Roadha Mihaaru
އޭޝިޔާގެ ބޭންކްތައް ރިފޯމް ނުކުރުމަކީ ނަސީބެއް!

އޭޝިޔާގެ ބޭންކްތައް ރިފޯމް ނުކުރުމަކީ ނަސީބެއް!

13 އެޕްރީލް 2020

ސައުތު އޭޝިއާގެ ގައުމުތަކަށް ބަލާއިރު ބޭންކިން ދާއިރާގެ 40 ޕަސެންޓު ހިއްސާ އޮތީ ސަރުކާރުތަކުގެ ކޮންޓްރޯލް ދަށުގަ އެވެ. މިއީ މުޅި ދުނިޔެ އަށް ބެލިއަސް ގައުމުތަކުގެ ނިސްބަތުން ސަރުކާރުތައް ކޮންޓްރޯލު ކުރާ ބޭންކްތައް އެންމެ ގިނަ ސަރަހައްދެވެ. އެގޮތުން މި ސަރަހައްދުގެ އެންމެ ބޮޑު ގައުމު، އިންޑިއާ އިން އެ ގައުމުގެ ބޭންކިން ދާއިރާގެ 62 ޕަސެންޓް ކޮންޓްރޯލު ކުރެ އެވެ. ބޫޓާނުން 56 ޕަސެންޓް ކޮންޓްރޯލް ކުރާ އިރު ރާއްޖެ އާއި ސްރީލަންކާއިން ބޭންކިން ދާއިރާގެ 40 ޕަސެންޓް ކޮންޓްރޯލް ކުރެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސައުތު އޭޝިއާގެ ގައުމުތަކަށް ބަލާއިރު ބޭންކިން ދާއިރާގެ 40 ޕަސެންޓު ހިއްސާ އޮތީ ސަރުކާރުތަކުގެ ކޮންޓްރޯލް ދަށުގަ އެވެ. މިއީ މުޅި ދުނިޔެ އަށް ބެލިއަސް ގައުމުތަކުގެ ނިސްބަތުން ސަރުކާރުތައް ކޮންޓްރޯލު ކުރާ ބޭންކްތައް އެންމެ ގިނަ ސަރަހައްދެވެ. އެގޮތުން މި ސަރަހައްދުގެ އެންމެ ބޮޑު ގައުމު، އިންޑިއާ އިން އެ ގައުމުގެ ބޭންކިން ދާއިރާގެ 62 ޕަސެންޓް ކޮންޓްރޯލު ކުރެ އެވެ. ބޫޓާނުން 56 ޕަސެންޓް ކޮންޓްރޯލް ކުރާ އިރު ރާއްޖެ އާއި ސްރީލަންކާއިން ބޭންކިން ދާއިރާގެ 40 ޕަސެންޓް ކޮންޓްރޯލް ކުރެ އެވެ.

ޕަބްލިކް ބޭންކުތައް ނުވަތަ ސަރުކާރު ހިއްސާވާ ބޭންކްތަކުގެ ހިއްސާ މާލީ ދާއިރާގައި ބޮޑުވުމުގެ ސަބަބުން، ބޭންކުތަކުން އާންމުންނަށް ލޯނު ދިނުމުގައި އިޖްތިމާއީ މަންފާ އަށް އިސްކަން ދިނުމަށް ފުރުސަތު ބޮޑުވެ އެވެ. އަދި މާލީ އެހީ އެންމެ ބޮޑަށް ބޭނުންވެފައިވާ މީހުންނަށް އެހީތައް ލިބުމަށް ފުރުސަތު އޮވެ އެވެ. މިއީ ކޮވިޑް-19 ގެ ހާލަތުގައި ވެސް ކަންތައް ވާނެ ގޮތެވެ.

އެހެން ނަމަވެސް ގައުމެއްގައި އަމިއްލަ ބޭންކްތަކުގެ ހިއްސާ ބޮޑު ނަމަ، ބޭންކްތަކުން ލޯނު ދިނުމުގައި މާލީ ގޮތުން އެ މީހަކަށް ފައިސާ އަނބުރާ ދެއްކޭނެތޯ ބަލާނެ އެވެ. އަދި އެންމެ ބޮޑު އިސްކަމެއް ދޭނީ، އަމިއްލަ ފަރުދުންގެ މަސްލަހަތަށް ވުރެ ބޭންކްގެ މަސްލަހަތަށެވެ.

މި ސަރަހައްދުގެ ގައުމުތަކުގެ ބޭންކްތައް ކޮންޓްރޯލު ކުރުމުގައި ސަރުކާރުގެ ދައުރު ބޮޑުވުމުގެ ސަބަބުން، އިގްތިސާދީ ކާރިސާތަކުގައި ބޮޑު ނަސީބަކަށްވީ ނަމަވެސް ބޭންކިން ދާއިރާ މިގޮތަށް އޮތުމުގެ ސަބަބުން މާލީ ދާއިރާގެ ވާދަވެރިކަން ކުޑަވެ، މާލީ ދާއިރާ ކުރިއަރަން ހުރަސްތަކާ ކުރިމަތިވެ އެވެ.

ލޯނު ނުދެއްކުން އިތުރުވޭ

ސައުތު އޭޝިއާގެ ގައުމުތަކުގެ ބޭންކިން ދާއިރާގައި ލޯނަށް އަނބުރާ ފައިސާ ނުދައްކާ ރޭޓް، އެއް އަހަރުން އަނެއް އަހަރަށް ދަނީ އިތުރުވަމުންނެވެ. މީގެ ތެރެއިން ވެސް ލޯނު ނުދައްކާ ރޭޓު އެންމެ ބޮޑީ ސަރުކާރު ހިއްސާވާ ބޭންކްތަކުގަ އެވެ. މިކަމުގެ ސަބަބުން އަމިއްލަ ބޭންކްތަކަށް ވުރެ ޕަބްލިކް ބޭންތަކަށް ލިބޭ ފައިދާ ވެސް ކުޑަވެ އެވެ. މި ސަރަހައްދުގެ ގިނަ ގައުމުތަކުގެ ޕަބްލިކް ބޭންކްތައް ހިންގަނީ ގެއްލުމުގަ އެވެ.

ފިނޭންސް މިނިސްޓަރު (ކ) އާއި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ (ވ) ބިޒްނަސް ސެންޓާ ހުޅުއްވައިދެއްވަނީ-- ފޮޓޯ: ބީއެމްއެލް

ފިނޭންސް މިނިސްޓަރު (ކ) އާއި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ (ވ) ބިޒްނަސް ސެންޓާ ހުޅުއްވައިދެއްވަނީ-- ފޮޓޯ: ބީއެމްއެލް

ސަރުކާރު ހިންގަން ބަރޯސާ ވަނީ ބޭންކްތަކަށް

މި ސަރަހައްދުގެ ބޭންކްތަކުގައި ސަރުކާރުގެ ބޮޑު ހިއްސާއެއް އޮތުމުގެ ސަބަބުން، އެ ބޭންކްތަކުގެ އެންމެ ބޮޑު ފައިދާ ވެސް ހޯދަނީ ސަރުކާރުތަކުންނެވެ. އާންމުންގެ ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ކޭޝް ފްލޯ ތާށިވާ ކޮންމެ ދަނޑިވަޅެއްގައި ދަނީ ބޭންކްތަކަށެވެ. މިހެން ހެދުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތައް ކުރިއެރުމަށް ބޭންކްތަކުން ދޫކުރަން ހުންނަ ފައިސާ މަދުވެ އެވެ. އަދި ވިޔަފާރިތައް ކުރިއަރުވަން އޮންނަ ފުރުސަތު ކުޑަވެގެންދެ އެވެ.

ޕާކިސްތާނުގައި ބޭންކްތަކުން ޕްރައިވެޓް ސެކްޓަރަށް ދޫކުރާ ލޯނުގެ އަދަދު މިދިޔަ 11 އަހަރު ތެރޭ ވަނީ 29 ޕަސެންޓުން 15 ޕަސެންޓަށް ވެއްޓިފަ އެވެ. މި މުއްދަތުގައި ސަރުކާރުގެ އެތެރޭގެ ދަރަނި ވަނީ 30 ޕަސެންޓުން 54 ޕަސެންޓަށް އިތުރުވެފަ އެވެ.

