Roadha Mihaaru
"މިއީ ސިޔާސީ ނިންމުމެއް ނޫން، އިގުތިސާދީ ނިންމުމެއް"

މިއީ ސިޔާސީ ނިންމުމެއް ނޫން، އިގުތިސާދީ ނިންމުމެއް: ފިނޭންސް މިނިސްޓަރު

11 އޮކްޓޯބަރ 2016

ސަރުކާރުން ކާޑުގެ ބާވަތްތަކަށް ދެމުން އައި ސަބްސިޑީ ކަނޑާލައި، ހަމައެކަނި ފަގީރުންނަށް ލިބޭ ގޮތަށް ހެދުމަކީ ސިޔާސީ ނިންމުމެއް ނޫން ކަމަށާއި އެއީ އިގްތިސާދީ ފިޔަވަޅެއް ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު، ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި، ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަރުކާރުން ކާޑުގެ ބާވަތްތަކަށް ދެމުން އައި ސަބްސިޑީ ކަނޑާލައި، ހަމައެކަނި ފަގީރުންނަށް ލިބޭ ގޮތަށް ހެދުމަކީ ސިޔާސީ ނިންމުމެއް ނޫން ކަމަށާއި އެއީ އިގްތިސާދީ ފިޔަވަޅެއް ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު، ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި، ވިދާޅުވެއްޖެ އެވެ.

ކާޑުގެ ބާވަތްތަކުން އާންމު ސަބްސިޑީ ކަނޑާލި މައްސަލާގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ވޯލްޑް ބޭންކުން ވެސް ލަފާ ދެނީ ހުރިހާ އެންމެންނަށް ކާޑުގެ ސަބްސިޑީ ދިނުމުގެ ބަދަލުގައި އޭގެ ހައްގުވެރިންނަށް ދޭން ކަމަށެވެ.

"އިގްތިސާދީ ނަޒަރަކުން ބަލާ ނަމަ، ސަބްސިޑީއަކީ އޭގެ ހައްގުވެރިންނަށް ދޭން ޖެހޭ އެއްޗެއް. މިއީ އިގްތިސާދީ އެއްވެސް މީހަކު ދެ ބަސް ވާނެ ކަމެއް ނޫން،" މުނައްވަރު ވިދާޅުވި އެވެ.

"މިއީ ސިޔާސީ ކަމެއް ނޫން، މިއީ އިގްތިސާދީ ރިފޯމެއް، މި ރިފޯމް ކޮންމެހެން ގެންނަން ޖެހޭ."

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ދެނީ އެންމެންނަށް ލިބޭ ބްލޭންކެޓް ސަބްސިޑީ އެވެ. މިހާރު ސަރުކާރުން މަސައްކަތް ކުރަނީ ޓާގެޓަޑް ސަބްސިޑީއަކަށް ބަދަލުކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ ޕޮލިސީއެއް ނޫން ސަބްސިޑީ ނުދިނުމަކީ. މިއީ ދުނިޔޭގެ ހުރިހާ ގައުމަކުން ކުރާ ކަމެއް. އަޅުގަނޑުމެން މިއުޅެނީ ސަބްސިޑީ ރީފޯމް ކުރަން. މިއީ ފުރަތަމަ މަރުހަލާ،" މުނައްވަރު ވިދާޅުވި އެވެ.

