Roadha Mihaaru
މައްސަލަ ބަލަންފެށީ މަސައްކަތަށް ހުރަސްއަޅަން: މުއިއްޒު

މައްސަލަ މިހާރު ބަލަނީ މަސައްކަތަށް ހުރަސް އަޅަން: މުއިއްޒު

22 ފެބުރުއަރީ 2020

ފުލުސް އޮފީހަށް މިރޭ އޭނާ ހާޒިރުކުރީ "ކުރަމުން އަންނަ ގައުމީ މަސައްކަތަށް" ހުރަސް އަޅަން ކަމަށް ކުރީގެ ހައުސިން މިނިސްޓަަރު އަދި އިދިކޮޅު ޕީޕީއެމްގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ފުލުސް އޮފީހަށް މިރޭ އޭނާ ހާޒިރުކުރީ "ކުރަމުން އަންނަ ގައުމީ މަސައްކަތަށް" ހުރަސް އަޅަން ކަމަށް ކުރީގެ ހައުސިން މިނިސްޓަަރު އަދި އިދިކޮޅު ޕީޕީއެމްގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހައުސިިން ޔުނިޓްތަކެއް އެޅުމަށް ނޫމަޑިއާ އެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބާތިލް ކުރި މައްސަލައިގައި ބަދަލަށް 155 މިލިއަން ޑޮލަރު ހޯދަން ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅުމުން ސަރުކާރުން ވަނީ އާބިޓްރޭޝަނުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ނޫމަޑި އަށް ދީފަ އެވެ.

މި ފައިސާ ދޭން ޖެހުމާ ގުޅިގެން، މުއިއްޒުގެ މައްސަލަ ސެޓުލްމެންޓް ކޮމިޓީން ބަލައި ފުލުސް އޮފީހަށް ފޮނުވީ ދުވަސްކޮޅެއް ކުރިންނެވެ. ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ކުރިން ވިދާޅުވެފައިވާ ގޮތުގައި ނޫމަޑީގެ މައްސަލައިގައި ދައުލަތުގެ ހުއްޖަތް ބަލިކަށިވީ އާބިޓްރޭޝަންގައި މުއިއްޒު ދެއްވި ބަޔާން ބަދަލުކުރުމުގެ ސަބަބުންނެވެ.

ފުލުސް އޮފީހަށް ހާޒިރުވެ ވަޑައިގަތުމަށް ފަހު، ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ އޮފީސްތެރޭގައި ބާއްވަމުން އަންނަ ޖަލްސާގައި މުއިއްޒު މިރޭ ވިދާޅުވީ ނޫމަޑި އަށް ބަދަލުދޭން ޖެހުނު މައްސަލައިގައި އޭނާ އަށް ކޮށްފައިވާ ތުހުމަތުތަކުގެ ވާހަކަ ދައްކާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. ނަމަވެސް ފުލުސް އޮފީހަށް ހާޒިރުވާން އޭނާ އަށް ޗިޓް ފޮނުވީ މޭޔަރުކަމަށް ކުރިމަތިލާން ފޯމް ހުށަހެޅުއްވިތާ ދެ ދުވަހެއްގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، އެމްޑީޕީން ވެރިކަމަށް އައީ އިންސާފުވެރިވުމާއި ޑިމޮކްރެސީ ކުރިއަށް ގެންދާނެ ކަމަށް ބުނަމުން ކަމަށް ވިޔަސް ފެންނަނީ ޑިކްޓޭޓަޝިޕާއި އަނިޔާވެރިކަން ކަމަށެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވި ގޮތުގައި، އޭނާއާ ފުލުސް އޮފީހުން ޗިޓް ހަވާލުކުރީ ނޫމަޑިއާ ގުޅިފައިވާ ގިނަ ތުހުމަތުތަކަކާ އެކުގަ އެވެ. ނަމަވެސް އެ ތުހުމަތުތަކާ ގުޅިގެން ކުރާ ތަހުގީގުގެ އަމަލީ މަސައްކަތް މިވަގުތު ފެށުމުން މުއިއްޒު އެކަމާ ސުވާލު އުފެއްދެވި އެވެ.