ސަރުކާރު ބޭންކްތައް ސިޔާސީ ހަބަކަށް

ވޯލްޑް ބޭންކުން ހާމަކޮށްފައިވާ ގޮތުގައި ސަރުކާރު ހިއްސާވާ ބޭންކްތައް ގިނަވުމުގެ ސަބަބުން ސިޔާސީ މީހުންނަށް އެމީހުންގެ އަމިއްލަ އެޖެންޑާތައް އިސްކޮށް، އަމިއްލަ މަންފާ ހާސިލު ކުރުމަށްޓަކައި ބޭންކްތައް މެދުވެރިކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑުވެ އެވެ.

މި ސަރަހައްދުގެ ގިނަ އިކޮނޮމިސްޓުން ގަބޫލު ކުރާ ގޮތުގައި ސައުތު އޭޝިއާގެ ޕަބްލިކް ބޭންކްތަކުގެ ތެރެއިން އުމްރާނީ އަދި އިޖްތިމާއީ ތަރައްގީގެ ހަރަކާތްތައް ވަކި އިތުރެއް ނުވެ އެވެ. އަދި ޕަބްލިކް ބޭންކްތައް މެދުވެރިކޮށް ޕޮލިޓީޝަނުން އެ މީހުންގެ އަމިއްލަ ވިޔަފާރިތައް ކުރިއަރުވަން ބޭނުންވާ ފައިސާ ހޯދާ ކަމަށް މި ސަރަހައްދުގެ ގިނަ އިކޮނޮމިސްޓުން ދެކެ އެވެ.

ބީއެމްއެލުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި. ސަރުކާރުން ބީއެމްއެލްގެ 62 ޕަސެންޓް ހިއްސާވޭ

ބީއެމްއެލުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި. ސަރުކާރުން ބީއެމްއެލްގެ 62 ޕަސެންޓް ހިއްސާވޭ

މިކަންކަން އެންމެ ބޮޑަށް ފާހަގަ ވަނީ ސަރަހައްދުގެ ގައުމުތަކުގެ ތަފާސްހިސާބުތަކުންނެވެ. އިންޑިއާގައި ކޮންމެ އިންތިހާބުތަކާ ދިމާކޮށް ދަނޑުވެރިންނަށް ލޯނު ދޫކުރާ ވަރު އިތުރުވެ އެވެ. އެއްވެސް ޕްލޭނެއް ނެތި ސިޔާސީ ބޭނުންތަކަށް ދަނޑުވެރިންނަށް ލޯނު ކުރުމުގެ ސަބަބުން އެކަމުންވާ ފައިދާ އަށް ވުރެ އިގްތިސާދަށް ވަނީ ގެއްލުމެވެ. އިންޑިއާގެ އިތުރުން ޕާކިސްތާނުގައި ސިޔާސީ ނުފޫޒު އޮތް ބޮޑެތި ކުންފުނިތަކަށް ޕަބްލިކް ބޭންކްތަކުން އާދަޔާ ހިލާފަށް ލޯނު ދޫކޮށް، އެ ލޯނު ނުދައްކާ ހުންނަ ކަން ވެސް ވަނީ ފާހަގަކުރެވިފ

ދާދި ފަހުން ޕަބްލިކް ބޭންކްތައް މެދުވެރިކޮށް ބަންގްލަދޭޝްގައި ވަނީ ލޯނު ސްކޭމްތަކެއްގެ މައްސަލަ ފެންމަތި ވެފަ އެވެ.

މިފަދަ ސަބަބުތަކަށްޓަކައި މި ދާއިރާ ވަރަށް ބޮޑަށް ރީފޯމްކޮށް، "ބެސްޓް ޕްރެކްޓިސް"ތަކަށް ރުޖޫއަ ވާން ޖެހޭ ކަމަށް ވޯލްޑް ބޭންކުން ދެކެ އެވެ. އެހެން ނަމަވެސް، ތަރައްގީ ވަމުން އަންނަ ގައުމުތައް ހިމެނޭ ސައުތު އޭޝިއާގެ ގައުމުތަކަށް ކޮވިޑް-19 ފަދަ ހާލަތެއްގައި ބޭންކްތައް ސަރުކާރުގެ ކޮންޓްރޯލު ދަށުގައި އޮތުން މިވަނީ ބޮޑު ނަސީބަކަށްވެފަ އެވެ.

އިގްތިސާދު ހަމަ މަގަށް އަޅުވަން ޕަބްލިކް ބޭންކްތަކުގެ ރޯލު ބޮޑު

ފާއިތުވެދިޔަ 15 ވަރަކަށް އަހަރުގެ ތެރޭގައި ޕަބްލިކް ބޭންކްތަކުން އެންމެ ބޮޑަށް މަސައްކަތް ކުރީ މާލީ ހާލަތު ހަމަ މަގަށް އެޅުވުމަށެވެ. ފަހުގެ ތާރީހެއްގައި ޕަބްލިކް ބޭންކްތަކުގެ ދައުރު އެންމެ ބޮޑަށް ފެނުނީ "ގްލޯބަލް ފައިނޭޝަލް ކްރައިސިސް" ދުވަސްވަރު އެވެ. އެ ހާލަތުގައި ވެސް އިންޑިއާގެ ބޭންކްތަކުން އާންމުންނަށް ލޯނު ދޫކުރުމަކަށް ހުއްޓުމެއް ނާދެ އެވެ. އެހެން ނަމަވެސް އަމިއްލަ ބޭންކްތަކުން ލޯނު ދޫކުރުން ހުއްޓުމަކަށް ގެނަ އެވެ. ނަތީޖާއަކަށްވީ ޕަބްލިކް ބޭންކްތައް އިތުރަށް ކުރިއަރައިގެން ދިއުމެވެ.

އިންޑިއާގެ އެކްސްޕޯޓަރުންގެ ތެރެއިން ޕަބްލިކް ބޭންކްތަކާ ގުޅިފައިވާ ކުންފުނިތަކަށް ފައިނޭޝަލް ކްރައިސިސްގައި އެއްވެސް ގެއްލުމަކާ ކުރިމަތި ނުވި އިރު ޕްރައިވެޓް ބޭންކްތަކާ ގުޅިފައިވާ އެކްސްޕޯޓަރުންގެ އާމްދަނީ ގާތްގަނޑަކަށް އަށް ޕަސެންޓް ދަށްވި އެވެ. އިންޑިއާގެ ގިނަ އެކްސްޕޯޓަރުން ޕަބްލިކް ބޭންކްތަކަށް ބަރޯސާވެފައި އޮތުމުން އެފަހަރު އިގްތިސާދަށް އެންމެ ކުޑަ އަސަރެއް ކުރީ އިންޑިއާއަށެވެ.

އިގްތިސާދީ ލޮޅުންތައް ކުރިމަތިވާ ހާލަތުގައި އަމިއްލަ ރައްކާތެރިކަން ހޯދުމަށްޓަކައި އާންމުން ވެސް ޕްރައިވެޓް ބޭންކްތަކުގެ ބަދަލުގައި ފައިސާ ޖަމާ ކުރަނީ ޕަބްލިކް ބޭންތަކަށެވެ.

އިގްތިސާދު ކުރިއަރުވަން ބޮޑު އެހީއެއް

ޕަބްލިކް ބޭންކުތައް މެދުވެރިކޮށް، މާލީ ގޮތުން މުޖުތަމައުގެ ބައިވެރިވުން އިތުރު ކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެ އެވެ. އަދި އާންމުންގެ މާލީ ގާބިލުކަމާއި ފުދުންތެރިކަން އިތުރު ކުރަން ވެސް އެހީތެރިވެ އެވެ. އިންޑިއާ އިން ކުރިއަށް ގެންދިޔަ "ފައިނޭންޝަލް އިންކްލޫޝަން ޕްރޮގްރާމު"ގެ ދަށުން 255 މިލިއަން އާ ބޭންކް އެކައުންޓްތައް ހުޅުވުނެވެ. އެހެންވެ ދަނޑުވެރިކަމާއި ކުދި ވިޔަފާރިތަކަށް ބޭނުންވާ ލޯނުތައް ދިނުން އިތުރުވި އެވެ. ބަންގްލަދޭޝް ފަދަ ގައުމުތަކުގެ ފަގީރުކަން ކުޑަ ކުރުމަށް މިފަދަ ކުދި ލޯނުތަކުން އެހީތެރިވި އެވެ.