Roadha Mihaaru
އާފިޔާގެ ފިރިމީހާ ކިޔައިދިނީ އިބްތިހާލްގެ ނިކަމެތިކަން

އާފިޔާގެ ފިރިމީހާ ކިޔައިދިނީ އިބްތިހާލްގެ ނިކަމެތި ދިރިއުޅުން

19 ފެބުރުއަރީ 2020

ކާން ނުދީ އެތައް އިރެއް ވަންދެން ބެހެއްޓުމާއި ތަންތަނަށް ތަދުވާ ކަމުގެ ޝަކުވާތައް ވެސް އިބްތިހާލްގެ ފަރާތުން ލިބެމުން ދިޔަ ކަމަށް ބުނެ، އިބްތިހާލްގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ އެ ކުއްޖާގެ މަންމަ އާފިޔާއާ ދެކޮޅަށް އޭނާގެ ފިރިމީހާ މިއަދު ކޯޓުގައި ހެކިބަސް ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކާން ނުދީ އެތައް އިރެއް ވަންދެން ބެހެއްޓުމާއި ތަންތަނަށް ތަދުވާ ކަމުގެ ޝަކުވާތައް ވެސް އިބްތިހާލްގެ ފަރާތުން ލިބެމުން ދިޔަ ކަމަށް ބުނެ، އިބްތިހާލްގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ އެ ކުއްޖާގެ މަންމަ އާފިޔާއާ ދެކޮޅަށް އޭނާގެ ފިރިމީހާ މިއަދު ކޯޓުގައި ހެކިބަސް ދީފި އެވެ.

ވ. ރަކީދޫގައި ޖެނުއަރީ، 2015 ގައި އުމުރުން ތިން އަހަރުގެ އިބްތިހާލަށް ބޮޑެތި އަނިޔާތަކެއް ދިނުމުގެ ސަބަބުން މަރުވި މައްސަލާގައި އާފިޔާގެ މައްޗަށް ދެ ދައުވާއެއް ކުރެ އެވެ. އެއީ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އާއި ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އެވެ.

އެ މައްސަލާގައި ދައުލަތުން ހުށަހެޅި ހެއްކެއް ކަމަށްވާ އާފިޔާގެ ފިރިމީހާ އިބްރާހިމް ޝަފީގް ށ. ފުނަދޫ ކޯޓުގައި ހުރެގެން ވީޑިއޯ ކޮންފަރެންސްކޮށް ކްރިމިނަލް ކޯޓުގައި ހެކިބަސް ދެމުން ބުނިގޮތުގައި ވ. އަތޮޅުގެ ފެރީގައި އޭރު އޭނާ ކޮންމެ ދުވަހަކު މަސައްކަތް ކުރުމަށް ފަހު ހަވީރު އެނބުރި ގެއަށް ދާއިރު އިބްތިހާލް އާންމުކޮށް އިންނާނީ ބަދިގޭގައި ހުންނަ ގޮނޑިއެއްގަ އެވެ. އޭނާ އަންނައިރު އިބްތިހާލް އާންމުކޮށް ހުންނަނީ ބަނޑުހައިވެފައި ކަމަށާއި އެކަމަކު އެކަމާ މާ ބޮޑު ޝަކުވާއެއް އޭނާ ނުކުރާ ކަމަށް ޝަފީގް ބުންޏެވެ.

"އަޅުގަނޑު އަންނަމުން ގެންނަ ކާއެއްޗެހި ކޮތަޅުން ނުނެގެނީސް، އޭނާ އަވަހަށް އައިސް އަތުލާނެ. އެކަމަކު ޝަކުވާއެއް ނުކުރޭ ވަކި އެހެންނެއް،" ޝަފީގުގެ ދޮންދަރިފުޅާ ބެހޭ ގޮތުން އޭނާ ބުންޏެވެ.

