Roadha Mihaaru
ބިދޭސީން ފޮނުވާނީ ޑިޕޮސިޓް ފައިސާގައި: ފައްޔާޒު

ބިދޭސީން ފޮނުވާނީ ޑިޕޮސިޓް ފައިސާގައި: ފައްޔާޒު

06 އެޕްރީލް 2020

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށްޓަކައި ހަރަދުކުރުމުގައި އެންމެ ފުރަތަމަ އިސްކަންދޭނީ، ޑިޕޮސިޓް ފައިސާއިން އެކަން ކުރުމަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށްޓަކައި ހަރަދުކުރުމުގައި އެންމެ ފުރަތަމަ އިސްކަންދޭނީ، ޑިޕޮސިޓް ފައިސާއިން އެކަން ކުރުމަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ބިދޭސީންގެ މައްސަލައާ ގުޅިގެން "މިހާރު" އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން މިހާތަނަށް ގާތްގަނޑަކަށް 800 މީހުން އަނބުރާ ގައުމަށް ދާން ރަޖިސްޓާވެފައިވާ ކަމަށެވެ. އަނބުރާ ގައުމަށްދާން ބޭނުންވާ މީހުންނަށް ރަޖިސްޓާވުމުގެ ފުރުސަތު ހުޅުވައިލީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ.

ބިދޭސީން ގެންނައިރު ބަންގްލަދޭޝް މީހެއްގެ ޑިޕޮސިޓް ފައިސާގެ ގޮތުގައި މީހެއްގެ ބޮލަކަށް ނަގަނީ 8،000ރ. އެވެ. އެހެން ނަމަވެސް ބިދޭސީން ގެންނަ އަދަދު އިތުރު ނަމަ ދައްކަން ޖެހޭ ޑިޕޮސިޓް ފައިސާގެ އަދަދަށް ބަދަލުތަކެއް އަންނާނެ އެވެ.

"އެ މީހުން ފޮނުވާލާނީ އައިލެންޑް އޭވިޝަނުން ފްލައިޓެއް ޗާޓާ ކޮށްގެން. ނުފޮނުވިގެން އުޅެނީ ކޮވިޑް-19 އާ ގުޅިގެން މިވަގުތު ބަންގްލަދޭޝަށް ނުގެންދެވޭނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން އަންގާފައި އޮތީމަ،" އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވުމުގައި މިހާރު ކުރިއަށްދަނީ، ޑޮކިއުމެންޓްތައް ފުރިހަމަ ނުވާ މީހުންގެ މައުލޫމާތުތައް ފުރިހަމަ ކުރުން ކަމަށެވެ. އެ ޕްރޮސެސް އަށް ހައެއްކަ މަސް ދުވަސް ނެގުން ވެސް އެކަށީގެންވާ ކަމަށް ވިދާޅުވި އެވެ. އެހެންވެ ފޮރިން މިނިސްޓްރީން މަސައްކަތް ކުރަނީ ބަންގްލަދޭޝް ސަރުކާރާ ގުޅިގެން ޑޮކިއުމެންޓްތައް ފުރިހަމަ ނުވާ މީހުންގެ މައުލޫމާތުތައް ވީ އެންމެ އަވަހަކަށް އަވަސް ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބަންދުކޮށްފައި ބޭތިއްބޭނެ ކެޕޭސިޓީއެއް ނެތް

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަތު އެތައް ހާހަކަށް އަރާ އިރު އެ އެންމެން ބަންދުކޮށްފައި ބޭތިއްބުމުވެ ކެޕޭސިޓީ ސަރުކާރުގެ ނެތް ކަމަށް ވެސް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވި، ހައްޔަރުކޮށްގެން ގެންގުޅޭ ނަމަ މީހެއްގެ ބޮލަށް 16،000ރ. ހަރު ކުރަން ޖެހޭ ކަމަށެވެ.

"މިސާލަކަށް 20،000 މީހުން ބަންދުކޮށްފިއްޔާ މަހެއްގެ މައްޗަށް 320 މިލިއަން ރުފިޔާ ވަރު ހަރަދުވާނެ. އެހެންވީމަ އެއީ މި ވަގުތު ސަރުކާރަށް ކުރެވޭނެ ހަރަދެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ހަރަދުގެ އިތުރަށް އެހާ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައި ބައިތިއްބާނެ ޖާގައެއް ވެސް ރާއްޖޭގެ ޖަލުތަކުގައި ނެތް ކަމަށް ވިދާޅުވި އެވެ. މިވަގުތަށް ބެލިޔަސް ހައްޔަރުކޮށް ގެންގުޅެވޭނީ ގާތްގަނޑަކަށް 50 ވަރަކަށް މީހުން ކަމަށާއި އިތުރު މީހުން ހައްޔަރު ކުރާ ނަމަ، ޖަލުގެ ޖާގަ ބޮޑު ކުރަން ވެސް ހަރަދުތަކެއް ކުރަން ޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ފެށި މަސައްކަތުގައި މިހާތަނަށް 32،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ގާނޫނީ އިމުގެ ތެރެއަށް ވައްދައިފަ އެވެ. ރާއްޖޭގައި އެންމެ ގިނައިން ގަވައިދާ ހިލާފަށް އުޅެނީ ބަންގްލަދޭޝްގެ މަސައްކަތު މީހުންނެވެ.