Roadha Mihaaru
ކޮވިޑް-19: އަތް ދޮންނަން ސައިބޯނި ވަރެއް ނެތް

ކޮވިޑް-19: ސެނެޓައިޒާ ކޮންމެހެން މުހިންމެއް ނޫން، ސައިބޯނި ބަރާބަރު

08 މާޗް 2020

އެންމެ ފަހުން ރާއްޖެއިން ވެސް ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސް މި ވަނީ ފެނިފަ އެވެ. މިހާރު މި އޮތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި، ހަމަޖެހިލައިގެން ތިބެ ކަންކަން ކުރަން ޖެހޭ ވަގުތު އައިސްފަ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އެންމެ ފަހުން ރާއްޖެއިން ވެސް ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސް މި ވަނީ ފެނިފަ އެވެ. މިހާރު މި އޮތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި، ހަމަޖެހިލައިގެން ތިބެ ކަންކަން ކުރަން ޖެހޭ ވަގުތު އައިސްފަ އެވެ.

ސިއްހީ ތަޖުރިބާކާރުން ދޭ ނަސޭހަތަކީ، އަމިއްލަ ސާފުތާހިރުކަން ރަނގަޅުކޮށްފި ނަމަ މިއީ ވަރަށް ފަސޭހައިން ސަލާމަތްވެވި، ރައްކާތެރި ވެސް ވެވޭނެ ރޯގާއެއް ކަމެވެ. ގިނައިން އަތް ދޮވުމާއި މޫނުގައި އަަތް ނުކޭއްތުން ފަދަ ވަރަށް އާދައިގެ ކަންކަމުން، މި ވައިރަސް އަށް މަގު ބަންދުކޮށްލެވެ އެވެ.

މިހާރު އެންމެ ޑިމާންޑް ބޮޑު އެކައްޗަކީ އަތް ދޮންނަން ބޭނުން ކުރާ ސެނިޓައިޒާ އެވެ. އެސްޓީއޯ އިން ވަނީ އާންމުންނަށް ސެނެޓައިޒާ ވިއްކުން ހުއްޓާލައިފަ އެވެ. މި ވަގުތު އެ ކުންފިން އެ ބާވަތް ފޯރުކޮށްދޭން އިސްކަން ދެނީ ސިއްހީ ދާއިރާގެ ތަންތަނަށެވެ. އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މި ހާލަތުގައި ކަން ކުރަމުން އަންނަ ގޮތެވެ.

ބައެއް ފާމަސީތަކާއި ފިހާރަތަކުން ސެނިޓައިޒާ ކޮންމެވެސް ވަރަކަށް ލިބެން އެބަ ހުއްޓެވެ. އެކަމަކު އަގު ވަނީ މައްޗަށް ގޮސްފަ އެވެ.

މިހާރު އުފެދޭ ސުވާލަކީ އަތް ސާފުކުރަން އެންމެ ރަނގަޅީ ސެނިޓަައިޒާ ހެއްޔެވެ؟ ނުވަތަ ސައިބޯނި ހެއްޔެވެ؟

އަތް ސާފުކުރަން ބޭނުންކުރާ ސެނިޓައިޒާ ފުޅިއެއް

އަތް ސާފުކުރަން ބޭނުންކުރާ ސެނިޓައިޒާ ފުޅިއެއް

އެތެރެހަށީގެ ހާއްސަ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވީ އަތްދޮވެ ސާފުކުރަން އެންމެ މުހިންމީ ސައިބޯނި ކަމަށެވެ. އެހެންކަމުން ޖަރާސީމާއި ވައިރަސްގެ ދުވަސް ދުއްވާލަން ސެނަޓައިޒާއަށް ވުރެ ސައިބޯނި މާ ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

"ސެނަޓައިޒާ މިވާ ގޮތަކީ މާ އަވަހަށް ހިކެނީ. އެހެންވެ މުޅި އަތް ސާފުނުކުރެވޭ ފަހަރު އާދޭ. އޭގެ ބަދަލުގައި ސައިބޯނިން އަތް ދޮންނަ ނަމަ މުޅި އަތް ރީއްޗަށް އެބަ ދޮވެވޭ،" ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.

އަތް ދޮންނަން ރަނގަޅީ އާދައިގެ ސައިބޯނި ކަމަށް ވިދާޅުވެ ޑޮކްޓަރު ކުރެއްވި ޓްވީޓް

އޭނާ ވިދާޅުވި ގޮތުގައި ސައިބޯނި ލައިގެން އަތް ދޮންނަ ކޮންމެ ފަހަރަކު އަތުގައި ހުންނަ ވައިރަހާއި ޖަރާސީމްތަކުގެ 98 ޕަސެންޓް ނައްތާލެވެ އެވެ. އަދި އެންމެ ސައިބޯންޏަކުން ގިނަ ބަޔަކު ބޭނުން ކުރިޔަސް މައްސަލައެއް ނެތް ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.

"އަތްލާ ހިސާބުން އެ ޖަރާސީމްތައް މަރުވޭ. އެހެންވީމަ އެހެން މީހަކު އެ ސައިބޯނީގައި އަތްލި ނަމަވެސް ޖަރާސީމެއް ނާރާނެ،" އޭނާ ވިދާޅުވި އެވެ.

ވަކި ވައްތަރެއްގެ ސައިބޯންޏެއް ވެސް މުހިންމެއް ނޫނެވެ. އެންމެ އާދައިގެ ސައިބޯނިން އަތް ދޮވުނަސް ޖަރާސީމާއި ވައިރަސްތަކުން ސަލާމަތްވެވޭނެ ކަމަށް، ސިއްހީ ތަޖުރިބާކާރުން ބުނެ އެވެ.

ކޮންމެހެން އަތް ދޮންނަންވީ ހާލަތްތައް

- ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިންނާއި ފަހުން

- ކާން ފެށުމުގެ ކުރިން

- ބަލި މީހަކަށް އެހީތެރިވުމުގެ ކުރިންނާއި ފަހުން

- ފާހާނާ ބޭނުން ކުރުމުގެ ފަހުން

- ކިނބިހި އެޅުމަށް ފަހު

- ޖަނަވާރެއްގައި އަތް ލުމަށް ފަހު

- ކުނީގައި އަތްލުމަށް ފަހު

ކޮރޯނާވައިރަސްއާ ބެހޭ ގޮތުން މިހާތަނަށް ސައިންސްވެރިންނަށް ލިބުނު މައުލޫމާތުތަކުން އާންމުންނަށް ގެނެސް ދޭނެ އުފާވެރި ޚަބަރަކީ، އެހާ ފަސޭހައިން އެއިން ރައްކާތެރިވެވުމެވެ. އެހެންކަމުން ފުރަތަމަ އެ ވައިރަސް ފެތުރެން ފެށުމާ އެކު، ސާފުތާހިރުކަމަށް ސަމާލުކަން ދޭން، ކަމާ ބެހޭ ފަރާތްތަކުން އަންނަނީ އިރުޝާދު ދެމުންނެވެ.