"އަޅުގަނޑު ފޯމު ހުށަހެޅީމާ މި ބޭފުޅުން އަޅުގަނޑު ޕޮލިހަށް ގެންދަން މި ނިންމި ނިންމުން އަޅުގަނޑަށް ސިފަވަނީ އެއީ ހަމަ ސިޔާސީ ގޮތުން އަޅުގަނޑުމެން މިކުރާ މަސައްކަތަށް ހުރަސް އެޅުމަށްޓަކައި ކުރެވޭ ކަމެކޭ،" އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެގޮތަށް ސިފަކުރައްވަނީ އޭނާ އަށް ކުރާ ތުހުމަތުތަކުގެ ވާހަކަ ދައްކާތާ ދުވަސްތަކެއް ވެފައިވާތީ ކަމަށެވެ. އެކަމަކު ތުހުމަތުތަކެއް ހުރިއްޔާ އެކަން ބަލަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެެ. މިހާރުގެ ސަރުކާރަކީ ޑިމޮކްރަސީގެ ރީތި ސިފަ ރައްޔިތުންނަށް ދެއްކުމަށް ޓަކައި އައި ސަރުކާރެއް ނަމަ އެގޮތަށް ކަންތައް ނުކުރާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އިންތިހާބެއް ކުރިމަތިވެފައި އޮއްވައި، އިންތިހާބުގައި ވާދަކުރާ ފަރާތްތަަކަށް ހަމަހަމަ ފުރުސަތު ނުދީ، އިންތިހާބުގައި ވާދަކުރާ ފަރާތްތައް އެކަހެރިކުރުމަށް އެކި ކަހަަލަ މަސައްކަތައް ކުރުމަކީ ޑިމޮކްރަަސީގެ ރީތި ސިފައެއް ނޫނޭ،" އޭނާ ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް އެމްޑީޕީން ނުކުންނަވަނީ އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ. އަދި، ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ، މޭޔަރުކަމަށް އަމިއްލަ ގޮތުން ވާދަކުރައްވަ އެވެ.

މުއިއްޒު ހުންނެވީ ސާބިތުކަންމަތީގައި

ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް ފަހު، މީީޑިއާއާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މާލޭގެ މޭޔަރުކަމަށް ނުކުންނެވީ އިޚުލާސްތެރިކަމާ އެކު ކަމަށާއި ހުންނެވީ ސާބިތުކަންމަތީގައި ކަމަށެވެ.

އަދި މާލޭގެ ރައްޔިތުން އެތައް ދުވަހެއް ވަންދެން ހާސިލް ކުރަން ބޭނުންވި ކަންކަން ކޮށްދިނުމުގައި އަޒުމާ އެކު ހުންނެވި ކަމަށް ވިދާޅުވި އެވެ.

"އެހެންވީމާ، އަޅުގަނޑު ޕީޕީއެމްގެ ލީޑާޝިޕާއި މެމްބަރުންނާއި އަދި މާލޭގެ ރައްޔިތުންގެ ތެރެއިން އެހީތެރިކަމާއި އެއްބާރުލުން ދެއްވަން ތިއްބެވި ބޭފުޅުންނާ އެކު މި މަސައްކަތުގައި އިރާދަކުރެއްވިއްޔާ ކުރިއަށް ދާނަން. އަޅުގަނޑުގެ އަޒުމަކީ ކުރިއަށް މި އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މޭޔަރުކަމަށް ކުރިމަތިލައި މާލޭގެ ރައްޔިތުންގެ އެހީތެރިކަމާ އެކު ކާމިޔާބުކޮށް، މާލޭގެ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައި ދިނުން،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީން ވެރިކަމަށް އައީ އިންސާފުވެރިވުމާއި ޑިމޮކްރެސީ ކުރިއަށް ގެންދާނެ ކަމަށް ބުނަމުން ކަމަށް ވިޔަސް ފެންނަނީ ޑިކްޓޭޓަޝިޕާއި އަނިޔާވެރިކަން ކަމަށެވެ.

"އެއީ އެއް ނޫން ކަންނޭނގޭ އެމްޑީޕީ ވެސް ސަރުކާރު ގެނައުމަށް ވޯޓު ދެއްވި އެމްޑީޕީ ނޫން އެހެން ބޭފުޅުންގެ ވެސް އުންމީދަކަށް ވެފައި އޮތީ. އެބޭފުޅުން ބޭނުންވީ ޑިމޮކްރެސީގެ ރީތި ހަމަތަކާއި އެންމެންނަށް އިންސާފުވެރިކަމާ އެކު ކަންތައް ކުރެވިގެންދާ ތަނާއި އަނިޔާވެރިކަމާ ދުރުން ކަންތައްތައް ކުރާތަން ފެނުން. އެހެން ނަމަމެސް މި ފެންނަނީ ދިމާއިދިކޮޅަށް ކަންތައްތައް،" މުއިއްޒު ވިދާޅުވި އެވެ.

އަންނަ އޭޕްރީލް ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް މުއިއްޒު ވާދަކުރައްވާނެކަން އިއުލާން ކުރުމާ އެކު، އެމްޑީޕީން އެންމެ ބޮޑު ރައްދެއް ދީ، ބަހުގެ ހަމަލާތައް ދޭން ފަށާފައިވާ އެއްބޭފުޅަކީ އެއީ ކަމަށް މިހާރު ވަނީ ވެފަ އެވެ.

ލޯކަލް އިންތިޚާބަށް އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މާލޭގައި ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި ވެސް އެންމެ ބޮޑަށް ބަހުގެ ހަމަލަތައް ދެއްވީ މުއިއްޒަށެވެ. އެގޮތުން، ފާޑުފާޑުގެ ވަނަންތަކުން މުއިއްޒަށް މުހާތަބު ކުރައްވައި ޖަލްސާގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި ޖޯޝާއި ފޯރި އިތުރު ކުރުމުގެ އުކުޅަކަށް ވެސް ނަޝީދު ބޭނުންކުރެއްވީ މުއިއްޒުގެ ނަމެވެ.