Roadha Mihaaru
ސާފު ފެން ނުލިބޭ 780 މިލިއަން މީހުން އުޅޭ

ސާފު ފެން ނުލިބޭ 780 މިލިއަން މީހުން އުޅޭ

23 މާޗް 2020

ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަކުރަމުން އަންނައިރު އާބާދީގެ 10 ޕަސަންޓް ނުވަތަ 780 މިލިއަނެއްހާ މީހުންނަށް ސާފު ފެން ނުލިބޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަކުރަމުން އަންނައިރު އާބާދީގެ 10 ޕަސަންޓް ނުވަތަ 780 މިލިއަނެއްހާ މީހުންނަށް ސާފު ފެން ނުލިބޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

އެ ޖަމިއްޔާއިން މިކަން ފާހަގަކުރި އިރު، މި ވަގުތު ނުރައްކާތެރި ކޮރޯނާވައިރަހާ ދުނުޔެ ހަނގުރާމަކުރަމުންދާ އިރު، ގިނަގިނައިން އޮތް ދޮންނަން އަންނަނީ އިލްތިމާސްކުރަމުންނެވެ. ނަމަވެސް ސާފު ފެން ނުލިބުމާ އެކު ދުނިޔޭގެ އާބާދީގެ 2.5 ބިލިއަނަށް ވުރެ ގިނަ މީހުން ތިބީ ސާފުތާހިރުވާން ނުކުޅެދިފައި ކަމަށް ޑަބްލިއުއެޗްއޯ އިން ބުންޏެވެ.

އެތަނުން ބުނިގޮތުގައި ސާފު ފެނަކީ އިންސާނުން ދިރިތިބުމަށް އެންމެ އަސާސީ އެއް ވަސީލަތަށް ވިޔަސް، ދުނިޔެ މިހާރު ތަހައްމަލުކުރަމުން ދަނީ ސާފު ފެނުގެ ދަތިކަމެވެ. އަދި މީގެ ސަބަބުން ކުރިމަތިވަމުންދާ ސިއްހީ މައްސަލަތަކާ މެދު ކަންބޮޑުވާ ކަމަށާއި ފެނަށް ދޭ ސަމާލުކަން މިހާރަށް ވުރެ ބޮޑަށް އިތުރުކޮށްގެން ނޫނީ ސަލާމަތެއް ނެތް ކަމަށް ބުންޏެވެ.

ޑަބްލިއުއެޗްއޯ އިން ފާހަގަކޮށްފައިވާ ގޮތުގައި ސިއްހީ ހިދުމަތްދޭ ތަންތަނުގެ ރައްކާތެރިކަން ވެސް އެންމެ ބޮޑަށް ގުޅިފައި އޮތީ ފެނާކަމަށްވާތީ، އެފަދަ ތަންތަނަށް ވެސް ސާފު ފެން ނުލިބުމަކީ އެތައް މައްސަލަތަކެއް ދިމާވާނެ ކަމެކެވެ.

ދުނިޔެ ސާފު ފެނަށް ޖެހިފައިވާ އިރު އެ ޖަމިއްޔާ އިން ވަނީ ފެން އިސްރާފުނުކުރަން ވެސް ގޮވާލައިފަ އެވެ. އަދި ފެނުގެ މައްސަލަތަކާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވާން ގޮވާލާފައިވެ އެވެ. އޭގެ ތެރޭގައި ވޯޓަ އެއިޑާއި ޗެރިޓީ: ވޯޓާ އާއި ވޯޓަ.އޯގް ފަދަ ތަންތަން ހިމެނެ އެވެ.

ފެނުގެ ސާފުކަން ކަށަވަރުކުރުމަށް ޑަބްލިއުއެޗްއޯ އިން ވަނީ ބައެއް ކަންކަން ނުކުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ. އެގޮތުން ފާހާތަނަކަށް މުއްދަތު ހަމަވެފައިވާ ބޭސްފަދަ އެއްޗެހި ފްލަޝްނުކުރުމާއި އެއްގަމު އުޅަނދުފަހަރުން މަގުތަކަށް ތެޔޮ ލީކްނުކުރުމާއި ޖަނާވަރުންގެ ނަޖިސް ފެން ހިންދާ ތަންތަނުން ރައްކާތެރިކޮށް، ޖަރާސީމުތައް ފެތުރުން ކޮންޓްރޯލްކުރުން ހިމެނެ އެވެ.

މީގެ އިތުރު އިންސާފުނުކުރުމަށް ކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި ފެންވަރަން ހޭދަކުރާ ވަގުތު ދިގުނުކުރުމާއި ބޭނުންނުކުރާ ހާލަތްތަކުގައި އިސްކުރުތައް ބަންދުކޮށްފައި ބެހެއްޓުމާއި ލޯ-ފްލޯ ފާހާނާތަށި ބޭނުންކުރުމާއި ގަސްހަގާގެއްސަށް ފެންދޭން ހޮޅީގެ ބަދަލުގައި ފެންކުރާ ބޭނުންކުރުން ފަދަ ކަންކަން ހިމެނެ އެވެ.

ދުނިޔޭގެ ފެނުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރަކު ވެސް މާޗް މަހުގެ 22 ވަނަ ދުވަހެވެ. މި ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ 1993 ގަ އެވެ.