03 މާޗް 2020
ފަހު މެޗުގައި ކްލަަބް އީގަލްސް އަތުން މިރޭ 2-1 އިން ބަލިވި ނަމަވެސް ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މާޒިޔާ އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އަައްޑަނަ އުފުލާލައިފި އެވެ.
ފަހު މެޗުގައި ކްލަަބް އީގަލްސް އަތުން މިރޭ 2-1 އިން ބަލިވި ނަމަވެސް ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މާޒިޔާ އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އަައްޑަނަ އުފުލާލައިފި އެވެ.
މިއީ މާޒިޔާ އިން ލީގުގެ ޗެމްޕިއަންކަން ހޯދި ދެ ވަނަ ފަހަރެވެ. އެ ޓީމުން މީގެ ކުރިން ލީގު ހޯދީ 2016 ވަނަ އަހަރު އެވެ. ދެ ފަހަރު ވެސް އެ ޓީމުން ލީގު ޗެމްޕިއަންކަން ހޯދީ ބާކީ ތިން މެޗު އޮއްވަ އެވެ. މާޒިޔާ އިން މި ފަހަރުގެ ލީގު ނިންމާލީ 21 މެޗުން 51 ޕޮއިންޓާ އެކު އެވެ. މާޒިޔާ ޗެމްޕިއަންކަން ހޯދުމުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ފަރާތުން ދޭ އަގުވަޒަންކުރުމުގެ އެވޯޑެއް އެފްއޭއެމުން ވަނީ އެ ޓީމާ ހަވާލުކޮށްފަ އެވެ.
މި ފަހަރުގެ ލީގުގައި މާޒިޔާ އަށް މޮޅެއް ނުހޯދުނީ ކްލަބް އީގަލްސް އަތުންނެވެ. ފުރަތަމަ ބުރުގައި މި ދެ ޓީމު 1-1 އިން އެއްވަރުވިއިރު، ދެ ވަނަ ބުރުގައި 1-0 އިން އީގަލްސް މޮޅުވި އެވެ. އަދި ތިން ވަނަ ބުރުގައި މިރޭ ލީގުގައި މާޒިޔާ އަތުން ހޯދި ދެ ވަނަ މޮޅާ އެކު އީގަލްސް ލީގު ނިންމާލީ ދެ ވަނައިގަ އެވެ. އެއީ 21 މެޗުން 45 ޕޮއިންޓާ އެކު އެވެ. ލީގުގެ ޗެމްޕިއަންކަން 2018 ވަނަ އަހަރު ހޯދި ޓީސީ ތިން ވަނައިގައި އޮތީ 21 މެޗުން 41 ޕޮއިންޓާ އެކު އެވެ.
ލީގުގެ ފެއާޕްލޭ ޓީމުގެ މަގާމު ވެސް ހޯދި އީގަލްސް އަށް މިއީ ރަނގަޅު ކާމިޔާބެވެ. މިއީ އެ ޓީމުން ލީގުގެ ދެ ވަނައިގައި ނިންމާލި ފުރަތަމަ ފަހަރެވެ.
ޗެމްޕިއަންކަން ކަށަވަރުވެފައި އޮތުމުންނާއި ކުރިއަށް އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖާއި އެފްއޭ ކަޕްގެ މެޗުތައް އޮތުމުން މާޒިޔާ އިން މިރޭގެ މެޗަށް ނުކުތީ އާންމުކޮށް ފުރަތަމަ އެގާރައިގައި ކުޅޭ ގިނަ ކުޅުންތެރިން ނުލަ އެވެ. ބެންގަލޫރު އަތުން އެންމެ ފަހުން ރަށުން ބޭރުގައި މޮޅުވި މެޗުގައި ފުރަތަމަ އެގާރައިގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން މިރޭ މެޗު ފެށީ ކެޕްޓަން ބޭންްޑް އަަޅައިގެން ކުޅުނު މުހައްމަދު އިރުފާން (އިރޭ) އާއި ތަޖުރިބާކާރު ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) އެވެ.
އީގަލްސްގެ ދެ ކުޅުންތެރިން ކައިރިން ބޯޅަ ހިފައިގެންދާން މާޒިޔާގެ ހަމްޕު (ކ) މަސައްކަތްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މެޗު ފަށައިގެން ފުރަތަމަ މިނިޓްގައި މާޒިޔާގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ޖެހި ބޯޅައެއް އަމާޒުވީ އީގަލްސްގެ ގޯލުގައި މިރޭ ހުރި ޒުވާން ގޯލްކީޕަރު އިބްރާހިމް ސިނާހު އަތަށެވެ. މެޗުގައި އީގަލްސް އަށް ލީޑުނަގައިދޭން އެންމެ ފުރަތަމަ ރަނގަޅު ފުރުސަތެއް ލިބުނީ އަހުމަދު ރިޒުވާން (ރިޒޭ) އަށެވެ. އޭނާ ޖެހި ބޯޅަ މާޒިޔާގެ ގޯލްކީޕަރު ހުސެއިން ޝަރީފް ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން އީގަލްސް އަށް ލީޑުނަގައިދިނީ ޖަޕާނުގެ މިޑްފީލްޑަރު ޓޮޝީކީ ކަވަމޯޓޯ އެވެ. އޭނާ މި ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ ހަސަން ރާއިފް އަހުމަދު (ހަންނަ) ދިން މޮޅު ހުރަހަކުންނެވެ. އީގަލްސް އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އަނިޔާވުމުގެ ސަބަބުން އަލީ ފާސިރު (ސެންޓޭ) ބަދަލުކުރަން ޖެހުމެވެ.
ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން މެޗުގެ 62 ވަނަ މިނިޓްގައި މާޒިޔާ އަށް އެއްވަރުކޮށްދޭން ރަނުގެ ފުރުސަތެއް އިއްބެ އަތުން ގެއްލުނެވެ. ލިބުނު ޕެނަލްޓީ އަކުން އިއްބެ ޖެހި ބޯޅަ ކީޕަރު ސިނާހު ވަނީ މަތަކޮށްފަ އެވެ. މިއީ އީގަލްސްގެ ބިދޭސީ ޑިފެންޑަރު ރަސުލް އަތުގައި ޖެހުނު ބޯޅައަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. އޭގެ ފަހުން މާޒިޔާ އަށް އެއްވަރުކޮށްދޭން މުހައްމަދު ސާމިރު ޖެހި ހިލޭ ޖެހުމެއް ވަނީ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ.
ނަތީޖާ ހަމަހަމަކުރަން މާޒިޔާ އިން ވަނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި އިބްރާހިމް އައިސަމް އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ކުޅެން އަރުވައިފަ އެވެ. އެކަމަކު ދެން ފެނުނީ ވެސް އީގަލްސްގެ ގޯލެކެވެ. މެޗުގެ 82 ވަނަ މިނިޓްގައި ރިޒޭ ވަނީ ހަމަޖެހިލާފައި ލިބުނު ފުރުސަތުގެ ބޭނުންހިފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
މިރޭގެ މެޗުގެ ތެރެއިން މާޒިޔާގެ އެކެޑަމީ ކުދިން އެ ޓީމުގެ ކުޅުންތެރިންނަށް ސަޕޯޓްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މާޒިޔާ އިން މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ މެޗުގެ 88 ވަނަ މިނިޓްގައި ހަމްޕު އެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އީގަލްސްގެ ފަރުހާދު އިސްމާއިލް (ފަރޭ) އެ ޓީމުގެ ފަހަތަށް ޖައްސާލި ބޯޅަ ކީޕަރު ސިނާހަށް ލިބުމުގެ ކުރިން ހަމްޕު ވަނީ ގޯލުގެ ތެރެއަށް އެ ބޯޅަ ފޮނުވާލައިފަ އެވެ. އިތުރު ލަނޑެއް ޖަހަން މާޒިޔާ އިން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.
މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް އީގަލްސް ހޮވުނުއިރު، އެންމެ މޮޅު ކީޕަރަކީ މާޒިޔާގެ ގޯލްކީޕަރު އަފްގާނިސްތާންގެ އޮވޭސް އަޒީޒީ އެވެ. އޭނާ އަކީ ޕްރިމިއާ ލީގަށް ބަދަލުކުރި ފަހުން އެންމެ މޮޅު ކީޕަރުގެ މަގާމު ހޯދި ބިދޭސީ ތިން ވަނަ ކީީޕަރެވެ. ކުރިން އެ އެވޯޑް ހޯދީ އީގަލްސްގެ ކީޕަރު ސްރީ ލަންކާގެ ސުޖަން ޕެރޭރާ އާއި ޓީސީ ގޯލު ކުރިން ބެލެހެއްޓި ނޭޕާލްގެ ކީޕަރު ކިރަން ޝެމްޝޮން އެވެ.
ލީގުގެ ފަހު ބުރު ފަށާއިރު މާޒިޔާ ބޮޑު ލީޑެއްގައި
އެންމެ ފަހުން ނިންމީ ހަ ޓީމާ އެކު ފަހު ބުރު ކުޅެން
އީގަލްސް އިން މާޒިޔާ ބަލިކޮށްފި!
އީގަލްސް އިން އަބަދުވެސް ޕްރެޝަރުކުރޭ: ސެކުލޮސްކީ
އީގަލްސްއާ އެއްވަރުވެ މާޒިޔާ އިން ފުރުސަތު ނަގާލައިފި
އީގަލްސް ވަރުގަދަ، މާޒިޔާ ދުލެއްނުދޭނެ: ސެކުލޮސްކީ
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
މާޒިޔާ ފަސްވަނަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބު ކޮށްފި
ރެކޯޑްތަކަކަށް މޯހަން ނުވިސްނާ؛ މިއަދަށް ތައްޔާރު!
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު