Roadha Mihaaru
ކޮވިޑް-19: އެމްއޭސީއެލްގެ ހަރަދުތައް ކުޑަކުރަނީ

ކޮވިޑް-19: އެމްއޭސީއެލްގެ ހަރަދުތައް ކުޑަކުރަން މަޝްވަރާކޮށްފި

02 މާޗް 2020

އެކި ގައުމުތަކުގައި ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރި ވިޔަފާރި އާއި އިގްތިސާދަށް ބޮޑު ލޮޅުމެއް އަރައިފާނެ ކަމުގެ ބިރު ބޮޑުވުމުން، ދައުލަތުގެ ހަރަދުތައް ކުރުމަށް ސަރުކާރުން އަންގާފައިވާތީ، އެކަމާ ގުޅޭގޮތުން އެއާޕޯޓްސް ކޮމްޕެނީން މިއަދު މަޝްވަރާކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އެކި ގައުމުތަކުގައި ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރި ވިޔަފާރި އާއި އިގްތިސާދަށް ބޮޑު ލޮޅުމެއް އަރައިފާނެ ކަމުގެ ބިރު ބޮޑުވުމުން، ދައުލަތުގެ ހަރަދުތައް ކުރުމަށް ސަރުކާރުން އަންގާފައިވާތީ، އެކަމާ ގުޅޭގޮތުން އެއާޕޯޓްސް ކޮމްޕެނީން މިއަދު މަޝްވަރާކޮށްފި އެވެ.

އެމްއޭސީއެލްގެ ޓްވީޓެއްގައި ބުނީ ކުންފުނީގެ ސީނިއާ މެނޭޖްމެންޓުން ބޭއްވި މަޝްވަރާތަކުގައި ބޮޑަށް ވާހަކަ ދެއްކީ ކޮންމެހެން ކުރަން ޖެހޭ ހަރަދުތަކާއި ވަސީލަތްތައް ފިޔަވައި އެހެން ހަރަދުތައް ކުޑަކޮށް، އިސްރާފުވާ މިންވަރު މަދު ކުރުމަށް ކަމަށެވެ.

މިހާލަތުގައި އަޅާނެ ފިޔަވަޅުތަކާއި ހަރަދު ކުޑަކުރާނެ ގޮތްތަކާ ގުޅޭ ގޮތުން އެ މަޝްވަރާތަކުގައި ގިނަ ހިޔާލުތަކެއް ލިބުނު ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ކޮވިޑް-19 ގިނަ ގައުމުތަކެއްގައި މިހާރު ފެތުރި، މީހުން މަރުވާ ނިސްބަތް އިތުރު ވަމުން ދާތީ، ދަތުރުކުރުމުގައި ސަމާލުވުމަށް ގައުމުތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ. ރާއްޖޭން ވެސް ވަނީ، ހަތް ގައުމަކަށް ދަތުރުކުރުމުގައި ދިވެހިން ސަމާލުވުމަށް އަންގައިފަ އެވެ. އޭގެތެރޭގައި ޖަޕާނާއި ސިންގަޕޫރާއި ހޮންކޮންގާއި ދެކުނު ކޮރެއާގެ އިތުރުން ތައިލެންޑާއި އީރާން އަދި އިޓަލީ ހިމެނެ އެވެ.

ރާއްޖެ އަށް އަންނަން ބުކިން ހަދާފައިވާ ގިނަ އަދަދެއްގެ ޓޫރިސްޓުންގެ ބުކިން ވެސް ކޮވިޑް ވައިރަހާ ގުޅިގެން ކެންސަލް ކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ކުރިން ބުނެފަ އެވެ. ވައިރަސް ފެތުރެން ފެށި އަދި އޭގެ ނުރައްކާ އެންމެ ބޮޑު ޗައިނާ އަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމު ކަމަށް ވިޔަސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިހާރުވަނީ ޗައިނާއިން މީހުން އައުން މަނާކޮށްފަ އެވެ.

އެހެންވެ، މި ދުވަސްވަރުު ރާއްޖެއަށް އަންނަ އަދި ފުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވާނެ އެވެ. އެކަމަކު އޭގެ އަދަދުތަކެއް އަދި އެމްއޭސީއެލުން އާއްމެއް ނުކުރެ އެވެ.

ސަރުކާރުގެ ހަރަދު ކުޑަކުރުމަށް މުއައްސަސާތަކަށް އެންގީ މިހާތަނަށް ފަރުވާއެއް އަދި ވެކްސިނެއް ވެސް ހޯދިފައިނުވާ ރޯގާއާ ގުޅިގެން، ދައުލަތަށް މި އަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރި ވަރަށް އާމްދަނީ ނުލިބިދާނެތީ އެވެ. ސަރުކާރުން އެންގީ މުވައްޒަފުންނަށް ކުރާ ހަރަދުތަކާއި ކެޕިޓަލް ހަރަދުތަކާއި ދަތުރުފަތުރުގެ ހަރަދުތަކާއި އިދާރީ ހިންގުމުގެ ހަރަދުތަކާއި މަރާމާތާއި ބެލެހެއްޓުމުގެ ހަރަދުތައް ކުޑަކުރުމަށެވެ.

ކޮވިޑް-19 މިހާތަނަށް 88،000 އަށް ވުރެ ގިނަ މީހުންނަށް ޖެހި 3،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ރާއްޖެ އިން މިހާތަނަށް އެ ވައިރަސް ފެނިފައި ނުވިޔަސް، ރައްކާތެރިކަމުގެ ވަރަށް ގިނަ ފިޔަވަޅުތައް ވަނީ އަޅައިފަ އެވެ.