ސަބްސިޑީ ދިނުން ހުއްޓާލި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާ މިނިސްޓަރު ވިދާޅުވީ ސަބްސިޑީ އޭގެ ހައްގުވެރިންނަށް ނުދެވޭ ނަމަ ފަގީރު މީހާ އާއި މުއްސަނދި މީހާއާ ތަފާތު ނުކުރެވޭ ކަމަށެވެ. އަދި 40 އަހަރު ވީއިރު ވެސް ބަދަލުނުވެ އޮތް ކަމެއް ބަދަލު ކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިގްތިސާދީ ގޮތުން ބަލާއިރު ސަބްސިޑީ އަކީ ވަކި ބަޔަކަށް ދޭން އޮންނަ އެއްޗެއް ކަމަށާއި އޭގެ ހައްގުވެރިންނަށް ދާދި އަވަހަށް ސަބްސިޑީ ލިބޭނެ ކަމަށެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ފިނޭންސް މިނިސްޓަރު މުނައްވަރު ވާހަކަ ދައްކަވަނީ: ކާޑު ސަބްސިޑީ އޭގެ ހައްގުވެރިންނަށް ވަރަށް އަވަހަށް ލިބޭނެ -- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ފިނޭންސް މިނިސްޓަރު މުނައްވަރު ވާހަކަ ދައްކަވަނީ: ކާޑު ސަބްސިޑީ އޭގެ ހައްގުވެރިންނަށް ވަރަށް އަވަހަށް ލިބޭނެ -- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މި އަހަރުގެ ބަޖެޓްގައި ސަރުކާރުން ދޭ ހުރިހާ ސަބްސިޑީއަކަށް 2.4 ބިލިއަން ރުފިޔާ ހޭދަވާ އިރު، އޭގެ ތެރެއިން 183 މިލިއަން ރުފިޔާ ކަނޑައަޅާފައި ވަނީ ކާޑުގެ ސަބްސިޑީއަށެވެ.

ބައެއް އަހަރުތަކުގައި ކާޑުގެ ސަބްސިޑީ އަށް 300 މިލިއަން ރުފިޔާ އަދި މި އަހަރުގެ މިހާތަނަށް 225 މިލިއަން ރުފިޔާ ސަރުކާރުން ހޭދަކޮށްފައިވެ އެވެ.

ކޮމިޓީގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު އިގްތިސާދު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށެވެ. އެކަމަކު ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން އިގްތިސާދަށް ދިރުން ގެނެސްދީފި ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ބައްދަލުވުން. - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ބައްދަލުވުން. - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ސައީދު ވިދާޅުވި ގޮތުގައި ކާޑުގެ ސަބްސިޑީ ހަމައެކަނި ފަގީރުންނަށް ދޭން ނިންމީ ސިޔާސީ ގޮތުން އެއްވެސް ފައިދާއެއް ނަގާކަށެއް ނޫނެވެ. ރައްޔިތުންނަށް ދޭން ޖެހޭ އެއްވެސް އިނާޔަތަކާ ކުޅުމަކީ ސަރުކާރަށް ފަސޭހަ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވޯލްޑް ބޭންކަކީ ހަމަނުޖެހޭ ބައެއް ކަންތައްތަކަށް ހައްލު ހޯދައިދޭން ލަފާ ދޭ އެންމެ މުހިންމު އެއް މުއައްސަސާ އެވެ. އެހެންކަމުން ދުނިޔޭގެ މާލީ އިދާރާތަކުގެ "ބަސް ނޭހުމަކީ" އެކަށީގެންވާ ގޮތެއް ނޫން ކަމަށް ވިދާޅުވި އެވެ.

"މަސައްކަތެއް މި ފެށުނީ އަދިކިރިޔާ ސަބްސިޑީ ހައްގުވާ މީހުންނަށް ދިނުން، މި މަސައްކަތް ނިމޭއިރު ރައްޔިތުންގެ ކަންބޮޑުވުން ބަލައިގަނެ، ހައްގުވެރިންނަށް ލިބޭނެ އިންތިޒާމު އެއްވެސް ހުރަހެއް ނެތި ހަމަޖައްސާނަން،" ސައީދު ވިދާޅުވި އެވެ.

ސަބްސިޑީ ހަމައެކަނި ފަގީރުންނަށް ލިބޭ ގޮތަށް އޮތުމުން މާލޭގައި ކުރިން 3.98ރ. އަށް ލިބުނު ހަނޑޫ ކިލޯއެއް މިހާރު ގަންނަން ލިބޭނީ 7.96ރ. އަށެވެ. ކުރިން ހަތަރު ރުފިޔާ އަށް ވިއްކި ހަކުރު ކިލޯގެ އަގު ދެ ގުނަވެ އަށް ރުފިޔާ އަށް ވަނީ އަރައިފަ އެވެ. ފުށް ކިލޯއެއްގެ އަގު ވަނީ 2.96ރ. އިން 5.96ރ. އަށް ބޮޑުވެފަ އެވެ. މި އަގުތަކަށް ވުރެ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ކާޑުގެ ބާވަތްތަކުގެ އަގުތައް ބޮޑެވެ.