Roadha Mihaaru
ކަސްޓަމްސްގެ ވެރިޔާ ނުއުމާން އަވަހާރަވެއްޖެ

ކަސްޓަމްސްގެ ވެރިޔާ ނުއުމާން އަވަހާރަވެއްޖެ

07 އެޕްރީލް 2020

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހްމަދު ނުއުމާން މިރޭ އަވަހާރަވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހްމަދު ނުއުމާން މިރޭ އަވަހާރަވެއްޖެ އެވެ.

ކަސްޓަމްސްގެ އިސްވެރިއަކަށް ޑިސެމްބަރު 11، 2018 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި، ނުއުމާން 48، އަވަހާރަވީ "މިހާރު" އަށް އެނގިފައިވާ ގޮތުގައި، އާލާސްކަންފުޅަކާ ގުޅިގެން ފަރުވާ ހޯއްދަވަން އިންޑިއާގެ ބެންގަލޫރަށް ވަޑައިގެން އުޅުއްވަނިކޮށެވެ. އެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަން ނުއުމާން އިންޑިއާގައި އުޅުއްވާތާ ހައެއްކަ މަސް ވެދާނެ އެވެ.

ސ. ހިތަދޫ ޖަނަވަރީމާގޭ ނުއުމާން އަކީ، އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުގެ މެމްބަރެކެވެ. މަޑުމައިތިރި، ހުރިހާ ފިކުރެއްގެ މީހުންނާ ވެސް ގާތްގުޅުމެއް ބޭއްވެވި ނުއުމާނަކީ އަދާލަތު ޕާޓީގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީގެ ރައީސް ވެސް މެ އެވެ.

ނުއުމާން އަވަހާރަވުމާ ގުޅިގެން އަދާލަތު ޕާޓީން ކުރި ޓުވީޓް

އިސްލާހީ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވި ނުއުމާން ވަނީ ފެނަކަ އުފެއްދިއިރު އެ ކުންފުނީގެ ޗެއާމަންގެ މަގާމުގެ އިތުރުން ސްޓެލްކޯ އާއި ހައުސިން މިނިސްޓްރީގައި ވެސް ކުރިން މަސައްކަތް ކުރައްވައިފަ އެވެ. އެ ތަންތަނުގެ އިތުރުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގައި ވެސް ނުއުމާން މަސައްކަތް ކުރެއްވި އެވެ.

ނުއުމާން އަވަހާރަވިއިރު، ދެ ފިރިހެން ބޭފުޅުންނާއި އަނބިކަނބަލުން ދުނިޔޭގައި އެބަހުންނެވި އެވެ.

ނުއުމާން އަކީ އުސޫލުތަކެއްގައި ހިފެހެއްޓެވި ބޭފުޅެއް

ނުއުމާންއާ އެކު އެންމެ ގާތުން މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރެއިން އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނުއުމާން އަކީ އުސޫލުތަކެއްގައި ހިފެހެއްޓެވި، އިސްލާހީ މަސައްކަތުގައި ކެރިވަޑައިގެން ދެމިހުންނެވި ބޭފުޅެއް ކަމަށެވެ.

އިމްރާން ވިދާޅުވި ގޮތުގައި ނުއުމާން އަކީ ދިވެހި ގައުމަށާއި އަދާލަތު ޕާޓީ އަށް މުހިންމު ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

"ދުއާ އަކީ ނުއުމާންގެ ފުރާނަފުޅަށް ﷲގެ ތަނަވަސް ރަހުމަތް މިންވަރު ކުރައްވައި، ސުވަރުގޭގެ މަތިވެރި މަގާމު މިންވަރު ކުރެއްވުން. އަދި މި ހިތާމަވެރި ވަގުތުގައި ނުއުމާންގެ އަނބިކަނބަލުންނާއި ދެ ދަރިކަލުންނާއި އާއިލާ އަށް ކެތްތެރިކަމާއި ސާބިތުކަން މިންވަރު ކުރެއްވުން،" އިމްރާންގެ ޓުވީޓުގައި ވެ އެވެ.

އިމްރާންގެ ޓުވީޓް

ނުއުމާންއާ ގާތް ހުރިހާ ބޭފުޅުން ވެސް އިއްތިފާގުވާ އެއް ކަމެއް ވެ އެވެ. އެއީ ހުލްގު ހެޔޮ، އަނިޔާވެރިކަމާ ދެކޮޅު، އިސްލާހީ މަސައްކަތްތަކުގައި ވަރުބަލި ކަމެއް ނެތި އުޅުއްވި ބޭފުޅެއް ކަމެވެ. ދީނީ ކަންތައްތަކަށް ފަރުވާތެރިވެ، އިސްލާމް ދީން ކުރިއެރުވުމަށް މަސައްކަތްޕުޅު ކުރެއްވި އެވެ. ޚާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށް އުފެއްދި ކޯލިޝަންގެ ހުރިހާ ބައިވެރިންނާ އެކު، ޖޮއިންޓް މެނިފެސްޓޯ އެކުލަވައިލުމުގައި ތަފާތު ފިކުރުގެ ބޭފުޅުންނާ އެކު ގާތުން މަސައްކަތްޕުޅު ކުރެއްވި އެވެ.