Roadha Mihaaru
އިންޑިއާގެ އެހީގައި އައްޑޫގައި އީކޯޓޫރިޒަމްގެ 5 ތަނެއް

އިންޑިއާގެ އެހީގައި އައްޑޫގައި އީކޯޓޫރިޒަމްގެ ފަސް ތަނެއް ތަރައްގީކުރަނީ

30 ޖެނުއަރީ 2020

އިންޑިއާގެ އެހީގައި އައްޑޫގައި ތިމާވެއްޓާ ރައްޓެހި ޓޫރިޒަމްގެ ފަސް ތަނެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ އާދިއްތަ ދުވަހު ސޮއިކުރަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންޑިއާގެ އެހީގައި އައްޑޫގައި ތިމާވެއްޓާ ރައްޓެހި ޓޫރިޒަމްގެ ފަސް ތަނެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ އާދިއްތަ ދުވަހު ސޮއިކުރަން ނިންމައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ، އެ ސިޓީގައި ޓޫރިޒަމް ފުޅާކުރުމަށް އިންޑިއާ އެކު ސޮއިކުރުމުގެ ރަސްމިއްޔާތު އޮންނާނީ ފޮރިން މިނިސްޓްރީގައި ކަމަށެވެ. އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އައްޑޫގައި ތަރައްގީ ކުރާ ފަސް ތަނުގެ ތެރޭން ކޮންމެ ތަނަކަށް ފަސް ލައްކަ ޑޮލަރު (7.7 މިލިއަން ރުފިޔާ) ހޭދަކުރާނެ އެވެ.

ޓޫރިޒަމް ފުޅާކުރުމުގެ އިތުރުން އައްޑޫގެ އުމްރާނީ ވަސީލަތްތަކާއި މަގުހެދުމާއި އަސާސީ ހިދުމަތްތައް ފުޅާކުރުމަށް ވެސް އިންޑިއާ އިން ވަނީ އެހީދޭން ނިންމައިފަ އެވެ. އެނގިފައިވާ ގޮތުގައި އެ މަސައްކަތްތައް ކުރަނީ އެ ގައުމުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) ސްކީމުގެ ދަށުންނެވެ.

އެ ސްކީމުގެ ދަށުން މަރަދޫ އާއި ހިތަދޫ އަދި ހުޅުމީދޫގައި މަސް ޕްލާންޓުތަކެއް ވެސް ގާއިމްކުރާނެ އެވެ.

އައްޑޫގައި ޓޫރިޒަމް ފުޅާކުރުމަށް 96 ބިމެއް ބީލަމުގެ އުސޫލުން ދޫކުރަން ވެސް ސިޓީ ކައުންސިލުން ވަނީ ނިންމައިފަަ އެވެ. އެއީ އައްޑޫގައި ޓޫރިޒަމް އެނދުގެ އަދަދު 4،000 އަށް އިތުރު ކުރުމަށެވެ. މި ވަގުތު އައްޑޫގެ ޓޫރިޒަމް އެނދުގެ އަދަދަކީ 1،118 އެވެ.