Roadha Mihaaru
ގައުމީ ފިރިހެން ބާސްކެޓްބޯޅަ ތަށި ޓީރެކްސް އަށް

ގައުމީ ފިރިހެން ބާސްކެޓްބޯޅަ މުބާރާތް ޓީރެކްސް ކާމިޔާބުކޮށްފި

09 އޮކްޓޯބަރ 2016

ސާޅިސް ތިން ޕޮއިންޓުގެ ބޮޑު ތަފާތަކުން ބައުސް ސްޕޯޓްސް ކްލަބް ބަލިކޮށް ޓީރެކްސް ބާސްކެޓްބޯލް ކްލަބުން ގައުމީ ފިރިހެން ބާސްކެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ސާޅިސް ތިން ޕޮއިންޓުގެ ބޮޑު ތަފާތަކުން ބައުސް ސްޕޯޓްސް ކްލަބް ބަލިކޮށް ޓީރެކްސް ބާސްކެޓްބޯލް ކްލަބުން ގައުމީ ފިރިހެން ބާސްކެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ޓީރެކްސް އިން މި މެޗު ކާމިޔާބުކުރީ 103-60 ޕޮއިންޓުންނެވެ. ލީގު ޗެމްޕިއަންކަން ވެސް ހޯދި ޓީރެކްސްގެ ފަރާތުން މި މެޗުގައި މޮޅު ކުޅުމެއް ފެނުނެވެ.

މުޅި މެޗުގައި ވެސް ޓީރެކްސް ފެނުނީ ތަފާތު ކޮށެވެ. އެ ޓީމަށް ކުޅޭ އިންޑިއާގެ ކުޅުންތެރިއާ ރިކިން ޕެތާނީ އާއި އަހުމަދު ޒަބީރު އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ޒަކަރިއްޔާ އަބްދުލް ލަތީފް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި އިބްރާހިމް ރަޝްވާން ވެސް ވަނީ މުހިއްމު ޕޮއިންޓުތަކެއް އެއްކޮށްފަ އެވެ.

ފުރަތަމަ ކުއާޓާ އިން ލީޑު ނެގުމަށް ފަހު ޓީރެކްސް އިން ދިޔައީ ލީޑު ފުޅާކުރަމުންނެވެ. އެ ޓީމުން ފުރަތަމަ ކުއާޓާ ނިންމާލީ 23-15 ޕޮއިންޓުން ކުރީގައި އޮވެ އެވެ. ދެ ވަނަ ކުއާޓާގައި ވެސް ބައުސްގެ ކުޅުން ރަނގަޅު ނުވުމުން ޓީރެކްސް އިން ފައިދާ ނެގި އެވެ. އެ ޓީމު ދެ ވަނަ ކުއާޓާ ނިންމާލީ 49-25 އިންނެވެ.

ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލުގައި ޓީރެކްސް އާއި ބައުސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލުގައި ޓީރެކްސް އާއި ބައުސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ތިން ވަނަ ކުއާޓާ ފެށިގެން ބައުސް އިން ކުޅުން ރަނގަޅުކޮށް މެޗުގެ ތެރެއަށް ވަނެވެ. އެހެން ނަމަވެސް މި ކުއާޓާގެ ފަހު ކޮޅުގައި ބައުސްގެ ފަރާތުން ވަރުބަލިކަން ފެނިގެންދިޔައިރު، ޓީރެކްސްގެ ތަޖުރިބާކާރު ކުޅުންތެރިން އޭގެ ފައިދާ ނެގި އެވެ. އެ ޓީމުން މި ކުއާޓާ ނިންމާލީ 74-45 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ. ފަހު ކުއާޓާގައި ޓީރެކްސް އިން ހަމަޖެހިލައިގެން ކުޅުނުއިރު، އެ ޓީމު މެޗު ނިންމާލީ 103-60 ޕޮއިންޓުންނެވެ.

މެޗަށް ފަހު ޓީރެކްސްގެ ކޯޗު އިލްޔާސް އިބްރާހިމް (އިއްލަ) ބުނީ ލީގުގައި ދެއްކި ކުޅުމަށް ބަލާއިރު މި މެޗަށް ނުކުތްއިރު ވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު ބޮޑު ކަމަށެވެ.

"ކުޅުންތެރިންގެ ހިތްވަރާ އެކު ކުޅެފި ނަމަ މޮޅުވެވޭނެ ކަމުގެ ޔަގީންކަން މެޗަށް ނުކުތްއިރު ވެސް އޮތް. އަސްލު ޓީރެކްސްގެ ތަފާތަކީ ޓީމްވޯކް. ވަކިވަކި ކުޅުންތެރިންނެއް ނޫން ތަފާތަކީ. ރިކިން އަކީ މޮޅު ކުޅުންތެރިއެއް. އެކަމަކު އޭނާގެ ކުޅުން ފެންނަނީ ވެސް މުޅި ޓީމުން ކުރާ ހިތްވަރުން،" ކުރީގެ ކުޅުންތެރިއާ އިއްލަ ބުންޏެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނީ ޓީރެކްސްގެ ރިކިން އަށެވެ. އަދި 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ ރެޑްލައިން ކްލަބްގެ ރިޝްފާން ރަޝީދަށެވެ.