Roadha Mihaaru

ގަވައިދާ ހިލާފަށް ބިދޭސީން ހިންގި 11 ވިޔަފާރިއެއް ބަންދުކޮށްފި

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތަކުގެ ހުއްޓުވަން އިކޮނޮމިކް މިނިސްޓްރީން މިދިޔަ މަހުގެ ފަހުކޮޅު ފެށި މަސައްކަތާއެކު، މިހާތަނަށް އެފަދަ 11 ތަނެއް ބަންދުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ބިދޭސީން ހިންގި 11 ވިޔަފާރިއެއް ބަންދުކޮށްފި
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

05 ޑިސެމްބަރ 2025

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތަކުގެ ހުއްޓުވަން އިކޮނޮމިކް މިނިސްޓްރީން މިދިޔަ މަހުގެ ފަހުކޮޅު ފެށި މަސައްކަތާއެކު، މިހާތަނަށް އެފަދަ 11 ތަނެއް ބަންދުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައުލޫމާތު ރިޕޯޓްކުރަން މިދިޔަ މަހުގެ 27 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން މިހާތަނަށް 125 ރިޕޯޓެއް ލިބިގެން 20 ކެފޭއަކާއި 12 ރީޓެއިލް އައުޓްލެޓަކާއި ދެ ގަރާޖަކާއި ގެސްޓްހައުސްއެއް ފާސްކުރި ކަމަށެވެ.

އޭގެ ތެރެއިން 11 ތަނެއް މިހާރު ބަންދު ކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

"ވިޔަފާރިތައް ބަންދުކުރުމަށް ނޯޓިސްދީފައިވާ ސަބަބުތަކުގެ ތެރޭގައި ވިޔަފާރި ކުރުމުގެ ހުއްދަ ނެތުމާއި ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ ނެތުން ހިމެނޭ" އެތަންތަން ބަންދުކުރި ސަބަބާ ބެހޭގޮތުން އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވަން މަސައްކަތް ކުރަނީ އެ މިނިސްޓްރީ ހިމެނޭހެން އެކުލަވާލާފައިވާ ގައުމީ ޓާސްކް ފޯހަކުންނެވެ. އަދި ދިވެހިން ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ބިދޭސީން ހިންގާ ވިޔަފާރިތައް ހޯދުމުގެ ތަހުގީގެއް ކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އިކޮނޮމިކް މިނިސްޓްރީގެ 3333199 ނަމްބަރަށް ގުޅައިގެން ނުވަތަ އެ މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް އެކަން އަންގަން އެދޭ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.