Roadha Mihaaru
މޯލްޑިވިއަންގެ ބޯޓެއް ގްރައުންޑްކުރި ވާހަކަ ދޮގުކޮށްފި

މޯލްޑިވިއަންގެ އެއާބަސް ބޯޓަށް ފައިސާ ނުދައްކާތީ ގްރައުންޑްކުރި ވާހަކަ ދޮގުކޮށްފި

20 ފެބުރުއަރީ 2020

ގައުމީ އެއާލައިން މޯލްޑިވިއަންގެ އެއާބަސް އޭ320 މަރުކާގެ ބޯޓުގެ ލީސް ފީއަށް ދައްކަން ޖެހޭ 1.5 މިލިއަން ޑޮލަރު ނުދައްކާތީ، އެ ބޯޓުގެ އޮޕަރޭޝަންތައް ހުއްޓާލުމުގެ ނޯޓިސް ދީފައިވާ ކަމަށް ބުނެ ފަތުރާ ވާހަކަތައް އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން މިއަދު ދޮގުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ގައުމީ އެއާލައިން މޯލްޑިވިއަންގެ އެއާބަސް އޭ320 މަރުކާގެ ބޯޓުގެ ލީސް ފީއަށް ދައްކަން ޖެހޭ 1.5 މިލިއަން ޑޮލަރު ނުދައްކާތީ، އެ ބޯޓުގެ އޮޕަރޭޝަންތައް ހުއްޓާލުމުގެ ނޯޓިސް ދީފައިވާ ކަމަށް ބުނެ ފަތުރާ ވާހަކަތައް އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން މިއަދު ދޮގުކޮށްފި އެވެ.

ސޯޝަލް މީޑިއާގައި ފެތުރި އެއް ވާހަކައަކީ އެ ބޯޓުގެ ލީސް ރެންޓުގެ ގޮތުގައި ދައްކަން ޖެހޭ 1.5 މިލިއަން ޑޮލަރު ދޭން އައިއޭއެސް އިން ދެކޮޅުހަދާތީ، އިއްޔެގެ ނިޔަލަށް ބޯޓު ގްރައުންޑް ކުރަން ލީގަލް ނޯޓިސް ދީފައިވާ ކަމެވެ.

އެކަމަކު އައިއޭއެސް އިން ބުނީީ އެ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ.

އައިއޭއެސް އިން ދުރު ދަތުރުތަކަށް ޚާއްސަކޮށްގެން، އެއާބަސް އޭ320-200 މަރުކާގެ ބޯޓަކާއި އޭ 321-200 މަރުކާގެ ބޯޓެއް ބޭނުންކުރެ އެވެ.

"ރެސްކިއުއައިއޭއެސްއެލް" ގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓަކުން ގެންދަނީ އައިއޭއެސްގެ މިހާރުގެ މެނޭޖްމަންޓަށް ފާޑުކިޔަމުންނެވެ. އަދި ގައުމީ އެއާލައިންގެ ހާލަތު ގޯސް ކަމަށް ބުނެ ތަފާތު ވާހަކަތައް ވެސް ފަތުރަ އެވެ. އެކަމަކު އޭގައި ހިމެނޭ މައުލޫމާތުތައް އައިއޭއެސް އިން އަބަދުވެސް ދޮގުކުރެ އެވެ.

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަން ޗައިނާގައި މިހާރު ފެތުރޭ ކޮވިޑް-19 އާ ގުޅިގެން ސީދާ ދަތުރުތައް ހުއްޓާލުމުން، މޯލްޑިވިއަންއަށް ވެސް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. ނަމަވެސް އިތުރު މަންޒިލްތަކަށް ދަތުރުތައް ފަށާނެ ކަމަށް މޯލްޑިވިއަން ބުނެފައިވެ އެވެ.

މޯލްޑިވިއަން އިން މިދިޔަ އަހަރު ވެސް ވަނީ އޭ-330 މަރުކާރުގެ ދެ ބޯޓެއް ގެންނަން އުޅޭ ކަން އިއުލާނުކޮށްފަ އެވެ. އެކަމަކު އަދި އެ ބޯޓުތައް ނުގެނެ އެވެ.

މޯލްޑިވިއަންގެ މިހާރުގެ ސިޔާސަތުތަކާ ދެކޮޅު މީހުން ބުނާ ގޮތުގައި، މިހާރު އޮތް ފްލީޓްގައި ހިމެނޭ ބޯޓުފަހަރު ވެސް ރަނގަޅަށް ބޭނުންނުކުރެވި އުޅޭ އިރު، އާ އަދި އަގުބޮޑު ބޯޓު ގެނައުމަކީ ކުންފުނި ބަނގުރޫޓުކުރުމެވެ.