Roadha Mihaaru
އިމާމުވެ ނަމާދުކުރަން 12އަހަރުގެ ކުދިންނަށް ހުއްދައެއް

ގްރޭޑު 6 އިން މަތީގެ ދަރިވަރުން އިމާމުވެ ހުކުރު/ކޭތަ ނަމާދުކުރަން ވަގުތީ ހުއްދަ ދެވޭ ގޮތަށް އުސޫލު ބަދަލުކޮށްފި

11 ޖޫން 2024

ގްރޭޑު 6 އިން ފެށިގެން މަތީގެ ކުދިން އިމާމުވެ ހުކުރު ނަމާދާއި ކޭތަ ނަމާދުކުރަން ވަގުތީ ހުއްދައެއް ދެވޭ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގްރޭޑު 6 އިން ފެށިގެން މަތީގެ ކުދިން އިމާމުވެ ހުކުރު ނަމާދާއި ކޭތަ ނަމާދުކުރަން ވަގުތީ ހުއްދައެއް ދެވޭ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ އާއްމުކުރި އުސޫލުގައިވާ ގޮތުން ވަކި ހާއްސަ ހާލަތުތަކެއްގައި ގްރޭޑު 6 އިން މަތީގެ ކުދިންނާއި އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ހުކުރު ނަމާދާއި ކޭތަ ނަމާދުކުރަން ހަ މަސް އަދި އެއް މަސް ދުވަހުގެ ވަގުތީ ހުއްދައެއް ދެވޭނެ އެވެ.

އެ ހާލަތްތަކަކީ؛ އިމާމުވެ ހުކުރު ނަމާދާއި ކޭތަ ނަމާދުކުރާނެ އެއްވެސް މީހަކު ނެތް ނަމަ ގާބިލް މީހަކަށް ހުއްދަ ހޯދުމަށް އެދި ކަމާގުޅޭ އިދާރާއަކުން ހުށަހެޅުމުން އެ މީހަކަށް ހަ މަސް ދުވަހަށް ވުރެ އިތުރު ނުވާނެ ހުއްދައެއް ދިނުމެވެ.

އެ ނަމާދުތައް ކުރަން ހުއްދަ އޮތް މީހަކު ބަލިވެއްޖެ ނަމަ އެހެން މީހަކަށް އެއް މަސް ދުވަހުގެ މުއްދަތަށް ވަގުތީ ހުއްދައެއް ދެވޭނެ ކަމަށް އުސޫލުގައި ބަޔާން ކޮށްފައި ވެ އެވެ.

މިނިސްޓްރީން ބުނީ އެ ހާލަތްތަކުގައި 65 އަހަރުން މަތީގެ މީހުންނަށް ވަގުތީ ހުއްދަ ދޫކުރާނީ އެ މީހަކަށް ސިއްހީ ގޮތުން ޒިންމާ އަދާކުރެވޭ ވަރުގެ ގާބިލްކަން ހުރި ނަމަ ކަމަށެވެ. ހަމަ އެ އުސޫލުން ގްރޭޑު 6 އިން ފެށިގެން މަތީ ގްރޭޑުތަކުގެ ކުދިންގެ ތެރެއިން ރީތިކޮށް ގުރުއާން ކިޔަވައި އަދި ނަމާދުގެ ހުކުމްތައް އެނގޭ ކުދިންނަށް ތަމްރީނު ދިނުމުގެ ބޭނުމުގައި ވަގުތީ ހުއްދަ ދޫކުރެވޭނެ އެވެ.

ގްރޭޑު 10-12 އާ ހަމައަށް ކިޔަވާ ކުއްޖެއް ނަމަ ނުވަތަ ސްކޫލު ނިންމާފައިވާ ކުދިންގެ ތެރެއިން 18 އަހަރު ނުފުރޭ ކުއްޖެއް ނަމަ އަނގަބަހުން ދޭ އިމްތިހާނަކުން މަދުވެގެން 75 ޕަސެންޓް މާކްސް ލިބިފައި ނުވަތަ ހަތީބުކަމުގެ ތަމްރީން ފުރިހަމަކޮށް، އެ ތަމްރީނަށް ކަނޑައަޅާ 10 ޕަސެންޓް މާކްސް ލިބިއްޖެ ނަމަ އިމާމުވެ، ހުކުރު ނަމާދާއި ކޭތަ ނަމާދުކުރުމުގެ ހުއްދަ ލިބޭނެ އެވެ.

އިމާމުކަމުގެ ސާނަވީ އަދި މަތީ ސާނަވީއާ އެއް ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވާ ނަމަ 10 ޕަސެންޓް މާކްސް ލިބޭނެ އެވެ.

ނަމަވެސް އިސްލާމީ މަރުކަޒާއި ކިންގް ސަލްމާން މިސްކިތުގައި އިމާމުގެ ހުކުރު ނަމާދާއި ކޭތަ ނަމާދުކުރުމުގެ ހުއްދަ ދޭނީ ދީނީ ދާއިރާއަކުން މަދުވެގެން ޑިގްރީ ސެޓްފިކެޓް ހާސިލް ކޮށްފައިވާ ނަމަ ކަމަށް އާ އުސޫލުގައި ބުންޏެވެ.

މާލޭގައި އުޅޭ މީހުން މީހުން ޓެސްޓު ކުރާނީ އިސްލާމިކް މިނިސްޓްރީންނެވެ. ރަށްރަށުގައި ދިރިއުޅޭ ކުދިން އެ ރަށެއްގެ ކައުންސިލަށް ހާޒިރުކޮށް އޮންލައިންކޮށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ގޮތަށެވެ.

އިމްތިހާނުން ފެއިލްވެއްޖެ ނަމަ ތިން މަސް ދުވަހުގެ ތެރޭގައި އިމްތިހާނު ދެވޭނީ ގިނަ ވެގެން ދެ ފަހަރު އެވެ.

އެ ނަމާދުތައް ކުރުމަށްޓަކައި އިމާމުންގެ ޕޫލެއް އެކުލަވާލާނެ އެވެ. މާލޭގައި އެކަން ކުރާނީ މިނިސްޓްރީން އަދި ރަށްރަށުގައި ކައުންސިލްތަކުންނެވެ.