Roadha Mihaaru
މުވައްޒަފުން ގޭގައި މަސައްކަތްކުރާނެ ގޮތް ކަނޑައަޅަނީ

ސަރުކާރު ހުއްޓުމަކަށް ނައިސް މުވައްޒަފުން ގޭގައި މަސައްކަތް ކުރާނެ ގޮތް ކަނޑައަޅަނީ

09 މާޗް 2020

ކޮވިޑް-19 ގައި ރާއްޖޭގެ ހާލަތު ގޯސްވިޔަސް، ސަރުކާރު ހުއްޓުމަކަށް ނައިސް މުވައްޒަފުންނަށް ގޭގައި މަސައްކަތް ކުރެވޭނެ ގޮތެއް ކަނޑައެޅުމުގެ މަސައްކަތް ކޮމިއުނިކޭޝަން މިނިސްޓްރީން މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 ގައި ރާއްޖޭގެ ހާލަތު ގޯސްވިޔަސް، ސަރުކާރު ހުއްޓުމަކަށް ނައިސް މުވައްޒަފުންނަށް ގޭގައި މަސައްކަތް ކުރެވޭނެ ގޮތެއް ކަނޑައެޅުމުގެ މަސައްކަތް ކޮމިއުނިކޭޝަން މިނިސްޓްރީން މިއަދު ފަށައިފި އެވެ.

އެ މިނިސްޓްރީ އިސްނަގައިގެން މިއަދު ވަނީ އެކި މިނިސްޓްރީތަކާއި އިދާރާތަކުގެ އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ޑިޕާޓްމަންޓުގެ އިސްވެރިންނާ އެކު ބައްދަލުވުމެއް ބާއްވައިފަ އެވެ.

އެ ރަސްމިއްޔާތުގައި، ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް ޖަމާލް ވިދާޅުވީ އިމަޖެންސީ ނުވަތަ ކާރިސާ ހާލަތެއްގައި ވެސް މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހަމަޖައްސަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައިވާ ކަމަށެވެ. އެހެންވެ، އެކަމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކާރިސާ ހާލަތެއްގައި ހެލްތު މިނިސްޓްރީ އާއި ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އަމަލުކުރާނެ ގޮތްތަކެއް ވެސް އޮންނާނެ އެވެ. ނަމަވެސް ސަރުކާރުގެ މިފަދަ ކަންކަމުގައި އެންސީއައިޓީ އަމަލުކުރާނެ ކަމެއް ނެތް ކަމަށް ވިދާޅުވި އެވެ.

ސަރުކާރުގެ އޮފީސްތަކުގެ އައިޓީ ޑިޕާޓްމަންޓުގެ އިސްބޭފުޅުންނާ، ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް މިއަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު

ސަރުކާރުގެ އޮފީސްތަކުގެ އައިޓީ ޑިޕާޓްމަންޓުގެ އިސްބޭފުޅުންނާ، ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް މިއަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު

"..މުސްތަގުބަލުގައި އަޅުގަނޑުމެންގެ ވިސްނުންހުރީ ހުރިހާ އިދާރާއެއްގެ ބޭފުޅުން ވަޑައިގެން، މުޅި ރާއްޖޭގެ ކޮމިއުނިކޭޝަން އިމަޖެންސީ ޕްލޭން ތައްޔާރުކުރުން،" މަލީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ ސިއްހީ ޖަމިއްޔާ އާއި ހެލްތު މިނިސްޓްރީ ނުވަތަ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ކަނޑައަޅާފައިވާ އިމަޖެންސީ އެކި ޕްލޭނުގައި، ހުދާއި ރީނދޫ އަދި ރަތް އެލާޓުގައި އަމަލުކުރާނެ ވަކި ގޮތްތަކެއް ހަމަޖައްސާފައި އޮންނަ ކަމަށެވެ.

ކޮވިޑްއާ ގުޅިގެން ސަރުކާރުގެ އޮފީސްތަކުގައި ފިންގަޕްރިންޓް ޖެހުން ހުއްޓާލައި ޓެގް ނުވަތަ ކާޑު ބޭނުންކުރަން ވަނީ ނިންމައިފަ އެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީގެ ޓުވީޓް

ރާއްޖެ އިން މިހާތަނަށް ހަތަރު ބިދޭސީ އަކު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އެ މީހުންގެ ހާލު ރަނގަޅުކަމަށް ސަރުކާރުން ބުނެ އެވެ. މިހާތަނަށް އެއްވެސް ދިވެއްސަކަށް އެ ބަލި ޖެހިފައެއް ނުވެ އެވެ.