Roadha Mihaaru
ދަތުރު ހުއްޓާލުމުން ރޯމާ، އިންޓަގެ މެޗުތައް ކެންސަލް

ދަތުރު ހުއްޓާލުމުން ރޯމާ، އިންޓަގެ މެޗުތައް ކެންސަލް

12 މާޗް 2020

ރޯމް (މާޗް 12) – ޔުއެފާ ޔުރޮޕާ ލީގުގައި މިރޭ ރޯމާ އާއި ސެވިއްޔާ އިން ސްޕެއިނުގައި ކުޅެން އޮތް މެޗާއި އިންޓަ މިލާނާއި ގެޓަފޭ އިން އިޓަލީގައި ކުޅެން އޮތް މެޗު ޔުއެފާ އިން ފަސްކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ރޯމް (މާޗް 12) – ޔުއެފާ ޔުރޮޕާ ލީގުގައި މިރޭ ރޯމާ އާއި ސެވިއްޔާ އިން ސްޕެއިނުގައި ކުޅެން އޮތް މެޗާއި އިންޓަ މިލާނާއި ގެޓަފޭ އިން އިޓަލީގައި ކުޅެން އޮތް މެޗު ޔުއެފާ އިން ފަސްކޮށްފި އެވެ.

މި މެޗުތައް ފަސްކުރަން ޖެހުނީ ކޮރޯނާވައިރަސް (ކޮވިޑް-19) އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އިޓަލީއާ ދެމެދުތައް ވައިގެ ދަތުރުތައް ކުރުން ސްޕެއިނުން ހުއްޓާލުމާ ގުޅިގެންނެވެ. އޭގެ ކުރިން ވެސް މެޗު ކުޅެން ކްލަބްތަކުން އައީ ދެކޮޅު ހަދަމުންނެވެ.

ގެޓަފޭގެ ރައީސް އެންހެލް ޓޮރޭސް އަންގާރަ ދުވަހު ވިދާޅުވީ ކޮރޯނާވައިރަސް އިޓަލީގައި ފެތުރޭ މައި ހިސާބަށް ދާން ބޭނުންނުވާ ކަމަށާއި މި މެޗަށް އެހެން ގޮތެއް ހަމަޖައްސައިދޭން ޔުއެފާގައި އެދިފައިވާ ކަމަށެވެ. އަދި މެޗަށް ހާޒިރުނުވެ، މެޗު އަތުން ދޫވާން ޖެހުނަސް ފަރުވާލެއް ނެތް ކަމުގެ އިޝާރާތެއް ވެސް އޭނާ ކުރެއްވި އެވެ. އެ މެޗު ކުޅެން ހަމަޖެހިފައިވާ މިލާން ނިސްބަތްވަނީ އިޓަލީގައި އެ ބަލި އެންމެ ބޮޑަށް ފެތުރޭ އެއް ސަރަހައްދު ކަމަށްވާ ލޮމްބާޑީގަ އެވެ.

އަނެއްކޮޅުން ރޯމާ އިން އޮތީ ސެވިއްޔާއާ ދެކޮޅަށް މެޗު ނުކުޅޭނެ ކަމަށް އިއްޔެ އަންގައިފަ އެވެ. ސަބަބަކީ ދަތުރުކުރަން ހުއްދަ ނުލިބުމެވެ. އިޓަލީއާ ދެމެދު ސްޕެއިނުން ދަތުރުތައް ހުއްޓާލާފައި އޮތަސް ރޯމާ އަށް ހާއްސަ ހުއްދައެއް ދޭން އެ ކްލަބުގެ ފަރާތުން ޔުއެފާ އިން ސްޕެއިން ސަރުކާރުގައި އެދުނު ނަމަވެސް އެކަމަށް ހުއްދަ ނުލިބުނެވެ. ރިޕޯޓްތައް ބުނި ގޮތުގައި ވައިގެ މަގުން ޕޯޗުގަލަށް ގޮސް ބަހުގައި ސެވިލް އަށް ދާ ގޮތަށް ވެސް ރޯމާ އިން ވިސްނި އެވެ.

މި މެޗުތައް ކެންސަލްވުމުން އަންނަ ހަފުތާގައި އޮންނަ މި މެޗުތަކުގެ އަނެއް ލެގަށް ވާނެ ގޮތެއް ނޭގެ އެވެ. ނިއުޓްރަލް ދަނޑެއްގައި ޕްލޭއޮފް އުސޫލުން އެއް މެޗު ކުޅޭ ގޮތަށް ވެސް ޔުއެފާ އިން ރާވަފާނެ ކަމަށް ވާހަކަތައް ދެކެވެ އެވެ.

ދެން ސުވާލު އުފެދިފައި އޮތީ ޗެމްޕިއަންސް ލީގުގައި އަންނަ އަންގާރަ ދުވަހު ޔުވެންޓަސް އިން އަމިއްލަ ދަނޑުގައި ފްރާންސްގެ އޮލިމްޕިކް ލިޔޯނާ ދެކޮޅަށް ކުޅޭ މެޗާ މެދު އެވެ. އެކަމަކު ޔުވެންޓަސްގެ ޑެނިއަލް ރުގާނީ ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ޔުވެންޓަސް ސްކޮޑް ކަރަންޓީނުގައި ތިބޭނެތީ އެ މެޗު ކެންސަލްވާނެ އެވެ.

އިޓަލީން ވަނީ އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް އިޓަލީގެ ހުރިހާ ކުޅިވަރު ހަރަކާތެއް ކެންސަލްކޮށްފަ އެވެ. އެކަމަކު ޔުއެފާގެ މެޗުތައް ސަޕޯޓަރުން ނެތި ކުރިއަށް ގެންދެވޭނެ ފުރުސަތު އޮތެވެ.

ސްޕެއިނާއި ފްރާންސްގައި ކުރިއަށް އޮތް ދެ ހަފުތާގައި މެޗުތައް ބާއްވާނީ ސަޕޯޓަރުން ނުވައްދަ އެވެ.

ޔުއެފާ އިން ވަނީ ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގުގެ ބައެއް އެހެން މެޗުތައް ވެސް ސަޕޯޓަރުން ނެތި ކުޅޭ ގޮތަށް ހަމަޖައްސައިފަ އެވެ. އޭގެ ތެރޭގައި މިރޭ އޮސްޓްރިއާގެ ލާސްކްއާ ދެކޮޅަށް އެ ގައުމުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗާއި ގްރީކުގެ އޮލިމްޕިއާކޯސްއާ ދެކޮޅަށް އެ ގައުމުގައި ވުލްވްސް ކުޅޭ މެޗު ހިމެނެ އެވެ. މި މެޗު ފަސްކުރަން ވުލްވްސް އިން އެދުނު ނަމަވެސް ޔުއެފާ އިން އެގޮތް ބަލައިނުގަތެވެ.

ޗެމްޕިއަންސް ލީގަށް ބަލާއިރު އަންނަ ހަފުތާގައި ބުދަ ދުވަހުގެރޭ ޖަރުމަނުގައި އެ ގައުމުގެ ބަޔާން މިއުނިކާ ދެކޮޅަށް ޗެލްސީއާ ނުކުންނަ މެޗު ވެސް ކުޅޭނީ ސަޕޯޓަރުން ނުވައްދަ އެވެ.