ޝަފީގް ބުނިގޮތުގައި އާންމުކޮށް އޭނާ ގެއަށް އަންނައިރު އިބްތިހާލް ހުންނަނީ ހަމައެކަނި ނެޕީގަ އެވެ. ގިނަ ދުވަސް ދުވަހު ހުންނަނީ ވެސް ފެން ނުވަރުވާ ކަމަށާއި އިބްތިހާލް ފެންވަރުވަނީ ވެސް ޝަފީގު ކަމަށް އޭނާ ބުންޏެވެ.

ޝަފީގް ބުނިގޮތުގައި އިބްތިހާލަށް އާފިޔާ އަނިޔާކުރާ ތަން އޭނާ އަށް ފެނިފައި ނުވިޔަސް، ގައިގައި ނޫފައިގެންފައި ހުންނަ ތަންތަން ފެނެ އެވެ. އެކަމާ އާފިޔާއާ ސުވާލު ކުރުމުން އެއީ އިބްތިހާލް ކުޅެން އުޅުމުގެ ތެރޭގައި އަނިޔާވަނީ ކަމަށް ބުނާ ކަމަށާއި އެކަމާ ބަައެއް ފަހަރު އިބްތިހާލާ ވެސް ސުވާލުކޮށްފައިވާނެ ކަމަށް ޝަފީގް ބުންޏެވެ.

"ބައެއް ފަހަރު އެހީމަ ބުނާނެ މަންމަ ޖެހީއޭ،" އާފިޔާ ވެސް ހާޒިރުކޮށްފައި އިން އެ މަޖިލީހުގައި ޝަފީގް ބުންޏެވެ.

ގެއަށް ދާން އިބްތިހާލް ބޭނުމެއް ނުވޭ

އާފިިޔާ އާއި ޝަފީގު ކައިވެނިކޮށް ލިބިފައިވާ ދެ ކުދިންނާއި އިބްތިހާލާ މެދު ތަފާތުކޮށް އާފިޔާ އަމަލުކުރާކަން ފާހަގަކޮށް ޝަފީގް ބުނީ އިބްތިހާލްއާ އާފިޔާ މުއާމަލާތް ކުރަނީ ވެސް ކުޑަކުދިންނާ މުއާމަލާތްކުރާ ގޮތަށް ވުރެ ހަރުކަށިކޮށް ކަމަށެވެ. ދެން ތިބި ދެ ކުދިންނަށް ވަރަށް ރަނގަޅަށް އާފިޔާ އަޅާލަމުން ދިޔަޔަސް، އިބްތިހާލް ފެންވެރުވުމާއި ކާން ދިނުމާއި ބަލިވުމުން ފަރުވާ ކުރުމުގައި ވެސް އާފިިޔާ އިހުމާލުވަމުން ދިޔަ ކަމަށް ޝަފީގް ބުންޏެވެ. އެކަމަކު އިބްތިހާލަކީ ގެންގުޅެން އުނދަގޫ ކުއްޖެއް ނޫން ކަމަށް އޭނާ ކިޔައިދިނެވެ.

"ކޮންމެ އެއްޗެއް ދިނަސް ކާނެ. ވަރަށް ގެންގުޅެން ފަސޭހަ ކުއްޖެއް އިބްތިހާލަކީ،" ޝަފީގް ބުންޏެވެ.

އޭނާ ބުނިގޮތުގައި ބައެއް ދުވަސް ދުވަހު ދަތުރަށް ނިކުންނައިރު އިބްތިހާލް ގޮވައިގެން ދަނީ ވެސް އޭނާއާ މެދު އާފިޔާ ކަންކަން ކުރަމުން ދިޔަ ގޮތުންނެވެ. އަދި ދަތުރަށް ފަހު އެނބުރި ގެއަށް ދާން އުޅުމުން އެކަމާ އިބްތިިހާލް ދެކޮޅުހަދާ ކަމަށް އޭނާ ބުންޏެވެ. އެކަމަކު ބުނީ އޭގެ ސަބަބެއް ނޭނގޭ ކަމަށެވެ.

