Roadha Mihaaru
ޒަރޫރީ ބޭނުމެއްގައި ނޫނީ ތައިލެންޑަށް ނުދާން އެދެފި

ޒަރޫރީ ބޭނުމެއްގައި ނޫނީ ތައިލެންޑަށް ދަތުރު ނުކުރަން އެދެފި

18 މާޗް 2020

ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުން ދާތީ، ޒަރޫރީ ބޭނުމެއްގައި ނޫނީ ތައިލެންޑަށް ދަތުރު ނުކުރަން، ތައިލެންޑަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ޖިނާހް އިއްޔެ އިލްތިމާސްކުރައްވައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުން ދާތީ، ޒަރޫރީ ބޭނުމެއްގައި ނޫނީ ތައިލެންޑަށް ދަތުރު ނުކުރަން، ތައިލެންޑަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ޖިނާހް އިއްޔެ އިލްތިމާސްކުރައްވައިފި އެވެ.

ތައިލެންޑަށް ދަތުރު ނުކުރުމުގެ އިތުރުން ތައިލެންޑުގައި އުޅޭ ދިވެހިން އެ ގައުމުގެ އެތެރޭގައި ދަތުރުތައް ނުކުރަން ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

އޭނާ ވިދާޅުވީ ތައިލެންޑުގައި ދިރިއުޅޭ އަދި އެ ގައުމަށް ޒިޔާރަތްކުރާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ތައިލެންޑުގެ އިދާރާތަކުން ދެމުން އަންނަ އިރުޝާދުތަކަށާއި ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދޭން އެދިވަޑައިގަންނަވާ ކަމަށެވެ.

މި ކަމާ ގުޅޭ އިތުރު މައުލޫމާތު، ތައިލެންޑުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ހޮޓްލައިން، 66990704405+ އާއި 66992490172+، އަށް ގުޅުމުން ލިބޭނެ ކަމަށް ސަފީރު ވިދާޅުވި އެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ވޫހާން ޕްރޮވިންސުން ފެނުނު މި ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް އެކި ގައުމުތަކުން އަންނަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.

ތައިލެންޑުން ވަނީ ކޮވިޑް-19 ޖެހިފައިވާ 212 މީހަކު ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން އެކަކު ވަނީ މަރުވެފަ އެވެ.

މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ މި ބަލި ރާއްޖެއިން ފެނިފައި ވަނީ މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހެވެ. މި ބަލި ފެތުރުން މަދުކުރުމުގެ ގޮތުން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިދިޔަ ބުރާސްފަތި ދުވަހު މުޅި ދިވެހިރާއްޖެ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނުކޮށް، ރާއްޖޭގައި ވެސް ވަނީ ބޮޑެތި ފިޔަވަޅުތަކެއް އަަޅައިފަ އެވެ. ރާއްޖޭގައި މިހާތަނަށް 13 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އެ އެންމެންނަކީ ވެސް ޓޫރިސްޓުންނާއި ރިސޯޓްތަކުގެ ބިދޭސީ މުވައްޒަފުންނެވެ.