޫޒު އަދީބަށް ދެއްވައި އެންގެވި ގޮތަކަށް އެމަނިކުފާނު "ކުރައްވަމުން އައީ އިހްލާސްތެރި މަސައްކަތްތަކެއް" ކަމަށެވެ. އަފްރާޝީމްގެ މަރު ވެސް އަދީބާ ހަމައިން ނުނިމޭ ކަމަށް ނާސިރު ވިދާޅުވި އެވެ.

މީގެ އިތުރުން އަފްރާޝީމްގެ މަރާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީ އަށް ކުރާ ތުހުމަތުތަކަކީ ވެސް ހަގީގަތެއް ނެތް ވާހަތަކެއް ކަން ކަށަވަރުވެފައިވާ ކަމަށް ނާސިރު ވިދާޅުވި އެވެ.

އަފްރާޝީމް އަވަހާރަކޮށްލީ ފައިސާ އަށް ކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް އަޑީގައި ތިބީ ކޮން ބައެއް ކަން މިހާތަނަށް ހޯދިފައެއް ނުވެ އެވެ. އެކަމަކު އަފްރާޝީމް އަވަހާރަކޮށްލިކަން ސާބިތުވާ ކަމަށް ކަނޑައަޅައި ހުމާމް މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފައި ވަނިކޮށް، ސުޕްރީމް ކޯޓުން ވެސް ވަނީ އެ ހުކުމް ދަމަހައްޓާފަ އެވެ. އެ ހުކުމާ ގުޅިގެން، ސަރުކާރުން ދަނީ ހުމާމްގެ މަރުގެ ހުކުމް ތަންފީޒުކުރުމުގެ ތައްޔާރީތައް ވަމުންނެވެ.

ބައި ގަރުނަށް ވުރެ ގިނަ ދުވަސް ވަންދެން މަރުގެ ހުކުމް ތަންފީޒު ނުކޮށް އޮތުމަށް ފަހު އެކަން ކުރަން އުޅޭތީ ބޭރުގެ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި އދ. އާއި އީޔޫގެ އިތުރުން އެމެރިކާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތައް ހިމެނެ އެވެ. މީގެ އިތުރުން، ބޭރުގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ތޯރިގު ރަމަޟާން ވެސް ވަނީ ހުމާމް މެރުން އިސްލާމީ ޝަރީއަތާ ހިލާފު ކަމަށް ވިދާޅުވެފަ އެވެ.

އެއީ މަޖުބޫރުކޮށްގެން ހުމާމް ކުށަށް އިއުތިރާފް ކުރުވާފައިވާ ކަމަށް ބުނުމާއި ހުމާމްގެ ނަފްސާނީ މައްސަލައެއް ހުންނަ ކަމަށް އާއިލާ އިން ބުންޏަސް އެކަން ބަލާފައި ނުވުމާއި ހުމާމް މެރުން ފަސް ކުރަން އަފްރާޝީމްގެ އާއިލާ އިން އެދުނު އެދުމަށް އިޖާބަ ނުދިނުން އަދި ހުކުމް އިއްވިއިރު އުމުރުން 18 އަހަރު ނުފުރޭ ދެ ވާރިސުންގެ ބަސް ހޯދާފައި ނުވުން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.