Roadha Mihaaru

އިޓަލީ ޓޫރިސްޓު ފުރުވާލި މައްސަލަ ބަލަން ފުލުހުން ކުރެއްދޫގައި

ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ކިބައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުއްޓައި ކަމާބެހޭ އިދާރާތަކަށް ނާންގައި، ގައުމަށް ފުރުވާލި މައްސަލައިގެ ތަހުގީގަށް ފުލުހުން އެ ރިސޯޓަށް ހިނގައްޖެ އެވެ.

ޓޫރިސްޓު ފުރުވާލި މައްސަލަ ބަލަން ފުލުހުން ކުރެއްދޫގައި
ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު

03 އެޕްރީލް 2020

ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ކިބައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުއްޓައި ކަމާބެހޭ އިދާރާތަކަށް ނާންގައި، ގައުމަށް ފުރުވާލި މައްސަލައިގެ ތަހުގީގަށް ފުލުހުން އެ ރިސޯޓަށް ހިނގައްޖެ އެވެ.

ރާއްޖޭން އެންމެ ފުރަތަމަ ކޮރޯނާވައިރަސް ފެނުނީ މި ރިސޯޓުންނެވެ.

ފުލުހުން ބުނީ ކުރެއްދޫގައި ފުލުހުންގެ ޓީމެއް ހަރަކާތްތެރިވަމުން އަންނަނީ އެޗްޕީއޭގެ ހުއްދަ ލިބިގެން ކަމަށާއި އެ ރަށަށް ދިޔައީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކޮވިޑް-19 ގެ ކަންކަމުގައި ކުރަންޖެހޭ ދަތުރުތައް ކުރުމަށް ކަނޑައަޅާފައިވާ ސީޕްލޭންގައި ކަމަށެވެ.

ފުލުހުން އެ ރިސޯޓަށް ގޮސްފައި ވާއިރު ކުރެއްދޫގެ ގާނޫނީ ވަކީލުންގެ ޓީމު ވެސް އެ ރިސޯޓަށް ވަނީ ގޮސްފަ އެވެ.

މިކަމާ ގުޅިގެން ފުލުހުން މީގެ ކުރިން ބުނެފައިވަނީ ޓޫރިސްޓްގެ ކިބައިން ފެންނަން ހުރި އަލާމާތްތަކާ ގުޅިގެން އިތުރު ޓެސްޓްތަކެއް ހަދަން ކުރެއްދޫ ރިސޯޓްގެ ޑޮކްޓަރު ލަފާ ދިނުމުން އޭނާ އެކަމަށް އިންކާރުކުރި ކަމަށެވެ. އެ އަލާމާތްތަކާ ގުޅިގެން ޑޮކްޓަރު އެޗްޕީއޭ އަށް ގުޅި ނަމަވެސް ކޮރޯނާވައިރަހާ ގުޅޭ އެއްވެސް ކަމެއްގައި ޝައްކެއް ވެގެން އުޅޭ ކަން އަންގާފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނި ގޮތުގައި ހޮޓްލައިނަށް ގުޅައިގެން ޑޮކްޓަރު ވާހަކަ ދައްކާފައި އޮތީ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި ކަމަށް ރަސްމީ ފަރާތްތަކުން ބަލާ މިންގަނޑާއި ކޮރޯނާވައިރަސް ފެތުރިގެން ރާއްޖޭން ފިޔަވަޅު އަޅާފައިވާ ގައުމުތަކަށް ބަދަލެއް އައިތޯ ބަލާށެވެ.

ޓޫރިސްޓު ފުރައިގެން ދިޔަ މައްސަލައިގައި ކުރެއްދޫގެ ޑޮކްޓަރުގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ.

މިކަމާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ ކޯޓު އަމުރުގައި ވަނީ ކުރެއްދޫ ރިސޯޓުގައި ހުރި އެ ޓޫރިސްޓުގެ ހަށިގަނޑުން ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިފަވާއިރު، އެކަމާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ނުލިބި އޭނާ ފުރައިގެން ދިޔުމުން މި ބަލި އިތުރަށް ފެތުރިފައިވާ ކަމަށެވެ. އަދި އެކަމުގައި އިހުމާލުވި ކަމުގެ ތުހުމަތު އެ މީހާއަށް ފަރުުދިން ޑޮކްޓަރަށް ކުރެވޭ ކަމަށެވެ.

މާޗު މަހުގެ 23 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރެއްދޫ ޑޮކްޓަރުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކޯޓު އަމުރުގައިވެ އެވެ.

ރިސޯޓުން އެ ޓޫރިސްޓު ފުރައިގެން ދިޔަ ފަހުން، މި ބައްޔަށް އެންމެ ފުރަތަމަ ރާއްޖޭން ޕޮޒިޓިވްވެފައިވަނީ 49 އަހަރުގެ އެ ޑޮކްޓަރެވެ. އަދި އޭގެ ފަހުން އެ ރިސޯޓުން އިތުރު ހަތަރު މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައި ވެއެވެ. އެ އެންމެން ވެސް މިހާރު ވަނީ ރަނގަޅުވެފަ އެވެ.