Roadha Mihaaru
ހޯމަ ދުވަހަކީ މައިނޯރިޓީ ލީޑަރުގެ ދުވަސް: ނަޝީދު

ހޯމަ ދުވަހަކީ މައިނޯރިޓީ ލީޑަރުގެ ދުވަސް: ނަޝީދު

19 ފެބުރުއަރީ 2020

ރައްޔިތުންގެ މަޖިލިސް ހުޅުވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްވެވި ރިޔާސީ ބަޔާނަށް އަންނަ ހޯމަ ދުވަހު ޖަވާބު ދެއްވަން، މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އެދިވަޑައިގެންފައިވާ ކަމަށާއި އެއީ "މައިނޯރިޓީ ލީޑަރުގެ ދުވަސް" ކަަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލިސް ހުޅުވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްވެވި ރިޔާސީ ބަޔާނަށް އަންނަ ހޯމަ ދުވަހު ޖަވާބު ދެއްވަން، މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އެދިވަޑައިގެންފައިވާ ކަމަށާއި އެއީ "މައިނޯރިޓީ ލީޑަރުގެ ދުވަސް" ކަަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނަޝީދު ވާހަކަފުޅު ދައްކަވަމުން މެމްބަރުންގެ ކިބައިން އެދިވަޑައިގެންނެވީ ރިޔާސީ ބަޔާނަށް ޖަވާބު ދިނުމުގެ ފުރިހަމަ ފުރުސަތެއް ދެއްވުމަށެވެ. ރިޔާސީ ބަޔާނާ ގުޅޭ ގޮތުން މައިނޯރިޓީ ލީޑަރު ދައްކަވަން އެދިވަޑައިގަަންނަވާ ހުރިހާ ވާހަކައަކަށް އެ ދުވަހުގެ ޖަލްސާ ހުޅުއްވާލައްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެހެެންވީމާ އަޅުގަނޑު އިއްޒަތްތެރި މެމްބަރުންގެ ކިބައިންް އެދެން އެއީ މައިނޯރިޓީ ލީޑަރުގެ ދުވަސް [ކަަމަށް ހައްދަވައިދެއްވަން]. އެ ބޭފުޅާ ދިވެހި ސަރުކާރަށް، ރައީސުލްް ޖުމްހޫރިއްޔާގެ ބަޔާނަށް ކިއުއްވާނެ އެއްޗެއް ކިއުއްވަން މި މަޖިލީސް އަޅުގަނޑު ހުޅުވާލާ ދުވަސް،" ނަޝީދު ވިދާޅުވި އެވެ.

އެކަމަކު ނަޝީދު ވަނީ، ރިޔާސީ ބަޔާން އިއްވެވިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކުރިފުޅުމަތީގައި، ޕީޕީއެމް/ޕީއެންސީގެ ބައެއް މެމްބަރުން ކޮޅަށް ތިއްބެވި ތިއްބެވުމަށް، ނުސީދާ ގޮތަކަށް އެއްޗެއް ވިދާޅުވެފަ އެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލާފައިވާ ބޯޑުތަކެއް ހިފަހައްޓަވައިގެން އިދިކޮޅު ބައެއް މެމްބަރުން ތިއްބެވީ، ރައީސްގެ މޫނުފުޅު، ކުރިމަތީ ޓީވީ ކެމެރާއަށް ރަނގަޅަށް ނުފެންނާނެ ގޮތަށެވެ. އަދި އެއީ ވަރަށް ހިތާމަވެރި ކަމެއްގެ ގޮތުގައި، އެ ދުވަހުގެ ޖަލްސާ ނިންމަވާލައްވަމުން ނަޝީދު ވިދާޅުވި އެވެ.

ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާ ޖަލްސާގައި ކަން ކުރެއްވިދާނެ ގޮތް ކަމަށް ވިދާޅުވެ ދެ ކަމެއް ނަޝީދު ފާހަގަކުރެއްވި އެވެ. އެއްގޮތަކީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، "އެމްޑީޕީގެ 65 މެމްބަރުންގެ ނަން އިއްވަވައި ތަޅުމުން ނެރުއްވުމެ"ވެ. މަޖަލަކަށް އެހެން ވިދާޅުވިޔަސް އެ އިޝާރަތްކުރެއްވީ ސަލީމް ވާހަކަ ދައްކަވާއިރު އެމްޑީޕީގެ މެމްބަރުންގެ ފަރާތުން ހުރަސްތަކެއް ކުރިމަތިވެދާނެތީ އެކަމަށް ކަމަށް ލަފާކުރެވެ އެވެ.

"އެ ބަޔާނަކީ ވަކި ތަޖުވީދަކަށް އޮންނަ ބަޔާނެއްގެ ގޮތުގައި އަޅުގަނޑު އުއްމީދުކުރާނަން،" ދެވަނަ ގޮތެއް ކަމަށް ފެނިވަޑައިގަންނަވާ ގޮތް، ނަޝީދު ވިދާޅުވި އެވެ.

ރިޔާސީ ބަޔާން އިއްވެވި ޖަލްސާގައި ނަޝީދު އެހެން ކަމެއް ވެސް ފާހަގަކުރެއްވި އެވެ. ރިޔާސީ ބަޔާނަށް ޖަވާބު ދެވޭނީ އިދިކޮޅު ލީޑަރަށް ކަމަށާއި އެކަމަކު އިދކޮޅު ލީޑަރު ސާފުނުވާ ކަމަށް، ވިދާޅުވި އެވެ. ޕީޕީއެމް/ޕީއެންސީން، މައިނޯރިޓީ ލީޑަރެއްގެ ގޮތުގައި ސަލީމް ހަމަޖައްސައި، އެކަން އިއުލާންކުރީ އޭގެ ފަހުންނެވެ.