Roadha Mihaaru
އިގްތިސާދަށް ވަރަށްބޮޑު ހީނަރުކަމެއް އަންނާނެ: ރައީސް

ރޯގާގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ހީނަރުކަމެއް އެބަ އާދޭ: ރައީސް

12 މާޗް 2020

ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ހީނަރުކަމެއް އެބަ އަންނަ ކަމަށާއި އެ ރޯގާގެ ސަބަބުން އިގުތިސާދަށް އެންމެ ބޮޑަށް ލޮޅުން އަރާ ގައުމުތަކުގެ ތެރޭގައި ރާއްްޖެ ހިމެނޭނެ ކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން ލަފާކުރާ ކަމަށް ރައީސް އިބްރާހީމް މުހަައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ހީނަރުކަމެއް އެބަ އަންނަ ކަމަށާއި އެ ރޯގާގެ ސަބަބުން އިގުތިސާދަށް އެންމެ ބޮޑަށް ލޮޅުން އަރާ ގައުމުތަކުގެ ތެރޭގައި ރާއްްޖެ ހިމެނޭނެ ކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން ލަފާކުރާ ކަމަށް ރައީސް އިބްރާހީމް މުހަައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރޯގާ ފެތުރޭތީ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ރާއްޖޭގެ ހާލަތު އޮތް ގޮތާ ބެހޭ ގޮތުން ގައުމާ މުހާތަބު ކުރައްވަމުން ރައީސް ވިދާޅުވީ މި މަހުގެ ފުރަތަަމަ 10 ދުވަހުގެ ތެރޭގައި ވެސް ރާއްޖޭގެ ޓޫރިޒަމް މިދިޔަ އަހަރާ އަޅާބަަލާއިރު 22.8 ޕަސެންޓް ދަށަށް ގޮސްފައިވާ ކަަމަށެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހުގެ 26 އިން ފެށިގެން މިހާތަނަށް 161،740 ބެޑް ނައިޓް ކެންސަލް ވެފައިވާ ކަމަށް އެ މަނިިކުފާނު ވިދާޅުވި އެވެ.

"މި ރޯގާގެ ސަބަބުން މުޅި ދުނިޔޭގެ އިގުތިސާދަށް ވަރަށް ބޮޑު ހީނަރުކަމެއް މިހާރު ވެސް އަތުވެއްޖެ. އަދި ރާއްޖޭގެ އިގުތިސާދަށް ވެސް ވަރަށް ބޮޑު ހީނަރުކަމެއް އެބަ އާދެ. ދުނިޔޭގެ މާލީ އިދާރާތަކުގެ ދިރާސާތައް ދައްކާ ގޮތުން، ކޯވިޑް19ގެ ސަބަބުން އިގުތިސާދަށް އެންމެ ބޮޑަށް ލޮޅުން އަރާނެ ގައުމެއްގެ ގޮތުގައި ރާއްޖެ ފާހަގަކުރެވޭ،" ރައީސް ވިދާޅުވި އެވެ.

އާމްދަނީ އަށް ބޮޑު ހީނަރުކަމެއް

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދު މިއަހަރު ކުރިއަރާނެ ކަމަށް ކުރިން ލަފާކޮށްފައި އޮތީ 7.5 ޕަސެންޓްގައި ކަމަށް ވިޔަސް ރޯގާއާ ގުޅިގެން އަންނަ ލޮޅުމުގެ ސަބަބުން އެ މިންވަރު 0.5 ޕަސެންޓާއި މައިނަސް 5.6 ޕަސެންޓާ ދެމެދަށް ވެއްޓޭނެ ކަމަށް މިހާރު ވަނީ އަންދާޒާކުރެވިފަ އެވެ.

އެހެންވެ މިއަަހަރަށް އާމްދަނީ ލިބޭނެ ކަަމަށް ކުރިން ލަފާކުރި ވަރަށް ވުރެ 2.1 ބިލިޔަން ރުފިޔާ އާއި 6.9 ބިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ދަށްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް، ގައުމާ މުޚާތަބު ކުރެއްވުން

"މި ދަތިތައް ކުރިމަތިވިޔަސް، މާތް ﷲގެ ވާގިފުޅާ އެކު ސަރުކާރުން މަސައްކަތް ކުރަމުން މިއަންނަނީ، ރައްޔިތުންނަށް ދެމުން އަންނަ އެއްވެސް ޚިދުމަތަކަށް، ހުއްޓުމެއް އަޔަ ނުދިނުމަށް،" ރައީސް ވިދާޅުވި އެވެ.

ރައްޔިތުންނަށް ހިދުމަތްތައްް ދެވޭނެ

ރައީސް ވިދާޅުވީ ރޯގާއާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތައް އެރި ނަމަވެސް ރައްޔިތުންނަށް ދޭންވާ އަސާސީ ހިދުމަތްތައް މެދުނުކެނޑި ދެވޭނެ ކަމަށައި ރާވާފައިވާ އެއްވެސް މަޝްރޫއުއެއް ހުއްޓައި ނުލާނެ ކަމަށެވެ.

ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކުގެ ތެރެއިން ކާބޯތަކެއްޗާއި ބޭސްފަރުވާ އަށް ބޭނުންވާ ހުރިހާ އެއްޗެއް ވެސް ލިބޭނެކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.

ރައީސް ވިދާޅުވީ ތިން މަސްދުވަހަށް ފުދޭ ވަރަށް ބޭހުގެ އެހީ ދޭން އިންޑިއާ އިން މިހާރު ނިންމާފައިވާ ކަމަށެވެ. ޕްރޮފެޝަނަލް ޑޮކްޓަރުންގެ ޓީމެއް ފޮނުވުމަށް ވެސް އެ ގައުމުން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގައުމާ މުޚާތަބު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 އާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގައުމާ މުޚާތަބު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

"އޭގެ އިތުރުން ރަޙްމަތްތެރި އެހެން ގައުމުތަކުން ވެސް، ކޯވިޑް19 އާ ދެކޮޅަށް ރާއްޖެ އަށް އެހީތެރިވެދޭނެ ކަމުގެ ފެހި ސިގްނަލް ވަނީ ލިބިފައި،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރޯގާގެ ސަބަބުން އަންނަ ދަތިކަމުގައިި ވެސް ސަަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރުމުގެ ވިސްނުމެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ހަރަދު ކުޑަކުރާނީ ޕީއެސްއައިޕީގައި ނުހިމެނޭ ކަންތައްތަކުގެ ތެރެއިން ކަމަށާއި އެފަދަ ހަރަދުތައް ކުޑަކުރަން މިހާރު ވެސް އަންގާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭން ބޭރުން ލޯނު އެހީ އާއި ހިލޭ އެހީ ހޯދުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިކަމުގައި ވެސް އެކުވެރި ގައުމުތަކުންނާއި މާލީ އިދާރާތަކުން ފެހި ސިގްނަލް ލިބިފައި ރައީސް ވިދާޅުވި އެވެ.