Roadha Mihaaru
ޑރ. މުއިއްޒު މިރޭ ފުލުހަށް ހާޒިރުވާން އަންގައިފި

ޑރ. މުއިއްޒު މިރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

22 ފެބުރުއަރީ 2020

ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރުކަމަށް އިދިިކޮޅު ޕީޕީއެމުން މި ފަހަރު ވާދަކުރައްްވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރުކަމަށް އިދިިކޮޅު ޕީޕީއެމުން މި ފަހަރު ވާދަކުރައްްވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

ޕީޕީއެމުން ބުނީ، އެ ޕާޓީގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވާ މުއިއްޒު މިރޭ 8:00 އަށް ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާ ކަަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން ނޫމަޑި އަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުމާ ގުޅިގެން މުއިއްޒުގެ މައްސަލަ ފުލުހަށް ފޮނުވާފައިވާ ކަމަށް މިދިޔަ ހަފުތާގެ ބުދަ ދުވަހު ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައި ވެ އެވެ.

އަންނަ އޭޕްރީލް ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް މުއިއްޒު ވާދަކުރައްވާނެކަން އިއުލާން ކުރުމާ އެކު، އެމްޑީޕީން އެންމެ ބޮޑު ރައްދެއް ދީ، ބަހުގެ ހަމަލާތައް ދޭން ފަށާފައިވާ އެއްބޭފުޅަކީ އެއީ ކަމަށް މިހާރު ވަނީ ވެފަ އެވެ.

ލޯކަލް އިންތިޚާބަށް އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މާލޭގައި ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި ވެސް އެންމެ ބޮޑަށް ބަހުގެ ހަމަލަތައް ދެއްވީ މުއިއްޒަށެވެ. އެގޮތުން، ފާޑުފާޑުގެ ވަނަންތަކުން މުއިއްޒަށް މުހާތަބު ކުރައްވައި ޖަލްސާގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި ޖޯޝާއި ފޯރި އިތުރު ކުރުމުގެ އުކުޅަކަށް ވެސް ނަޝީދު ބޭނުންކުރެއްވީ މުއިއްޒުގެ ނަމެވެ.

މުއިއްޒު، މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ލައްވައި، ކެމްޕެއިނަށް ތައްޔާރުވެވަޑައިގަތުމާ އެކު، މިހާތަނަށް ފައިލް ނުހުޅުވައި އޮތް މައްސަލައިގައި ކުއްލި ގޮތަކަށް މިރޭ ފުލުސް އޮފީހަށް އޭނާ ހާޒިރުކުރާއިރު، އެމްޑީޕީ އަކީ އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ މީހުން ފުލުސް އޮފީހަށް ހާޒިރު ކުރުމާއި ދައުވާ ކުރުން ފަދަ ކަންކަމާ ދެކޮޅު ޕާޓީ އެކެވެ.

މިހާރު ރާއްޖޭގައި އޮތީ އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް އޮތް ސަރުކާރެކެވެ. ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު އަދި އެންމެ ބާރުގަދަ ޕާޓީ އަކީ އެއީ އެވެ.

މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ މާލޭގެ މޭޔަރުކަމަށް އޭނާ ނުކުންނަވަން ނިންމެވުމާ އެކު، އެމްޑީޕީ ބިރުގެންފި ކަމަށާއި އޭނާއާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ހިންގަން މި ސަރުކާރުން ނިންމީ އެހެންވެ ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް އެމްޑީޕީން ނުކުންނަވަނީ އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ. އަދި، ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ، މޭޔަރުކަމަށް އަމިއްލަ ގޮތުން ވާދަކުރައްވަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު އަމީރު މިދިޔަ ހަފުތާގައި ވިދާޅުވީ މުއިއްޒުގެ މައްސަލަ މިހާރު ފުލުހަށް ފޮނުވާފައިވާ ކަަމަށެވެ. އޭނާ ވިދާޅުވީ ނޫމަޑީގެ މައްސަލައިގައި ދައުލަތުގެ ހުއްޖަތް ބަލިކަށިވީ އާބިޓްރޭޝަންގައި މުއިއްޒު ދެއްވި ބަޔާން ބަދަލުކުރުމުގެ ސަބަބުން ކަމަށެވެ.

ލޯކަލް އިންތިޚާބަށް އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މާލޭގައި ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި ވެސް އެންމެ ބޮޑަށް ބަހުގެ ހަމަލަތައް ދެއްވީ މުއިއްޒަށެވެ. އެގޮތުން، ފާޑުފާޑުގެ ވަނަންތަކުން މުއިއްޒަށް މުހާތަބު ކުރައްވައި ޖަލްސާގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި ޖޯޝާއި ފޯރި އިތުރު ކުރުމުގެ އުކުޅަކަށް ވެސް ނަޝީދު ބޭނުންކުރެއްވީ މުއިއްޒުގެ ނަމެވެ.

"ކުރީގެ ސަރުކާރުން ބަލަން ޖެހޭ ވަރަށް ކަންތައްތައް ނުބަލައި އެ ކަންތައްތައް ކުރެވުނީމާ މިހާރު އަޅުގަނޑުމެންނަށް މިހާރު މިބަދަލު ދޭން ޖެހުނީ. ސެޓުލްމެންޓް ކޮމިޓީގެ ފަރާތުން އަޅުގަނޑުމެން ވާނެ އެޓާނީ ޖެނެރަލްގެ ފަރާތުން ފުލުހަށް ހުށަހަޅާފައި. އޭރުގެ ހައުސިން މިނިސްޓަރުު ޑރ. މުއިއްޒުގެ ޖިނާއީ ތަހުގީގެއް ކޮށް، އެ މައްސަލަ ޕްރޮސެކިއުޓާ އަށް ފޮނުވަން އަޅުގަނޑުމެން ވާނެ ކޮމިޓީގެ ފަރާތުން އެ މައްސަލަ ފުލުހަށް ހުށަހަޅާފައި،" އަމީރު އޭރު ވިދާޅުވި އެވެ.

ކޯޓުން ބޭރުގައި ނޫމަޑި އަށް ބަދަލު ދޭން މިހާރުގެ ސަރުކާރުން އެއްބަސްވީ އެމްޑީޕީގެ ސަރުކާރުން 2011 އާާއި ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި 2013 ގައި، ހައުސިން ޔުނިޓްތަކެއް އަޅަން ވީ އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލްކުރުމުންނެވެ. އެ އެއްބަސްވުންތަކުގެ ދަށުން ނޫމަޑި އަށް ލަގުޒަރީ ވިލާ އަޅާށާއި ރިސޯޓް ހަދަން ދެ ރަށެއް ދިނެވެ.

މި ސަރުކާރުން ބުނާ ގޮތުގައި ކޯޓުން ބޭރުގައި އެއްބަސްވުމަކަށް ނާދެވުނު ނަމަ، އާބިޓްރޭޝަން ނިމޭ ގޮތަކުން ބަދަލަށް 200 މިލިއަން ޑޮލަރު ވެސް ދޭން ޖެހުނީހެވެ.