Roadha Mihaaru
ސިވިލްސާވަންޓުންގެ މަސައްކަތަށް އުރިދޫން ހިލޭ އިންޓަނެޓް

ކޮވިޑް-19: ސިވިލް ސާވަންޓުން ގޭގައި ތިބެގެން މަސައްކަތް ކުރަން އުރިދޫން ހިލޭ އިންޓަނެޓް

02 އެޕްރީލް 2020

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެޅި ފިޔަވަޅެއްގެ ގޮތުން، ސަރުކާރު އޮފީސްތައް ބަންދުކޮށް، މުވައްޒަފުން ގޭގައި މަޑުކުރަން ޖެހިފައިވާތީ، ގޭގައި ތިބެގެން މަސައްކަތް ކުރުމަށް އުރީދޫ އާއި ކޮމިއުނިކޭޝަން މިނިސްޓްރީ ގުޅިގެން ހިލޭ އިންޓަނެޓް ލިބޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެޅި ފިޔަވަޅެއްގެ ގޮތުން، ސަރުކާރު އޮފީސްތައް ބަންދުކޮށް، މުވައްޒަފުން ގޭގައި މަޑުކުރަން ޖެހިފައިވާތީ، ގޭގައި ތިބެގެން މަސައްކަތް ކުރުމަށް އުރީދޫ އާއި ކޮމިއުނިކޭޝަން މިނިސްޓްރީ ގުޅިގެން ހިލޭ އިންޓަނެޓް ލިބޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.

ގޭގައި ތިބެގެން އޮފީސް މަސައްކަތް ކުރެވޭނެ ޕްލެޓްފޯމެއް ގާއިމު ކުރުމުގެ މަސައްކަތް، ކޮމިއުނިކޭޝަން މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. އަދި އެ މަސައްކަތަށް އެހީވުމުގެ ގޮތުން އުރީދޫން މިހާރު ވަނީ، ސަރުކާރު މުވައްޒަފުންނަށް، އެ އޮފީހެއްގެ ޕޯޓަލްތަކަށް ހިލޭ ވަދެވޭނެ ގޮތް ހަދައިދީ، އޮންލައިންކޮށް ބައްދަލުވުންތަކާއި މަޝްވަރާތައް ކުރިއަށް ގެންދެވޭނެ ގޮތް ވެސް ހަމަޖައްސައިދީފަ އެވެ.

އުރީދޫން ބުނީ، އެ ކުންފުނީގެ ސުޕާނެޓް ފިކްސްޑް ބްރޯޑްބޭންޑް ބޭނުންކުރާ، ސަރުކާރުގެ މުވައްޒަފުންނަށް ސަރުކާރުގެ އެކި ޕްލެޓްފޯމުތަކަށް ހިލޭ ވަދެ، އޮންލައިންކޮށް ބާއްވަން ބޭނުންވާ މަޝްވަރާ ބައްދަލުވުންތައް ވެސް މިހާރު ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މި ހިދުމަތާ ގުޅޭ އިތުރު މައުލޫމާތު، ކޮމިއުނިކޭޝަން މިނިސްޓްރީ މެދުވެރިކޮށް ކޮންމެ މުވައްޒަފަކަށް ވެސް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫގެ އެ ހިދުމަތާ ގުޅޭގޮތުން، ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވަނީ މި ފަދަ ދަނޑިވަޅެއްގައި ހިލޭ އިންޓަނެޓް ފޯރުކޮށްދިނުމަށް އެ ކުންފުނިން އިސްނެގީތީ އެކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ހިދުމަތް އުރީދޫން ދޭން މި ނިންމީ، އެކަމަށް ވަރަށް ބޭނުންވެފައިވާ ވަގުތެއްގަ އެވެ.

"ކޮވިޑް-19 އާ ގުޅިގެން އިންޓަނެޓުގެ ޚިދުމަތް ވަނީ މުޅި މުޖުތަމައު އާއި ވަކިވަކި ފަރުދުންނަށް އިހުނަށް ވުރެ ބޮޑަށް ބޭނުންކުރަން ޖެހިފަ އެވެ. ގައުމަށް ދިމާވެފައިވާ މި ނާޒުކް ދަނޑިވަޅުގައި، އިންޓަނެޓުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުން އިސްނަންގަވައިގެން އަޅުގަނޑުމެންގެ މުޖުތަމައު އަށް ލުއިފަސޭހަ ކޮށްދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރަން،" އުރީދޫން ނެރުނު ބަޔާނެއްގައި މިނިސްޓަރު މަލީހްއާ ހަވާލާދީ ބުންޏެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ ބަލިމަޑުކަމާ ގުޅިގެން އޮފީސް މަސައްކަތާއި ކިޔެވުމާއި އިތުރު ގިނަ ކަންކަން މިހާރު ޑިޖިޓަލް ވެފައިވާއިރު، މި ފަދަ ދަނޑިވަޅެއްގައި، މެދުކެނޑުމެއް ނެތި އިންޓަނެޓްގެ ހިދުމަތް ލިބުން ވަރަށް މުހިއްމު ކަމަށެވެ. އަދި، ކަމާ ގުޅޭ އެހެން މުއައްސަސާތަކާ ގުޅިގެން، އެ ހިދުމަތް އިތުރަށް ރަނގަޅު ކުރުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ކޮވިޑް-19އާ ގުޅިގެން އެންމެ ފުރަތަމަ ސަރުކާރު އޮފީސްތައް ބަންދު ކުރީ މިދިޔަ މަހުގެ 17 ގަ އެވެ. އަދި ބަލިމަޑުކަމުގެ ހާލަތަށް އިތުރު ކުރިއެރުމެއް ނާންނާތީ، އަންނަ ހަފުތާގައި ވެސް ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތަކާއި ކޮލެޖުތަކާއި ޔުނިވަސިޓީތަކުގެ ކިޔެވުން ވެސް ބަންދުކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.