Roadha Mihaaru
އިންޑިއާގައި ތާށިވެފައި ހުރި ބޭސްތައް ގެނެސްފި

ކޮވިޑް-19: އިންޑިއާގައި ތާށިވެފައި ހުރި އެސްޓީއޯގެ ބޭސްތައް ގެނެސްފި

02 އެޕްރީލް 2020

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި ތިން ހަފްތާއަށް އިންޑިއާ ލޮކްޑައުން ކުރުމުން، އެ ގައުމުގައި ތާށިވެފައި ހުރި އެސްޓީއޯގެ ބޭސްތައް އިންޑިއާ އާއި ރާއްޖޭގެ އަސްކަރިއްޔާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ދަށުން މިއަދު ގެނެސްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި ތިން ހަފްތާއަށް އިންޑިއާ ލޮކްޑައުން ކުރުމުން، އެ ގައުމުގައި ތާށިވެފައި ހުރި އެސްޓީއޯގެ ބޭސްތައް އިންޑިއާ އާއި ރާއްޖޭގެ އަސްކަރިއްޔާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ދަށުން މިއަދު ގެނެސްފި އެވެ.

ކޮވިޑް-19 ފެތުރެން ފެށުމުން އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު، އެ ގައުމު ލޮކްޑައުން ކުރި އެވެ. މި ލޮކްޑައުންއާ އެކު އެ ގައުމުގެ ބޯޑަރުތައް ބަންދުވެ، އެތެރޭގެ ދަތުރުތައް ވެސް ހުއްޓުމަކަށް އައެވެ.

ފޮރިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި، މި ބޭސްތަކާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. މި ބޭސްތައް ހަވާލުކޮށްދެއްވީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދީރެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން މިނިސްޓަރު ވިދާޅުވީ، ދުނިޔެ އެއްކޮށް ކަހަލަ ގޮތަކަށް ލޮކްޑައުނަށް އައުމުން، އިމްޕޯޓަށް ބަރޯސާވާ ރާއްޖެ ފަދަ ގައުމުތަކަށް ގެއްލުންވާ ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި އިންޑިއާ އިން އަބަދު ވެސް އަންނަނީ ރާއްޖެ އަށް އެހީވަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

"ރާއްޖެ ފަދަ އެކްސްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށް މިއީ ވަރަށް ދަތި ވަގުތެއް. އަސާސީ ބޭނުންތަކަށް ބޭނުންވާ ތަކެތި އަޅުގަނޑުމެން މި އެތެރެ ކުރަނީ ބޭރުން. ކަނޑުގެ މަގުންނާއި ވައިގެ މަގުން، މީގެ ތެރޭގައި ވެސް ވައިގެ މަގުން އެކަނި ގެނެވޭ ފަދަ ތަކެތި ހިމެނޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިއަދު އެ ގެނައީ އެސްޓީއޯ އިން މީގެ ކުރިން އޯޑަރުކޮށްފައި ހުރި 6.2 ޓަނުގެ ބޭހެވެ. މިއީ ހިތުގެ ބައްޔާއި އާރްތަރައިޓިސް، ކިޑްނީ އަދި ކެންސަރު ފަދަ ބަލިތަކަށް ފަރުވާ ދޭން ބޭނުންވާ އަސާސީ ބޭސްތަކެކެވެ. އެސްޓީއޯ އިން މި ބޭސްތައް އޯޑަރު ކުރީ، ކޮވިޑް-19 ގެ ކަންތައް ކުރިމަތިވުމުގެ ކުރިންނެވެ. ނަމަވެސް ލޮކްޑައުން އިއުލާންކުރުމުން އެކިި ސިޓީތަކުގައި އެ ބޭސްތައް ހުރީ ތާށިވެފަ އެވެ.

އެ ތަކެތި ގެނައީ މެދުނުކެނޑި ދުއްވާފައި ކަމަށާއި، މުޅި ދަތުރަށް 18 ގަޑިއިރު ނެގި ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުންޏެވެ.

މި ވަގުތުގައި އިންޑިއާ އިން ރާއްޖެ އަށް ވަމުން އަންނަ އެހީ ފާހަގަކުރައްވާ، އިންޑިއާގެ ބޮޑު ވަޒީރަށާއި އެ ގައުމުގެ ފޮރިން މިނިސްޓަރު ޑޮކްޓަރު ސުބްރަމަންޔަމް ޖައިޝަންކަރު އަދި އިންޑިއާގެ ސަފީރަށް މިނިސްޓަރު ޝުކުރު އަދާ ކުރެއްވި އެވެ.

އިންޑިއާ ސަފީރު ސަންޖޭ މި ރަސްމިއްޔާތުގައި ވިދާޅުވީ، މިފަދަ ކަންކަމުގައި އިންޑިއާ އިން އަބަދު ވެސް ރާއްޖެއަށް އެހީ ވާނެ ކަމަށެވެ.

ވެލާނާ އިންޓަނޭޭޝަލް އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް އިސްވެރިން -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ވެލާނާ އިންޓަނޭޭޝަލް އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް އިސްވެރިން -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

"ރާއްޖެއާ އިންޑިއާ އާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް. ކޮވިޑްގެ މި ކަންތައްތައް ކުރިމަތިވުމުން، އިންޑިއާއިން އެންމެ ފުރަތަމަ އެހީވީ ރާއްޖެއަށް،" ސަންޖޭ ވިދާޅުވި އެވެ.

ކޮވިޑް ފެތުރެން ފެށުމުން، އިންޑިއާ އިން ވަނީ އެކި ބޭސްތައް އެކްސްޕޯޓްކުރުން ހުއްޓާލާފަ އެވެ. ނަމަވެސް އަސާސީ ކަންކަަމަށް ބޭނުންވާ 53 ބާވަތުގެ ބޭހެއް އެ ގައުމުން ވަނީ މިދިޔަ މަހު ރާއްޖެ އަށް ހަދިޔާކޮށްފަ އެވެ.

ފަރުވާއެއް މިހާތަނަށް ހޯދިފައި ނުވާ މި ބަލި ރާއްޖެއިން ފެނުމުން، ރާއްޖެ އޮތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގައި ކަމަށް ސަރުކާރުން އިއުލާން ކުރި އެވެ. ބަލި ފެތުރުން މަދު ކުރުމަށްޓަކައި ސްކޫލްތަކާއި އޮފީސްތައް ވަނީ ބަންދުކޮށްފަ އެވެ. އަދި މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް ކާފިއު ވެސް ހިންގާނެ އެވެ.

މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވެފައި ވާ 19 މީހުންގެ ތެރެއިން، ރަނގަޅުވެފައިވާ 13 މީހުންނަކީ ޓޫރިސްޓުންނާއި ރިސޯޓުތަކުގައި މަސައްކަތްކުރާ ބިދޭސީންނެވެ.