"އެއީ ކީއްވެގެންހޭ އެހީމަ ވަކި އެއްޗެއް ނުބުނޭ،" އިބްތިހާލް އުޅެމުން ދިޔަ ހާލު ޝަފީގް ތަފްސީލްކޮށްދެމުން ކިޔައިދިނެވެ.

"އެ ހެދީ ހުސް ދޮގު"

ކަރެކްޝަންސްގެ ބެލުމުގެ ދަށުން ހާޒިރުކޮށްފައި އިން އާފިޔާ އަށް ޝަފީގާ ސުވާލުކުރަން ފުރުސަތު ދިނުމުން އޭނާ އެއްވެސް ސުވާލެއް ނެތް ކަމަށް ބުންޏެވެ. އެކަމަކު ޝަފީގްގެ ވާހަކަތައް އޭނާ ދޮގުކުރި އެވެ.

"ސުވާލެއް ނެތް. އެކަމަކު ހުސް ދޮގު އެ ހެދީ،" ކޮޅަށް ތެދުުވެ އާފިޔާ ބުންޏެވެ.

ޝަފީގަކީ އާފިޔާގެ ފަރާތުން ވެސް ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ މީހެއްކަން ފާހަގަކޮށް، އެއްވެސް ސުވާލެއް އޭނާ އަށް ނެތީތޯ ދައުލަތުން ސުވާލު ކުރުމުން ވެސް އާފިިޔާ ބުނީ އެއްވެސް ސުވާލެއް ނެތް ކަމަށެވެ.

އެ މައްސަލާގައި ހެކިބަސް ނެގުން އެއްކޮށް މިހާރު ވަނީ ނިމިފަ އެވެ. އެހެންވެ، އަންނަ ހަފުތާގައި އެ މައްސަލާގެ ޚުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން ބާއްވާނެ ކަމަށާއި އަންނަ މަހު އަށް ވަނަ ދުވަހު ހުކުމް އިއްވަވާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު އިއުލާން ކުރެއްވި އެވެ.

އިބްތިހާލަށް އަނިޔާކުރި ކަމަށް ކުރިން ކޯޓުގައި އެއްބަސްވިޔަސް، ފަހުން އާފިޔާ ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ.

މުޅި ގައުމު ރޮއްވާލި މަރު

މުހައްމަދު އިބްތިހާލް އޭނާގެ ދޮންބައްޕައާ އެކު ކުރި ދަތުރެއްގައި

މުހައްމަދު އިބްތިހާލް އޭނާގެ ދޮންބައްޕައާ އެކު ކުރި ދަތުރެއްގައި

އިބްތިހާލްގެ މަރަކީ މުޅި ގައުމު ރޮއްވާލި އަމަލެކެވެ. އަދި އޭނާއަށް އަޅާލަމުން ދިޔަ ދޮންބައްޕައާ އެކު ދޯނީގައި ކުރި ދަތުރެއްގައި، ފޮޓޯގްރާފަރަކު ނެގި މި ފޮޓޯއިން ފެންނަ އަސަރުތަކުން ވެސް އެތައް ބަޔަކު ހިތުގައި ޖެހުނެވެ.

މަންމަގެ ފަރާތުން ބޮޑެތި އަނިޔާތަކެއް ލިބެމުން ދިޔަކަން، އެ ރަށު މީހުންނަށް ވެސް އެނގެ އެވެ. އެކަމަކު އެ ކުއްޖާ މަރުވާނެ ފަދަ ކަމެއް އާފިޔާ ކޮށްފާނެކަމަކަށް އެއްވެސް މީހަކު ހިއެއް ނުކުރެ އެވެ.

އިބްތިހާލްގެ މަރާ އެކު އުފެދުނު އެންމެ ބޮޑު އެއް ބަހުސަކީ ކުޑަކުއްޖަކަށް އަނިޔާކުރާކަން އެނގި ތިބެ، އާއިލާގެ މީހުންނާއި ތިމާގެ މީހުންގެ އިތުރުން އަވަށްޓެރިން ވެސް އެކަން ސިއްރުކުރާކުރުމާ މެދުގަ އެވެ.