Roadha Mihaaru
ޖަމާއަތުގައި ނަމާދުކުރުން މިމަހު 11 އަށް ފަސްކޮށްފި

ޖަމާއަތުގައި ނަމާދުކުރުން މި މަހުގެ 11 އަށް ފަސްކޮށްފި

04 އެޕްރީލް 2020

މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުނުކުރެވޭ ގޮތަށް ނިންމި ނިންމުން މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ދިގުދަންމާލައިފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުނުކުރެވޭ ގޮތަށް ނިންމި ނިންމުން މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ދިގުދަންމާލައިފި އެވެ.

މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަޑުޖައްސާލައިފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން އެއް ހަފްތާގެ ދިގުމިނަކަށެވެ. އެހެންނަމަވެސް އެ މުއްދަތް ހަމަވެ މުއްދަތް އިތުރުކުރާ މިއީ ދެވަނަ ފަހަރެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މާލެ ސަރައްދުގައި ޖަމަތުގައި ނަމާދުކުރުން މެދުކަނޑާލަން ނިންމި ނިންމުން މި މަހުގެ 11 ވަނަ ދުވަހުގެ އަސުރު ނަމާދާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި ރަށަކަށް އަރާ ފޭބުން ސަރުކާރުން މަނާކޮށްފި ނަމަ އެ ރަށެއްގައި ވެސް އެ ހާލަތު ދެމިއޮތްހާ ހިނދަކު ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް އެ މިނިސްޓްރީން އަންގާފައިވެ އެވެ.

މިނިސްޓްރީގެ މި ނިންމުން ދެމިއޮތްހާ ދުވަހަކު މިސްކިތުގައި ހަމައެކަނި ބަންގި ގޮވުމަށާއި، ބަންގީގެ ފަހުގައި "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ!" އަރަބި ބަހުންނާއި ދިވެހި ބަހުން ގޮވުމަށް އެ މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ މި ނިންމުމަކީ މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް ކޮރޯނާވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން ނިންމި ނިންމުމެއް ކަމަށާއި އެގޮތަށް ނިންމީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމު ވެރިންގެ ލަފާގެ މަތިން، ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.