Roadha Mihaaru
ކިންގްސަލްމާން މިސްކިތް ރޯދައިގެ ކުރިން ހުޅުވޭތޯ ބަލަނީ

ކިންގް ސަލްމާން މިސްކިތް ރޯދަ މަހުގެ ކުރިން ހުޅުވުމަށް މަސައްކަތް ކުރަނީ

05 މާޗް 2020

ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒްގެ ޚަރަދުގައި މާލޭގައި އިމާރާތް ކުރި ކިންގް ސަލްމާން މިސްކިތް މި ރޯދަ މަހުގެ ކުރިން ހުޅުވަން ރައީސް އޮފީހުން މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒްގެ ޚަރަދުގައި މާލޭގައި އިމާރާތް ކުރި ކިންގް ސަލްމާން މިސްކިތް މި ރޯދަ މަހުގެ ކުރިން ހުޅުވަން ރައީސް އޮފީހުން މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މާލެ އާއި ހުޅުމާލޭގެ މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރަން ބޭއްވި ހަފްލާއެއްގައި، އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަބްދުލް އަޒީޒް އިސްމާއިލް ވިދާޅުވީ، ކިންގް ސަލްމާން މިސްކިތާ ގުޅޭ ކަންކަން ކުރިއަށް ގެންދަނީ ސީދާ ރައީސް އޮފީހުން ކަަމަށެވެ. އަދި ރޯދަ މަސް ފެށުމުގެ ކުރިން އެ މިސްކިތް ހުޅުވަން ރައީސް އޮފީހުން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް އޮފީހުގެ ވިސްނުންފުޅު އޮތީ ހަމަ ރަމަޟާން މަހަށް ހުޅުވޭ ވަރު ވޭތޯ،" އަޒީޒް ވިދާޅުވި އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަސް ފަށާނީ އަންނަ މަހުގެ 24 ގަ އެވެ.

އަޒީޒް ވިދާޅުވި ގޮތުގައި، ރައީސް އޮފީހުން އަންނަނީ ކިންގް ސަލްމާން މިސްކިތުގެ މަސައްކަތްތަކާ ގުޅުން ހުރި ފަރާތްތަކާ އެކު ވަރަށް ގާތުން މަސައްކަތް ކުރަމުންނެވެ. އަދި އެ މިސްކިތުގެ ގިނަ މަސައްކަތްތައް މިހާރު ހުރީ ނިމިފައި ކަމަށާއި ދެން ހުރީ މިސްކިިތަށް ބޭނުންވާ ފަރުނީޗަރާއި އެހެނިހެން ސާމާނު ހޯދުމުގެ ކަންކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތެއް މިނިސްޓްރީއަކުން ހިއްސާ އެއް ނުކުރެ އެވެ.

ސައޫދީ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒްގެ ޚަރަދުގައި މާލޭގައި ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތެއް އިމާރާތް ކުރަން ނިމި، އެކަމާ ގުޅޭ މަސައްކަތްތައް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އަދި އެއީ ސީދާ ޔާމީންގެ އެދިވަޑައިގަތުމަކަށް ސައޫދީގެ ރަސްގެފާނު ދެއްވި އެހީ އެކެވެ.

ކިންގް ސަލްމާން މި މިސްކިތް ހަދަން ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކުރީ ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ގެ ބަޖެޓަކާ އެކު އެވެ.

މި މިސްކިތުގައި ނަމާދު ކުރަން ހާއްސަކޮށްފައި ވަނީ ފުރަތަމަ ބުރި އާއި ދެ ވަނަ ބުރި އެވެ. އެ ދެ ބުރީގައި އެއް ފަހަރާ 4،000 މީހުންނަށް ނަމާދު ކުރެވޭނެ އެވެ. އަދި މިސްކިތުގެ ބޭރުގައި ވަށައިގެން އޮތް ސަރަހައްދުގައި 6،000 މީހުންނަށް ނަމާދުކުރެވޭނެ ކަމަށް، ޕްލޭނިން މިނިސްޓްރީން ބުނެފައި ވެ އެވެ.