Roadha Mihaaru
ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދު

ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރަން ނިންމައިފި

17 ޑިސެމްބަރ 2023

އަންނަ އަހަރުގެ ރޯދަމަހުން ފެށިގެން ކޮންމެ އަހަރެއްގެ ރޯދަމަހުގެ ފަހު 10 ގެ ދުވަސްތަކުގައި ސަރުކާރު ބަންދުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އަންނަ އަހަރުގެ ރޯދަމަހުން ފެށިގެން ކޮންމެ އަހަރެއްގެ ރޯދަމަހުގެ ފަހު 10 ގެ ދުވަސްތަކުގައި ސަރުކާރު ބަންދުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ޝަހީބު މިހާރު ކުރިއަށް ގެންދަވާ މީޑިއާ ބްރީފިންގައި ވިދާޅުވީ، އެ ނިންމުން ނިންމެވީ މިއަދު ބޭއްވި ކެބިނެޓްގެ ބައްދަލުވުމުގައި ކަމަށެވެ.

ރޯދަމަހުގެ ފަހު 10 ބަންދުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އޭގެ ބޭނުމަކީ އެ މަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ރޯދަމަހުގެ ފަހު 10 ގެ އަޅުކަމަށް ފުރުސަތު ދީ، ދީނީ ކަންކަމަށް ވަގުތު ހުސްކޮށްދިނުމެވެ.

"މީގެ ފަހުން ކޮންމެ އަހަރަކު ރޯދަ މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއް،" ކެބިނެޓްގެ ނިންމުން އިއުލާން ކުރައްވަމުން ޝަހީބު ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރަން ރައީސް ޑރ. މުއިއްޒު ވައުދުވެވަޑައިގަތީ މި އަހަރުގެ އޮގަސްޓު 30 ގައި ބ. އޭދަފުށީގައި ބޭއްވި ކެމްޕެއިން ޖަލްސާގަ އެވެ

ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދު ކުރުމުން ހިދުމަތްތަކަށް ބުރޫއަރާފާނެތޯ ނޫސްވެރިއަކު ސުވާލު ކުރުުން ޝަހީބު ވިދާޅުވި ގޮތުގައި އޮފީސްތަކުންނާއި ކުންފުނިތަކުން އަމަލު ކުރަމުން ގެންދާނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަސް ފަދަ ހަފުތާ ބަންދު ދުވަހު އަމަލުކުރާ ގޮތަށެވެ.

ޝިފްޓް ޑިއުޓީ އަށް ނުކުންނަން ޖެހޭ މީހުންގެ ކަންކަން އެ ކުންފުނިތަކުގައި ހަމަޖެހިފައި އޮންނަ އުސޫލުން ކުރިއަށް ގެންދާނެ ކަމަށް ޝަހީބު ވިދާޅުވި އެވެ.