Roadha Mihaaru
މޯލްޑިވިއަން އިން 11 ޓަނުގެ މުދާ ރާއްޖެ ގެނެސްފި

މޯލްޑިވިއަން އިން 11 ޓަނުގެ މުދާ ރާއްޖެ ގެނެސްފި

10 އެޕްރީލް 2020

ރާއްޖެ އަށް ބޭނުންވާ 11 ޓަނުގެ މުދާ މޯލްޑިވިއަން އިން ރޭ ރާއްޖެ ގެނެސްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެ އަށް ބޭނުންވާ 11 ޓަނުގެ މުދާ މޯލްޑިވިއަން އިން ރޭ ރާއްޖެ ގެނެސްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ ގައުމުތަކުން ވައިގެ ދަތުރުފަތުރު މަޑުޖައްސާލާފައިވާތީ މުދާ އެތެރެ ކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލު ކުރަން މޯލްޑިވިއަން އިން މިހާރު ދަނީ ރާއްޖެ އަށް ބޭނުންވާ މުދާ ގެނައުމަށް ކާގޯ ފްލައިޓްތަކެއް ބަައެއް ގައުމުތަކަށް ބާއްވަމުންނެވެ. އެގޮތުން ބައެއް ގައުމުތަކުން ކުރިން ވެސް މުދާ އެތެރެ ކޮށްފައިވެ އެވެ.

މޯލްޑިވިއަން އިން ބުނިގޮތުގައި ރޭ 11 ޓަނުގެ ކާގޯ މުދާ ރާއްޖެ ގެނައީ ތައިލެންޑްގެ ވެރިރަށް ބެންކޮކުންނެވެ.

މޯލްޑިވިއަންގެ ޓްވީޓް

ތައިލެންޑުން ރާއްޖެ އަށް 11 ޓަނުގެ މުދާ ގެނައިއިރު، ތައިލެންޑްގެ އިތުރުން ސްރީލަންކާ އާއި އިންޑިއާގެ އިތުރުން ޑުބާއީ އިން ވެސް މުދާ ގެންނަން ކާގޯ ފްލައިޓްތަކެއް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.

މީގެ އިތުރުން އެހެން ބައެއް ގައުމުތަކުގައި ތިބި ދިވެހިންނަށް އެ މީހުން އާއިލާތަކުން ފޮނުވަން ބޭނުންވާ އެހީގެ ތަކެތި ގެންގޮސް ދިނުމާއި ރާއްޖެ އަންނަން ބޭނުންވެފައި ތިބި ދިވެހިން ރާއްޖެ ގެންނަން ވެސް ބައެއް ގައުމުތަކަށް މޯލްޑިވިއަން އިން ފްލައިޓްތައް ދަނީ ބާއްވަމުންނެވެ. އެގޮތުން ލަންކާ އާއި މެލޭޝިއާގެ އިތުރުން އިންޑިއާގެ ކޮޗިންގައި ތިބި ބައެއް ދިވެހިން ވަނީ ގެނެސްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އޮފީސްތަކާއި ސްކޫލްތައް ބަންދުކޮށް، ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. ރާއްޖޭގައި ކޮވިޑް-19 އަށް 19 މީހަކު ޕޮޒިޓިވް ވިޔަސް، އޭގެ ތެރެއިން 13 މީހަކު މިހާރު ވަނީ ރަނގަޅުވެފަ އެވެ. ބާކީ ތިބި ހަ މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެހިންނެވެ.