Roadha Mihaaru
ބޭންކްރަޕްސީ ގާނޫނެއް މުހިއްމު: މެމްބަރުން

ބޭންކްރަޕްސީ ގާނޫނު މި ވަގުތަށް ވަރަށް މުހިއްމު: މެމްބަރުން

26 އޮކްޓޯބަރ 2020

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިފްލާސްވުމާއި އިފްލާސްކުރުމުގެ ގާނޫނު ނުވަތަ ބޭންކްރަޕްސީ ގާނޫނުގެ ބިލަކީ އިގުތިސާދީ ގޮތުން މިހާރު އޮތް ހާލަތާ ވެސް ވަރަށް ގުޅޭ ބިލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިފްލާސްވުމާއި އިފްލާސްކުރުމުގެ ގާނޫނު ނުވަތަ ބޭންކްރަޕްސީ ގާނޫނުގެ ބިލަކީ އިގުތިސާދީ ގޮތުން މިހާރު އޮތް ހާލަތާ ވެސް ވަރަށް ގުޅޭ ބިލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

އިފްލާސްވުމާއި އިފްލާސްކުރުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދެވެ. މަޖިލީހަށް ބިލު ތައާރަފްކޮށްދެއްވަމުން އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރު ކަންތައްތައް ހުރި ގޮތުން، ވިޔަފާރިކުރާ މީހަކު ދަރަނިވެރި ވެއްޖެ ނަމަ އެ މީހާ ވިޔަފާރިކުރުމުގެ ފުރުސަތު އަލުން ނުލިބޭ ކަމަށާއި އެކަމަކު އިފްލާސްވުމުގެ ފުރުސަތު އޮންނަ ނަމަ އެ ފުރުސަތު އަލުން ލިބޭނެ ކަމަށެވެ. ބިލު ގާނޫނަކަށް ވުމުން، އެ ގާނޫނުގެ ދަށުން އިފްލާސްވެވޭނީ އަދި އިފްލާސް ކުރެވޭނީ ފަރުދުންނަށް ކަަމަށާއި ކުންފުނިތައްް އިފްލާސް ނުކުރެވޭނެ ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ މިހާރު ކަންތައްތައް ހުރި ގޮތުން، މީހެއްގެ އަތުން ދަރަންޏަށް ފައިސާ ނަގައިގެން މަސައްކަތެއް ކުރަން އުޅޭ މީހަކަށް އެކަމެއް ނާކާމިޔާބުވާ ހިސާބުން އެ މީހެއްގެ ދުވަސްދާ ކަމަށެވެ. އެގޮތުން އެ މީހާ އާއި އާއިލާގެ ހުރިހާ ފައިސާއެއް ހިފަހައްޓައި، އެއްވެސް ކަމެއް ނުކުރެވޭ ފަދަ ހާލަތެއް ކުރިމަތިވާ ކަަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.

"އޭނާ އަށް ދުނިޔޭގައި އުޅެވޭނެ ގޮތެއް ނެތް އޭޭނާ ހަމަ މަރުވުމާ އެއްފަދަ،" އިލްޔާސް ވިދާޅުވި އެވެ.

މިހާރު ހުށަހަޅާފައިވާ ބިލު ގާނޫނަކަށް ވުުމުން ވާނެ އެންމެ މުހިއްމު ކަމަކީ އޭނާ ވިދާޅުވި ގޮތުގައި ކޯޓަށް ގޮސް ބޭންކްރަޕްސީ އިއުލާނުކޮށް، އެ މަރުހަލާ ނިމުމުން އަލުން އަނބުރާ ވިޔަފާރީގެ މަސައްކަތަށް ދިއުމުގެ ފުރުސަތު އޮތުމެވެ. ފައިސާ ދޭ މީހުންނަށް ވެސް މި ބިލުން ފައިދާ ކުރާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ. މިހާރު އޮތް ގޮތުން މީހަކަށް ދޫކުރާ ފައިސާއެއް ނުލިބެން ކޯޓަށް ދިޔަސް ފައިސާ އަނބުރާ ހޯދޭނެ ގޮތެއް ނޯންނަ ކަމަށާއި އެކަމަކު މި ބިލުން އެކަަމަށް ހައްލެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވިގޮތުގައި ޓޫރިޒަމަށް ދޫކޮށްފައިވާ ރައްތަކުގެ ތެރެއިން 70 ވަަރަކަށް ރަށް ނުހެދި އޮތް އިރު އެ ރަށްތަކުގެ ނަމުގައި ލޯނުތައް ނަގައި، ނުދެއްކިފައި އެބަހުރި ކަމަށެވެ. ބޭޭންކްރަޕްސީ ގާނޫނު އައުމުން އެ ރަށްތައް ވިއްކައިގެން ރާއްޖެ އަށް ބިލިޔަނެެއްހާ ޑޮލަރު ހޯދޭނެ ކަމަށް ވެސް އޭނާ ވިދާާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ކޮވިޑް-19 ފެތުރޭތީ އިގުތިސާދު ހީނަރުވެފައިވާ މި ވަގުތަށް، ބިލްގެ މުހިއްމުކަން ވަކިިން ބޮޑު ކަމަށެވެ.

ބޭންކްރަޕްސީ ބިލަކީ ވަރަށް ޓެކްނިކަލް ބިލަކަށް ވާތީ އެ ބިލްގައިވާ މަފްހޫމްތަކާ ބެހޭ މައުލޫމާތު މެމްބަރުންނަށް ދެއްވަން ކަމާ ބެހޭ މާހިރަކު މަޖިލީހަށް ގެންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވި އެވެ. މަޖިލީހަށް ހުށަހަޅާ ބިލުތަކާ ބެހޭ ޓެކްނިކަލް މައުލޫމާތު ހޯދަން ކަމާ ބެހޭ މާހިރުންގެ ލަފާ މިހާރު ވަރަށް ގިނައިން ހޯދަ އެވެ.